ލައިފްސްޓައިލް

ބޭސްނުކައި، ކަސްރަތުނުކޮށް ހިކެން ބޭނުންތަ؟

Dec 25, 2016
1

ކަސްރަތުކުރާ މީހުން މިހާރު ވަރަށް ވެސް ގިނަވެއްޖެ އެވެ. މިއީ ދިވެހިންގެ ލައިފްސްޓައިލުން ވެސް ފާހަގަކޮށްލެވޭ ރަނގަޅު، ހެޔޮ ބަދަލެކެވެ. ނަމަވެސް ކަސްރަތު ކުރުމަކީ ބައެއް މީހުންގެ ކަމެކެވެ. އޭގެ ތެރޭގައި ވެސް މިތިބެނީ ދެ އެދުމަކާއިގެން ކަސްރަތަށް ނުކުންނަ މީހުންނެވެ. ބައެއް މީހުންނަކީ ހެޔޮހިތުން ދުޅަހެޔޮ ސިއްހަތަކަށް ހިތްކިޔައިގެން އުޅޭ މީހުންނެވެ.

ދެން މި ތިބެނީ ފަލަވާތީ ނުވަތަ ފަލަވުމުން ހިކެންވެގެން ކަސްރަތުކުރާ މީހުންނެވެ. ޔަގީނަށް ވެސް މަދުވާނީ މި ވައްތަރުގެ މީހުންކަން ޔަގީނެވެ. ސަބަބަކީ ކަސްރަތުނުކޮށް ބޭސްތަކެއް ކާލައިގެން ވެސް ސަރުބީ އަންދައި ހިކޭނެ މަގު މި ޒަމާނުގައި ފަހިވެފައިވާތީ އެވެ.

އެކަމަކު އަދި އެހެން ބަޔަކު ވެސް އެބައުޅެ އެވެ. އެއީ ކަސްރަތު ވެސް ކުރަން ބޭނުން ނުވާ މީހުންނެވެ. ބޭސްކާން ވެސް ބޭނުން ނުވާ މީހުންނެވެ. ނަމަވެސް ހިކެން ބޭނުންވާ މީހުންނެވެ.

އެހެންވީމަ އެމީހުންނަށް ހަދާނީ ކިހިނެތް ހެއްޔެވެ؟ ބަނޑަށް މަރުވާން ދޫކޮށްލަންވީ ހެއްޔެވެ؟

ކަންބޮޑުވާނެ ކަމެއް ނެތެވެ. ކަސްރަތާއި ބޭހުގެ ފަރުވާ ބޭނުން ނޫން ނަމަ ފަލަވުން ހުއްޓުވައި ހިކެން އޮތް ހަމައެކަނި ގޮތަކީ ހުސް ބަނޑާ ހުރުމެއް ނޫނެވެ. ނުވަތަ ނިކަން ހަރުކަށި ކެއުމުގެ ގަވާއިދަތަކަށް ތަބާވުމެއް ވެސް ނޫނެވެ.

އެކަމަކު ބޭހާއި ކަސްރަތަށް ނުގޮސް ހިކޭނޭ ހަ ގޮތެއްގެ ވާހަކަ އެބައޮތެވެ. މި ވާހަކަތައް އިތުރަށް ކިޔަން ކެރޭނެ ހެއްޔެވެ؟

ހަމަ ނިދި ހޯދިދާނެތަ؟

ފަލަވަނީއޭ، ހިކެންވީއޭ ބުނެ ވާހަކަ ދެކެވޭ ކޮންމެ ފަހަރަކު ގިނަ މީހުންނަށް ގަބޫލުކުރެވިފައި އޮންނަނީ މިއީ ހަށިގަނޑަށް އިތުރުވާ ކެލޮރީސްއާ އެކު ބަރުދަން މައްޗަށް ދިއުމުގެ މައްސަލައެއް އެކަނިހެންނެވެ. ނަމަވެސް ހަގީގަތަކީ، ފަލަވުމުގެ މައްސަލައިގެ ހަމައެކަނި ކުށްވެރިންނަކީ ކެލޮރީ އާއި ބަރުދަނެއް ނޫން ކަމެވެ.

ތަޖުރިބާކާރުން ބުނަނީ ހަމައެކަނި ކެލޮރީ އާއި ބަރުދަން އަދި ކަސްރަތަށް ސަމާލުކަންދީގެން ނުވެސް ހިކިދާނެ ކަމަށެވެ.

އެހެންވީމަ އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭ ކަމަކީ ކޮބައި ހެއްޔެވެ؟ ތަޖުރިބާކާރުން ބުނަނީ މިހެންނެވެ. -- އެއީ ނިންޖެވެ!

ހަމަނިދި ނުލިބި ސްޓްރެސް ލެވެލް މަތިވުމަކީ ބަރުދަން އިތުރުވެ ފަލަވުމަށް މެދުވެރިވެދާނެ ކަމެކެވެ. މިސާލަކަށް ހަމަނިދި ނުލިބި މާ ގިނައިން ކަސްރަތުގައި ވަގުތު ހޭދަކުރުމަކީ ވެސް މީހާ މޮޔަކޮށް ފަލަކޮށްލަފާނެ ކަމެކެވެ.

ފެނުގެ ތާރީސާއި ފަރުވާ ލިބިގަތުން

ހެނދުނު ހެނދުނާ ހޭލައިގެން ގަވާއިދުން ބަނޑުފުރައި ފެން ބުއިމަކީ އޭގެ އެތައް ހާސް ފައިދާތަކެއް ހަށިގަނޑަށް ކުރާ ކަމެކެވެ. ވަކިން ހާއްސަކޮށް ހުސްބަނޑާ ހުރެގެން ފެން ބުއިމުގެ ފައިދާ ގިނަ ކަމަށް ތަޖުރިބާކާރުން ލަފާދެ އެވެ. އަނެއްކޮޅުން މިއީ ބަރުދަން ލުއިކުރުމަށް ވެސް އޮތް ރަނގަޅު ތެރަޕީއެއް ކަމަށް ބުނެވެ އެވެ.

އެކަމަކު ފެން ބޮއެގެން އެބަ ހިކެއޭ ކިޔާފައި ގަޑިއަކު ލީޓަރެއްގެ ފެން ބޯނީކީއެއް ނޫނެވެ. އޭރަށް ބަލިވެދާނެ އެވެ.

މަސާޖަކުން އަރާމުލިބިގަތުން

މަސާޖާއި އޭގެ އަރާމަކީ ވެސް ބަރުދަން ލުއިކުރުމަށް ނެގިދާނެ ފަރުވާއެކެވެ. އަނެއްކޮޅުން މިއީ ސްޓްރެސް ލެވެލް ދަށްކޮށްދޭނެ ކަމެކެވެ. ސްޓްރެސް ލެވެލް ދަށްކުރުމަކީ ޔަގީނަށް ވެސް އުފާވެރި އަދި ދުޅަހެޔޮ ދިރިއުޅުމެއްގެ ފުރަތަމަ ފިޔަވަޅެވެ.

ގޭގައި ޖެހޭ މަސައްކަތްތައް އަމިއްލަ އަށް ކޮށްލުން

އެއްވެސް ކަމެއް ނުކޮށް ގޭގައި ދެ އަތް އުރާލައިގެން ނުވަތަ ސޯފާގަނޑުގައި އޮށޯވެލައިގެން ހަތަރު ދަމު އޮތުމަކީ ހިކޭނެ ކަމެއް ނޫނެވެ. އެއްވެސް ވަރަށް ކެލޮރީސް އަންދަން ބޭނުން ނަމަ ގޭތެރޭގައި ޖެހޭ މަސައްކަތްތައް ވެސް ކޮށްލައިގެން ކުޑަކޮށް ދާ ކައްކާލައިގެން އުޅޭށެވެ. ގަވާއިދުން ތަންތަން ފޮޅައި ސާފުކުރުން އާދައަކަށް ހަދާލާށެވެ.

މިސާލަކަށް ކޮންމެ ހުކުރު ދުވަހަކު މެޝިނުން އަންނައުން ދޮވުމުގެ ބަދަލުގައި ދެ އަތުން އެކަންކޮށްލަނިކޮށް ވެސް ނިކަން ވަރުގަދަ އަށް ހުންނާނީ ކަސްރަތުކޮށްލެވިފަ އެވެ. މަހެއް ވަރުވެލީމަ މަސްގުޅައެއް ވެސް ނުކާނެވެ.

ފަތަން ދިއުން

މިއީ ކަސްރަތެއްކަން އިހްސާސުނުވާ އެންމެ ފައްކާ ކަސްރަތޭ ބުނެވިދާނެ އެވެ. އަދި ވަކިން ހާއްސަކޮށް ވަރުބަލިކަން އެންމެ ކުޑަ އެއް ބާވަތުގެ ކަސްރަތޭ ވެސް ބުނެވިދާނެ އެވެ. މިއީ ބަރުދަން ލުއިކުރުމަށް ވިސްނާ ނަމަ ކޮންމެވެސް ވެސް ކުރަން ޖެހޭ ކަމެކެވެ.

ފަތަން ނޭނގޭ ނަމަ ކުލާހަކަށް ގޮސްގެން ވިޔަސް އަވަހަށް ފަތަން ދަސްކުރާށެވެ.