ރާއްޖެ ކުޅިވަރު

އަންހެން ސާފް ޗެމްޕިއަންޝިޕް: ދިވެހި ޓީމުގެ އަމާޒަކީ ސެމީ

Dec 25, 2016
1

މާދަމާ އިންޑިއާގައި ފަށާ ސާފް ޗެމްޕިއަންޝިޕް އަންހެން ފުޓްބޯޅަ މުބާރާތުގައި ވާދަ ކުރާ ރާއްޖޭގެ ޓީމުގެ އަމާޒަކީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުން ކަމަށް ޓީމުގެ ކެޕްޓަން ފަދުވާ ޒާހިރު ބުނެފި އެވެ.

މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ ޔުއޭއީގައި ޓްރެއިނިން ކޭމެޕެއް ކުރިއަށް ގެންގޮސްފަ އެވެ. އަދި އެ ޓީމާ ދެކޮޅަށް ކުޅުނު ދެ މެޗްގެ ތެރެއިން އެ މެޗުން ރާއްޖެ މޮޅުވިއިރު، އަނެއް މެޗުން ވީ ބައްޔެވެ.

"ޔޫއޭއީ ގައި ކުޅުނު ދެ މެޗުގައި ވެރަށް ރަނގަޅު ހާއްސަކޮށް ޒުވާން ކުޅުންތެރިންގެ ފަރާތުން ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ، ޔޫއެއީ ޓީމަކީ ރާއްޖެއަށް ވުރެ މޮޅު ޓީމެއް. އެޓީމާ ދެކޮޅަށް ނަތީޖާ އެއް ނެރެވުމަކީ މުބާރާތުގެ މެޗުތަކަށް އެކަމުން ފައިދާ ކުރާނެ ކަމެއް،" ފަދުވާ ބުންޏެވެ.

ރާއްޖެ ހިމެނުނީ އެންމެ ފަހުގެ ރަނަރަފު ނޭޕާލާއި ބޫޓާން އަދި ލަންކާއާއެކު ގުރޫޕް އޭ ގައެވެ.

ފަދުވާ ބުނީ ގުރޫޕް ގައި ރާއްޖެއަށް އެންމެ އުނދަގޫ ޓީމަކީ ނޭޕާލް ކަމަށާއި ސެމީ ފައިނަލަށް ދެވޭނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ.

"މިފަހަރު ގުރޫޕްގައި އެންމެ ވަރުގަދަ ޓީމަކަށް މިއޮތީ ނޭޕާލް ފުރަތަމަ އަމާޒަކީ ގުރޫޕް ސްޓޭޖް ކަޑަތުކޮށް ސެމީ ފައިނަލަށް ދިއުން."

މިއީ އަންހެން ސާފް ޗެމްޕިއަންޝިޕްގެ ހަތަރު ވަނަ މުބާރާތެވެ. މުބާރާތުގެ ހަމައެކަނި ޗެމްޕިއަނަކީ އިންޑިއާ އެވެ. އިންޑިއާއެކު އަނެއް ގުރޫޕްގައި ހިމެނެނީ ބަންގުލަދޭޝް އާއި އަފްޣާނިސްތާނެވެ. ގުޅުން ގޯސްވެފައިވާ އިންޑިއާ އާއި ޕާކިސްތާންގެ މައްސަލަ މުބަރާތަށް އެޅި އިންޑިއާގައި ބާއްވާތީ ޕަކިސްތާން މުބާރާތުގައި ވާދަ އެއް ނުކުރެއެވެ.