ލައިފްސްޓައިލް

ލޯބިން ކައިވެނިކުރި ބައިވެރިޔާ މަތިން މިހާރު ފޫހިވީތަ؟

Dec 25, 2016

ޒަވާޖީ ހަޔާތެއް ނުވަތަ ލޯބިން ގުޅިގެން އުޅޭ ޒުވާން ދެ ހިތެއް ވެސް ނަގައި ކޮޅަށް ޖެހުމަކީ ތިޔަ ހީކުރާހާ ފަސޭހައިން ކުރެވިދާނެ ކަމެއް ނޫނެވެ. ލޯބި ނުވަތަ ބައިވެރިޔަކު، ނޫން ނަމަ ބިޓެއް، ފަހަރެއްގައި ވަރަށް ފަސޭހައިން ސެޓުކުރެވިދާނެ އެވެ. ނަމަވެސް އެކުގައި އުޅެން ހިތުން ނިޔަތް ގަތުމަށް ފަހު އެ ދިރިއުޅުމެއް އުފާވެރި ކުލަތަކަކުން ޖަރީކޮށް ދިއްލައިލުމަކީ ފަސޭހައިން ކުރެވިދާނެ ކަމެއް ނޫނެވެ.

ވަކިން ހާއްސަކޮށް ދެ މީހުން އެކައްޗެއް ކިޔައިގެން ފަށާ މި ދަތުރުގައި އެކަކު ފަލިނުޖަހައި އަތް ދޫކޮށްލިޔަސް ހަޔާތުގެ މި މާ ސިންގާ ދަތުރުގައި، މާ ކަނޑަށް ބެހިގެން ހިނގައިދާނެ އެވެ.

ނިކަން ލޯބިން ގުޅޭ ދެ ހިތެއް ނުވަތަ ނިކަން ލޯބިން ކައިވެނިކުރާ ދެ މީހެއްގެ ހަޔާތަށް ވެސް ފޫހިކަންވެރިވެ އެކަކު އަނެކަކުގެ މަތިން ފޫހިވާން ޖެހޭ ސަބަބަކީ މިއީ ކަމަށް ވެސް ވެދާނެ އެވެ. ނަމަވެސް ވަކި ތަރުތީބަކަށް ލޯބީގެ ހަޔާތް ބަހާލައިފި ނަމަ ފޫހިކަމަކީ ތިމާގެ ޒަވާޖީ ހަޔާތާ އެންމެ ބީރައްޓެހި އިހްސާސަށް ވެސް ހަދައިލެވިދާނެ އެވެ.

އެހެންވީމަ އެންމެ ފުރަތަމަ ވެސް ކުރަންވީ ކަމަކީ ކޮބައިކަން އެނގޭ ހެއްޔެވެ؟

ރަނގަޅަށް ކަންކަން ކޮށްދޭށެވެ.

އެކަމަކު މިގޮތަށް އަބަދު، ހުރިހާ ކަމެއްގައި ބައިވެރިޔާ އަށް އާދަޔާހިލާފަށް ރަނގަޅުވެ ކަމޭހިތުމަކީ ދާއިމީގޮތެއްގައި ކުރަން އެހާ ފަސޭހަވެދާނެ ކަމެއް ނޫނެވެ. އެކަމަކު އެކަން ވެސް ދަނެގެން، ވީހާ ވެސް ކެތްތެރިކަމާ އެކު ވީހާ ވެސް ލޯތްބާއި އަޅާލުން ކުރިއަށް ނެރެގެން ހުރިހާ ކަމެއްގައި ފަސޭހަ އާއި ލޯބި ބައިވެރިޔާ އަށް އިހްސާސުކޮށްދޭން މަސައްކަތްކުރާށެވެ.

ވަކިން ހާއްސަކޮށް ހިތްހަމަނުޖެހޭ ކަމެއް ދިމާވިޔަސް، ޒުވާބުކޮށް ދެ މީހުންގެ އަގުވެއްޓޭނޭ ފަދަ ގޮތަކަށް އަމަލުތައް ގެންދިއުމުގެ ބަދަލުގައި މައިތިރިވެ ދެ މީހުންގެ އިހްސާސްތަކަށް އިހްތިރާމްކޮށް ސުލްހަޔަށް ލޯބިކުރަން ދަސްކުރާށެވެ.

ލޯބިން ގުޅިގެން އުޅޭ ދެ ހިތެއްގައި މިއަށް ވުރެ ވަކި ލޯބި ސިފައެއް ޖެއްސޭނެހެނެއް ހީއެއް ނުވެ އެވެ. ދެ މީހުން އެކަކު އަނެކަކަށް އިހްތިރާމްކޮށް އެހީވެ އަޅާލުމަކީ މާތްކަންކަމުގެ ތެރެއިން ވެސް މާތް ކަމެކެވެ.

އިތުބާރު ގެއްލިޔަ ދީގެން ނުވާނެ!

ބޮޑަށް ސަމާލުކަން ދޭންވީ އަމިއްލަ ނަފުސުގެ އިތުބާރަށެވެ. އަމިއްލަ ނަފުސަށް އިތުބާރު ބޮޑުވުމަކީ އެމީހަކަށް އެހެން މީހުންގެ ހިތް ފަސޭހައިން ލެނބޭ ސިފައެއްކަން ދިރާސާތަކުން އެނގިފައިވެ އެވެ. ހަގީގަތުގައި ވެސް އަމިއްލަ ނަފުސުގެ އިތުބާރަކީ ދެ ހިތެއް ލޯބިން ގުޅުވައިދޭ އެންމެ ވަރުގަދަ ދަގަތްފާނު ބާރެވެ.

މި ބާރު ލިބިގަނެވިއްޖެ ނަމަ ހަގީގަތުގައި ވެސް ކަންބޮޑުވާން ޖެހޭ ކަންތައްތައް ދިރިއުޅުމުގައި ނުވަތަ ޒަވާޖީ ހަޔާތުގައި މަދުވާނެ އެވެ.

ދުޅަހެޔޮ ސިއްހަތަކަށް ލޯބިކުރުން

މިއީ ދެ މީހުންގެ ޖިސްމާނީ އަދި ނަފުސާނީ ދުޅަހެޔޮކަމުގެ ހައްގުގައި ކުރަން ޖެހޭ ކަމެކެވެ. ދެ މީހުން ސިއްހަތު ރަނގަޅުކޮށް ތިބުމަކީ ދެ މީހުންގެ ދެމެދުގައި އޮންނަ ޝައުގުވެރިކަން ބޮޑުކޮށް ލޯބި އިތުރުކޮށްދޭ ކަމެކެވެ. އެހެންވީމަ ސިއްހަތަށް އެންމެ ފައިދާކުރާ މީރު ކެއުންތައް ކައްކަން ދެ މީހުން އެކުގައި ބަދިގެ އަށް ވަދެ ތިއްބަސް އެއީކީ މައްސަލައެއް ނޫނެވެ.

އުއްމީދުނުކުރާ ކަމަކުން ސަޕްރައިޒްކޮށްލުން

މިސާލަކަށް ބައިވެރިޔާ ހެނދުނު ހޭލާ އަށް އޭނާ އަށް ދުވަހުގެ ބްރޭކްފާސްޓް ތައްޔާރުކޮށްލާފައި ބެހެއްޓުން ނުވަތަ ކޮންމެވެސް އެހެން ހަފުލާއަކާ ގުޅުވައިގެން ހާއްސަކަމެއް ކޮށްލުން ފަދަ ސަޕްރައިޒެކެވެ. މިއީ ހަގީގަތުގައި ދެ މީހުންގެ އުފާވެރި ހަޔާތް ކޮޅަށް ޖެހުމަށް ދެ މީހުން ކުރާ މަސައްކަތުގެ އަގު އެކަކު އެނަކަށް ވަޒަންކޮށް އިނާމު ދިނުން ކަހަލަ ކަމެކެވެ.

އާންމު ދިރިއުޅުމުގައި މީހުން ތިމާގެ މަސައްކަތް އެޕްރެޝިއޭޓްކޮށް އެ ވާހަކަ ދެއްކީމަ ކިހާ އުފަލެއް އިހްސާސްކުރެވޭ ހެއްޔެވެ. ލޯބިން ގުޅިގެން އުޅޭ ދެ މީހެއްގެ ހަޔާތުގައި ވެސް ކަން އޮތީ ހަމަ މިހެންނޭ ބުނެވިދާނެ އެވެ.

ލޯބިކުރަން ރަނގަޅަށް ދަސްކުރާށެވެ.

މިއީ އެންމެ މުހިންމު ކަންތަކެވެ. ޒަވާޖީ ހަޔާތެއް ފަށައިގެން އުޅޭ ދެ މީހުން ކަމުގައި ވަނީ ނަމަ އެ ދެ މީހުންގެ ޖިސްމާނީ ގުޅުން ވަރުގަދަވެފައި އެންމެ ފުން އަރާމަށް ވާސިލުވެވޭނޭ ސިފަތަކެއް އެ ލޯބިކުރުމަށް ބޭނުންވާނެ އެވެ. ލޯބިކުރުމޭ ބުނީމަ ވިސްނަންވީ ހަމައެކަނި ކޮޓަރި ތެރޭގައި ނުވަތަ އެނދުމަތީގައި ދެ މީހުން އެޖަހާ ސަރަކާތަކަށް ނޫނެވެ.