މަރު

މަފާޒުގެ މަރު: ދިފާއީ ހެކިން ހާޒިރެއްނުވި، ހެކިބަސް ދެން ނުނަގާނެ

ދެހާސް ސާދަވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ސ. މަރަދޫ ހުދުހިރި، އަހްމަދު މަފާޒަށް ހަމަލާދިނީ، މަރާލި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މީހުންގެ ދިފާއީ ހެކިންގެ ހެކި ބަސް ނުނަގަން ޝަރީއަތުން ނިންމައިފި އެވެ.

އެ މައްސަލާގައި ދައުލަތުން ޓެރަރިޒަމްގެ ދައުވާ އުފުލާފައި ވަނީ ޏ. ފުވައްމުލަކު ލާސާނީ ވިޝާހު ރަޝީދު 23، އާއި ހ. ބްލޫބާޑް މުހައްމަދު މިދުހަތު 21، އާއި ހ. އީމާންމަންޒިލް އަހްމަދު ސައީދު 26، އަދި ދަފުތަރު 1475 އަހުމަދު ރިޒާމްގެ މައްޗަށެވެ. ދައުވާ އުފުލާފައި ވަނިކޮށް އެ މީހުންގެ ތެރެއިން ވިޝާހު ވަނީ މަރުވެފަ އެވެ. އެ މީހުންގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ރާއްޖޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދެވަނަ މާއްދާގެ (ހ) އާއި (ކ) އާ ހަވާލާދީ އެ ގާނޫނުގެ ހަވަނަ މާއްދާގެ (ށ) ގެ ދަށުނެވެ.

ގްރޫޕަކުން ހިންގި ހަމަނުޖެހުމުގައި މަފާޒަށް ތޫނުއެއްޗަކުން ހަމަލާދީ ވަނީ މަރާލާފައިވީ ނަމަވެސް އޭނާއަށް ތޫނުއެއްޗަކުން ހަމަލާދިން މަންޒަރު ފެނުނު މީހުން ވަނީ ތަހުގީގަށް ބަޔާން ދިނުމަށް އިންކާރުކޮށްފަ އެވެ. އެހެންކަމުން ދައުލަތުން ވަނީ ތިން މީހުންނަށް މަފާޒުގެ މަރުގެ ތުހުމަތު ނުކުރަން ނިންމާފަ އެވެ. އެމީހުންގެ މައްޗަށް ދައުވާ ކުރީ އެރޭ ހަމަނުޖެހުން ހިންގި ކަމުގެ ތުހުމަތުގަ އެވެ.

މަފާޒުގެ މަރުގެ މައްސަލާގައި މިއަދު ބޭއްވި އަޑެއެހުމަކީ، ދިފާއީ ހެކިންގެ ހެކި ބަސް ނެގުމަށް ބޭއްވި އަޑުއެހެމެވެ. ނަމަވެސް އެ ހެކިވެރިން ކޯޓަށް ހާޒިރުވެފައެއް ނުވެ އެވެ. ދައުވާ ލިބޭ ތިން މީހުންގެ ވަކީލް އަބްދުﷲ ހަސީން ވިދާޅުވީ، ހެކިވެރިން ރަށުގައި ނޫޅޭ ކަމަށާއި އެކަށީގެންވާ ވަގުތުދީފިނަމަ ދެން އޮންނަ އަޑުއެހުމަކަށް އެމީހުން ހާޒިރުކުރާނެ ކަމަށެވެ.

މި މައްސަލާގައި ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ، އަހުމަދު ޝަކީލް ވަނީ މިއަދުގެ އަޑުއެހުމަކީ ދިފާއީ ހެކިން ހާޒިރުކުރުމަށް ލިބޭނެ ފަހު ފުރުސަތު ކަމަށް ވިދާޅުވެފަ އެވެ. ނޮވެމްބަރު މަހު ބޭއްވި އަޑުއެހުމަށް ވެސް ދިފާއީ ހެކިން ހާޒިރުނުކުރެވެ އެވެ.

މިއަދު ގާޒީ ޝަކީލް ވިދާޅުވީ، ދިފާއީ ހެކިން ހާޒިރުކުރުމަށް ދެން އިތުރު ފުރުސަތެއް ދެވެން ނެތް ކަމަށެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ ހުލާސާ ބަޔާން އިއްވުން ކަމަށެވެ. އެ އަޑުއެހުން ތާވަލުކުރީ އަންނަ ފެބްރުއަރީ މަހުގެ ދެވަނަ ދުވަހަށެވެ.