ޔަހޫދީ އާބާދުތަކުގެ މަސައްކަތް ހުއްޓާލުމަށް ގޮވާލައި އދ. އިން ފާސްކުރި ގަރާރާ ގުޅިގެން އދ. ކިބައިން ބަދަލު ހިފާނެ ކަމަށާއި ގުޅުން ވެސް ކަނޑާލަން ޖެހިދާނެ ކަމުގެ އިންޒާރު އިޒްރޭލުން ދީފި އެވެ.
ގަރާރުގެ މައްސަލާގައި ވަރަށް ބޮޑަށް ކޯފާވެ ވަޑައިގެންފައި ހުންނެވި އިޒްރޭލުގެ ބޮޑުވަޒީރު ބިންޔާމިން ނަތަންޔާހޫ ވަނީ އިޒްރޭލާއި އދ. އާ ދެމެދު އޮތް ގުޅުން އަލުން މުރާޖައާކުރުމަށް އެބޭފުޅާގެ ޚާރިޖިއްޔާގެ އިސް ފަރާތްތަކަށް އަމުރުކުރައްވައިފަ އެވެ. އަދި އިޒްރޭލުން އދ. ގެ އިދާރާތަކަށް ފޯރުކޮށްދޭ މާލީ އެހީތައް ހުއްޓާލުމަށާއި އިޒްރޭލުގައި ތިއްބަވާ އދ. ގެ އެކި އެކި މަންދޫބުންގެ މަސައްކަތްތައް ހުއްޓުމަކަށް ގެނެސް އެ ބޭފުޅުން އިޒްރޭލުން ބޭރުކުރުމާ މެދު ވެސް ކުރިއަށް އޮތް މަސް ދުވަސް ތެރޭގައި ގޮތެއް ނިންމަން ވަނީ އަމުރުކޮށްފަ އެވެ.
އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރަށް ފާޑުވިދާޅުވަމުން ނަތަންޔާހޫ ވިދާޅުވެފައި ވަނީ އެއީ ވަކި ފަރާތަކަށް ޖެހި ނިމިފައިވާ ގަރާރެއް ކަމަށާއި އިޒްރޭލުން އެއަށް އަމަލުކުރާނެ ހަމަ އެއްގޮތެއް ވެސް ނެތް ކަމަށެވެ. މި ގަރާރަކީ ފަލަސްތީނުގެ ބިމުގައި އިޒްރޭލުން ގަވާއިދާ ހިލާފަށް ޔަހޫދީން އާބާދުކުރަމުންދާ ކަމަށް ބުނެ އެ މަސައްކަތް ހުއްޓާލުމަށް ގޮވާލާ ގަރާރެކެވެ.
މިއީ ފާއިތުވި 40 އަހަރު ތެރޭގައި އިޒްރޭލާ ދެކޮޅަށް މިފަދަ ގަރާރެއް އދ. ގެ ސަލާމަތީ މަޖިލީހުން ފާސްކުރެވުނު ފުރަތަމަ ފަހަރެވެ. މި ގަރާރު ފާސްވީ އާންމުކޮށް އިޒްރޭލުގެ ދިފާއުގައި ނުކުންނަ އެމެރިކާ އިން މިފަހަރު ގަރާރު ވީޓޯނުކޮށް ވޯޓުގައި ވެސް ބައިވެރިނުވުމުންނެވެ.
އިޒްރޭލުން ބުނަނީ މިއީ އެމެރިކާގެ ރޭވުމެއްގެ ދަށުން ފާސްކޮށްފައިވާ ގަރާރެއް ކަމަށެވެ. އަދި ގަރާރު ސްޕޮންސާކުރި ގައުމުތަކާ ދެކޮޅަށް ވެސް ދަތިކުރުމުގެ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިޒްރޭލުން ވަނީ ދީފަ އެވެ.
އެންމެ ފުރަތަމަ މި ގަރާރު ސަލާމަތީ މަޖިލީހަށް ހުށަހެޅީ މިސްރުންނެވެ. ނަމަވެސް އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މެދުވެރިކޮށް މިސްރަށް ބިރު ދެއްކުމުން ފަހުން ގަރާރު ހުށަހެޅީ އިޒްރޭލާ ސިޔާސީ ގުޅުން ގާއިމުކޮށްފައިނުވާ މެލޭޝިއާ އާއި ވެނެޒުއޭލާ އިސްކޮށް އޮވެ ނިއު ޒިލޭންޑާއި ސެނެގާލްގެ ވެސް ތާއީދާއެކުގަ އެވެ.
އިޒްރޭލުން ވަނީ މިހާރު ވެސް ނިއު ޒިލޭންޑުން އެމީހުންގެ ސަފީރު އަނބުރާ ގެނައުމުގެ މަސައްކަތް ފަށައިފަ އެވެ. އަދި ސެނެގާލް އަށް ދޭ އެހީތައް ކަނޑާލުމުގެ މަސައްކަތް ފަށައިފަ އެވެ.
މި ގަރާރަކީ އިރުމަތީ ގުދުސާއި ފަލަސްތީނުގެ އެހެން ބިންތަކުގައި ވެސް ގަވާއިދާ ހިލާފަށް ޔަހޫދީން އާބާދުކުރުން ވަގުތުން ހުއްޓާލުމަށް ގޮވާލާ ގަރާރެކެވެ.