ރާއްޖެ ކުޅިވަރު

އަންހެން ވޮލީގެ ކޮލިފައިން މުބާރާތް ރާއްޖޭގައި ބާއްވަނީ

Dec 25, 2016

ދެހާސް އަށާރަ ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ދުނިޔޭގެ އަންހެން ވޮލީބޯޅަ ޗެމްޕިއަންޝިޕްގެ ސެންޓްރަލް ޒޯން ސަރަހަދުގެ ކޮލިފިކޭޝަން މުބާރާތް ރާއްޖޭގައި ބާއްވާގޮތަށް އޭޝިއަން ވޮލީބޯލް ކޮންފެޑްރޭޝަން (އެވީސީ) އިން ނިންމައިފި އެވެ.

އޭވީސީގެ ރަސްމީ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަންނަ މަހު 27 ން 29 ށް ބޭއްވުމަށް ހަމަޖެހިފައިވާ ސެންޓްރަލް ޒޯން މުބާރާތުގެ ކޮލިފައިން ރާއްޖޭގައި ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

ކޮލިފިކޭޝަން މުބާރާތް އެންމެ ފުރަތަމަ ބާއްވަން ނިންމީ އިންޑިއާ ގައެވެ.

"ނަމަވެސް އިންޑިއާގެ ވޮލީބޯޅަ ފެޑްރޭޝަންގެ އެތެރޭގައި އުޅޭ މައްސަލަ ގަނޑެއްގެ ސަބަބުން އޭވީސީ އިން ނިންމާފައިވަނީ ރާއްޖޭގެ ވެރިރަށް މާލެ އަށް މުބާރާތް ބަދަލު ކުރަން،" އޭވީސީގެ ވެބްސައިޓް ގައި ބުނެފައި ވެއެވެ.

ސަރަހައްދުގެ ގައުމު ތަކުގެ ތެރެއިން މުބާރާތުގައި ވާދަ ކުރަން ބޭނުންވާ ގައުމުތަކުން ބައިވެރިވުމަށް އެދި އޭވީސީ އަށް ނުވަތަ ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަން (ވީއޭއެމް) ލިޔުން ފޮނުވުމަށް އޭވިސީން އިން ވަނީ އަންގާފައެވެ. ބައިވެރި ވުމަށް އެދި ލިޔުން ފޮނުވުމުގެ އެންމެ ފަހު ތާރިހަކީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަ ށެވެ.

ރާއްޖޭގެ އިތުރުން އިންޑިއާއި ބަންގުލަދޭޝް އާއި ނޭޕާލު އަދި އުޒުބްކިސްތާން ވަނީ މުބާރާތުގައި ބައިވެރިވާނެ ކަން އަންގާފައެވެ. ވޯލްޑް ޗެމްޕިއަންޝިޕަށް ކޮލިފައި ވާނީ ކޮންމެ ސަރަހައްދަކުންވެސް ކޮލިފައިން މުބާރާތުގެ އެންމެ ވަރުގަދަ ޓީމެވެ.