މިރެއަކީ، ރައީސް މުހައްމަދު ނަޝީދުގެ ހަޔާތް މުޅިން ބަދަލުކޮށްލަފާނެ ރެ އެކެވެ. އެމަނިކުފާނުގެ ކުރު ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވުމުގެ އަދަބެއްގެ ގޮތުން އެމަނިކުފާނު އަނެއްކާ ވެސް ހުރެގެއާ މިރޭ ކުރިމަތިލައްވަން ޖެހިވަޑައިގެންފާނެ އެވެ. ކޯޓުން ނިކުމެ ވަޑައިގަތް ދެން ވަދެ ވަޑައިގަންނަވަން ޖެހޭނީ ޖަލަށް ކަމަށް ވެސް ވެދާނެ އެވެ. އެއާ އެކު އެމަނިކުފާނުގެ އާދޭހުގެ މެސެޖެއް އާންމު ކުރެއްވީ، "ފުރާނަ އަތްމައްޗަށް ލައިގެން މި ސަރުކާރު ބަދަލު ކުރުމަށް މަގުތަކަށް ނިކުތުމަށް ރައްޔިތުންގެ ކިބައިން އާދޭސް ދަންނަވަމުން"ނެވެ.
ހަމަ އެނޭވާގައި ނަޝީދު ވިދާޅުވީ، އަނބިދަރިންނާއި ދިރިއުޅުމުގެ ވަގުތީ އުފައި ގުރުބާން ކޮށްފައި ވެސް އެފަދަ ބޮޑު ގުރުބާނީއަކަށް ގޮވާލައްވަނީ، އެއްވެސް އަމިއްލަ ފައިދާއެއް ނެތި ކަމަށެވެ. އެގޮތަށް ގޮވާލެއްވުމުގެ ހަމައެކަނި ބޭނުމަކީ ނަޝީދު ވިދާޅުވި ގޮތުގައި ހައްގުތަކަށް ޓަކައި މިއަދު ނުނިކުމެފި ނަމަ ރައްޔިތުންގެ ހައްގުތައް ވެއްޔާ މޮޑެވިގެން ދާނެތީ އެވެ. ޖަލުގައި މި އޮންނެވީ އެހެން ގޮތެއް ނެތިގެން ނޫން ކަމަށް ވިދާޅުވަމުން ނަޝީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީންގެ ފައިބުޑަށް ވެއްޓި ސިޔާސީ މަސައްކަތް ހުއްޓާލުމުން އުފާވެރިކަން ލިބެން އެބަ އޮތް ކަމަށެވެ. އެކަމަކު އޭރުން ރާއްޖެ ހުއްޓޭނީ ހިތާމަވެރި މަންޒިލަކަށް ކަމަށެވެ.
"އެކަމަކު އެހެން ހަދައިފި ނަމަ، ދިވެހިން ތިބޭނީ ހަމަ އިސްކޮޅަށް ނުތެދުވެވި. ހައްގު މިންވަރު ނުލިބި. 2013 ގެ އިންތިހާބުގެ ނަތީޖާ ބަލައިގަތީ ރައީސް ޔާމީން އިސްލާމް ދީނާއި ޑިމޮކްރެސީ އަށް ފުރިހަމަ އަށް ބޯލަނބާނެ ބޭފުޅެއް ކަމަށް ހީކޮށް،" ނަޝީދު ދެއްވި އަސަރު ގަދަ ބަސްކޮޅުގައި ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ފަހު ކުރި ފޮނި އުންމީދުތައް ފެނަށް ދިޔަކަމަށް ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ، މިހާރު މި ފެންނަނީ ޝަރުއީ ދާއިރާ އަތް ދަށުލައި އެހެން ވެސް ބާރުތައް ކޮންޓްރޯލް ކޮށްގެން ހިންގާ ވެރިކަމެއް ކަމަށެވެ. އަދި ފަނޑިޔާރުން ރިޝްވަތު ނަންގަވަމުން ގެންދަވަނީ، "ފިއްކަޑައިގެން ދާވަރަށް ކަމަށް" ވެސް ވިދާޅުވި އެވެ. އަދި މުޅި އެ ދާއިރާ ވަނީ އެކީ ފަސާދަވެފައި ކަމަށް ވެސް ވިދާޅުވި އެވެ.
"ދުނިޔެއަކަށް ލަދެއް ނެތި، އާހިރަތަކަށް ބިރުވެރިކަމެއް ނެތި ރިޝްވަތު ނަންގަވަމުން ބޭއިންސާފުވަމުން އެ ގެންދަވަނީ. އެކަމުގެ ސަބަބުން ތަރައްގީއަށް މި އަންނަނީ ހުރަސްއެޅެމުން،" ނަޝީދު ވިދާޅުވި އެވެ.
އެ މެސެޖް ނިންމާލެއްވީ އެމަނިކުފާނަށް ބޭއިންސާފުވީ ފަނޑިޔާރުންނާއި ސިޔާސީ ބޭފުޅުންނަށް ރަހުމަތް ލެއްވުމަށް އެދި ދުއާކުރައްވަމުންނެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް ހިތްވަރު ކުރުމަށް ނަސޭހަތްތެރިވަމުންނެވެ.