ރާއްޖެ ކުޅިވަރު

ޕްޔޯލް ރާއްޖެ އަތުވެއްޖެ

Dec 26, 2016

ނ. އަތޮޅުގައި ކުރިއަށްދާ ސިޔާމް މައުރޫފް ސޮކާ ކަޕްގެ ފައިނަލު މެޗުގެ ހާއްސަ މެހެމާނަކަށް ބާސެލޯނާގެ ކުރީގެ ކްޕްޓަން ކާލޯސް ޕްޔޯލް މިއަދު ރާއްޖެ އަތުވެއްޖެ އެވެ.

ޕްޔޯލް އަކީ މިއަހަރު ތެރޭ، ރާއްޖެއިން ދައުވަތު ދީގެން ގެންނަ ބާސެލޯނާގެ ދެ ވަނަ ކެޕްޓަނެވެ. ޖޫން މަހު ބާސެލޯނާގެ ކުރީގެ ކެޕްޓަން ޒަވީ ހެނާންޑޭޒް ވެސް ވަނީ ރާއްޖެ އައިސްފަ އެވެ.

ޒަވީއަކީ ޕުްޔޯލް ބާސެލޯނާ ދޫކޮށްލި ފަހުން، ބާސެލޯނާގެ ކެޕްޓަން ބޭންޑާ ހަވަލުވި ކުޅުންތެރިޔާ އެވެ.

ބާސެލޯނާ މަޝްހޫރޫ "ޓިކީޓަކާ" ގެ އެންމެ ފަރި ދުވަސްވަރު ޕްޔޯލް އަކީ ޑިފެންސްގެ މައި ތަނބެވެ. ދެހާސް ނުވަ ވަނަ އަހަރު ބަސާއިން އެއް އަހަރު ތެރޭ ހަ ތަށި ހޯދިއިރު ޕްޔޯލް ވަނީ އެޓީމުގެ ޑިފެންސްގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ،.

ދެހާސް އަށް ވަނަ އަހަރު ސްޕެއިން އިން ޔޫރޯ ފުޓްބޯޅަ މުބާރާތާއި 2010 ވަނަ އަހަރު ވޯލްޑް ކަޕް ހޯދިއިރު ޑިފެންސްގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާ އެވެ.

އެފްއޭއެމުން ކުރިން ރާވާފައިވަނީ "މޯލްޑިވްސް ފުޓްބޯލް އެވޯޑް" ނައިޓްގެ ހާއްސަ މެހެމާނެއްގެ ގޮތުގައިވެސް ޕްޔޯލް ބައިވެރި ކުރާށެވެ. ނަމަވެސް އެވޯޑް ނައިޓް އަންނަ މަހަށް ވަނީ ލަސްވެފައެވެ.