ހުޅުމާލެ

ހުޅުލެ - ހުޅުމާލެ، ހައިވޭ ތަރައްގީ ކުރަން އެޗްޑީސީއަށް

  • 2018 އޭޕްރީލްގެ ކުރިން ހައިވޭ ނިންމާނެ
  • ހައިވޭ ތަރައްގީ ކުރާނީ އެޗްޑީސީގެ ހަރަދުގައި
  • ހައިވޭ ތަރައްގީ ކުރަން ބިން ހިއްކާނެ

މާލެ އާއި ހުޅުލެ ގުޅޭ، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖާ ހުޅުމާލެއާ ގުޅުވާލުމަށް ހައިވޭއަށް ސްޓޭންޑަޑަށް ތަރައްގީ ކުރާ މަގު ހަދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށް ހައުސިން މިނިސްޓްރީ އާއި އެޗްޑީސީއާ ދެމެދު މިއަދު އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

މާލެ ހުޅުލެ ބްރިޖުގެ މަސައްކަތް ނިމުމުގެ ކުރިން ހުޅުވަން މަސައްކަތް ކުރާ މި ހައިވޭއަކީ ހުރިހާ ވެހިކަލަށް ދަތުރު ކުރެވޭ ގޮތަށް ހަދާ ތިން ކިލޯ މީޓަރުގެ ދިގު މަގެކެވެ. އެ މަގު ހެދުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލު ކުރަން ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ހުޅުލެއާ ހުޅުމާލެ ގުޅުވާލާ މި ހައިވޭ ހަދާނީ އެޗްޑީސީގެ އަމިއްލަ ހަރަދުގައި ކަމަށާއި އެ މަސައްކަތް އެޗްޑީސީ އަށް ދިނީ 2018 ވަނަ އަހަރުގެ އެޕްރިލް މަހުގެ ނިޔަލަށް ނިންމަން ކަމަށެވެ.

"މާލެއާ ހުޅުލެ ދެމެދު ބްރިޖު އެޅިގެން ދާއިރު ހުޅުލެއާ ހުޅުމާލެ ދެމެދު ދަތުރު ކުރުމަށް ވެސް ހައިވޭ ސްޓޭންޑަޑްގެ ރަނގަޅު މަގެއް އޮތުމަކީ ބްރިޖުން ދަތުރުކޮށް ހުޅުމާލެއަށް ދާން ބޭނުންވާ ހުރިހާ ފަރާތްތަކަށް ކޮންމެހެން ބޭނުންވާނެ ކަމެއް. މިހާރު އޮތް މަގަކީ އެކަމަށް އެކަށީގެންވާ މަގެއް ނޫން. އެ މަގު އިތުރަށް ފުޅާކޮށް ރަނގަޅު ފެންވަރަކަށް ރައްކާތެރިކުރަން ޖެހޭ،" މިނިސްޓާރު ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ސައިމަން ވިދާޅުވީ ހައިވޭގެ ޑިޒައިންއާ ކޮންސެޕްޓްގެ މަސައްކަތް ނިންމާލާފައިވާ ކަމަށާއި އެގޮތުން އެ މަސައްކަތް ކުރުމަށްޓަކައި ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި މަގު އިތުރަށް ފުޅާ ކުރަން ބިން ހިއްކާ ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ވެސް ކުރަން ޖެހޭ ކަމަށާއި މަގުގައި ބޮޑު ޓްރެފިކެއް އޮންނާނެ ކަމަށް ލަފާ ކުރެވޭތީ ހައިވޭ ތަރައްގީ ކުރާނީ އެފަދަ ޓްރެފިކެއް މެނޭޖު ކުރެވޭ ގޮތަށް ކަމަށެވެ.

"މިހާރުވެސް ހުޅުމާލޭގައި އުޅޭމީހުންގެ އަދަދު 40،000 އަށް އަރާ. އަދި އަންނަ އަހަރު ހައުސިންގެ ނިމިފައިވާ ޕްރޮޖެކްޓުތަކަށް މީހުން ބަދަލުވުމުން އިތުރު އާބާދީއެއް އޮންނާނެ. އަދި ކުރިޔަށް އޮތްތާ އާބާދީ ދާނީ ބޮޑުވަމުން. އެހެންވެ ހުޅުމާލޭގެ އާބާދީ މާލޭގައި ދިރިއުޅުމަށާއި އެއާޕޯޓުގެ ޒަރިއާއިން އަންނަ ދަތުރުވެރިން ހުޅުމާލެއަށް ދިއުމަށް މި މަގު ތަރައްގީ ކުރުމަކީ ވަރަށް މުހިންމު ކަމެއް،" ސައިމަން ވިދާޅުވި އެވެ.

ފުޅާ މިން ބޮޑު، ރޭމްޕްތައް ވެސް ހިމެނޭ ގޮތަށް ހަދާ ހައިވޭގައި ފެން ހިއްދާނެ ނިޒާމެއް ގާއިމުކޮށް، ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ހިދުމަތަށް ވަކިން ސަރަހައްދެއް ހާއްސަކުރެ އެވެ. ނަމަވެސް މި މަގުގެ ފުޅާމިނާއި މަގު ހަދަން ހަރަދުވާނެ އަދަދެއް އެޗްޑީސީއިން ހާމައެއް ނުކުރެއެވެ.