ރާއްޖެ ކައިރިން ދަތުރުކުރަމުންދިޔަ ސްޕެއިންގެ މަސް ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކަށް ފަރުވާދޭން ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފި އެވެ.
ކޯސްޓުގާޑުގެ އެހީތެރިކަމާއެކު ސްޕެއިންގެ "އަލަކްރަނާ" މަސް ބޯޓުން އިތުރު ފަރުވާ ދިނުމަށް ގެންގޮސްފައިވަނީ އުމުރުން 41 އަހަރުގެ ފިރިހެނެކެވެ. އެމީހާ ތިނަދޫއަށް ގެންގޮސްފައިވަނީ މިއަދު ހަވީރު 4:15 އެހާކަންހާއިރު އެވެ.
ތިނަދޫއަށް ގެންދިއުމުގެ ކުރިން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޑޮކްޓަރަކާއި ނަރުހުންގެ ޓީމެއް ކޯސްޓްގާޑުގައި އެމީހާއަށް ފަރުވާދީފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. އަދި އެމީހާ ތިނަދޫއަށް ގެންގޮސްފައިވަނީ އޭނާގެ ހާލަތު ގޯސްވެ އިތުރު ފަރުވާދިނުމަށް ބޭނުންވާކަމަށް ކޯސްޓުގާޑުގައި ބޯޓުން އެދުމުން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
އެމީހާއަށް މިހާރުވެސް ދަނީ އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. މި މީހާ ތިނަދޫއަށް ގެންގޮސްފައިވަނީ ތައިލެންޑްއިން ފުރައިގެން ސީޝެލްސްއަށް ދަތުރުކުރަމުންދަނިކޮށް ލ. މާވަށުގެ ހުޅަނގުން 307 ނޯޓިކަލް މޭލު ބޭރުންނެވެ.