ވިޔަފާރި

ކުދި ވިޔަފާރިއަށް ބޮޑު މަންފާ ލިބޭނެ ގާނޫނުތައް ހަދަނީ

Dec 27, 2016
1

ކުދި އަދި މެދުފަންތީގެ ވިޔަފާރިއަށް ބޮޑު މަންފާއެއް ލިބިގެންދާ ގޮތަށް ގާނޫނުތައް ފަރުމާކުރުމުގެ މަސައްކަތް އިކޮނޮމިކް މިިނިސްޓްރީން ކޮށް ނިންމާލައިފި އެވެ. އިކޮނޮމިކް މިނިސްޓްރީގެ އެންޓަޕްރައިޒް ޑިވްލޮޕްމަންޓު (އީޑީ) ގެ ސުޕެސިއަލިސްޓް އަހުމަދު މުމްތާޒު ވިދާޅުވީ ވިޔަފާރީގެ ގާނޫނުތަކަށް ބޮޑު ބަދަލެއް އެބަ ގެންނަންޖެހޭ ކަމަށާއި އެ މަސައްކަތް ވަރަށް ހަލުވިކަމާއެކު މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އެސްއެމްއީ [ކުދި އަދި މެދުފަންތީ] ގެ ވިޔަފާރިތަކަށް ހުރި ހުރަސްތައް ދެނެ ގަނެފައި އެބަ ހަދަން ގާނޫނެއް،" އައްޑޫގެ އަންހެނުންނަށް ބޭއްވި ފޯރަމްގައި މުމްތާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްއެމްއީ ތަކާ ބެހޭ ގޮތުން ހަދާ ގާނޫނުތައް މިހާރު ހުރީ ޑްރާފްޓްކޮށް ނިމިފައި ކަމަށެވެ.

"ގާނޫނުތައް އެހުރީ ވަރަށް ފައިނަލް ސްޓޭޖުގައި. މިސާލަކަށް މި ގާނޫނުތައް ނިމިގެން އައުމުން ވިޔަފާރިތަކަށް ލިބޭނެ ވަރަށް ބޮޑު މަންފާއެއް. ސީރިއަސް އެސްްއެމްއީއެއް ތަރައްގީ ކުރުމުގެ ސިސްޓަމެއް މި އަންނަނީ. ކުރިއެރޭނެ ކުރިއަށް ދެވޭނެ މަގެއް މި ފަހިވަނީ،" މުމްތާޒު ވިދާޅުވި އެވެ.

އިކޮނޮމިކް މިނިސްޓްރީން ރާއްޖޭގެ އެސްްއެމްއިތައް ވަރުގަދަކޮށް، އާ ވިޔަފާރިތަކެއް އުފެއްދުމުގެ ގޮތުން ގެޓްސެޓްގެ ނަމުގައި ލޯނެއް ދޫކޮށްފައިވެ އެވެ. މި ލޯނު 75 ފަރާތަކަށް ދޫކޮށްފައިވެ އެވެ. މީގެ އިތުރުން "ފަސޭހަ މަދަދު" ގެ ނަމުގައި އިސްލާމިކް ފައިނޭންސިލް ފެސިލިޓީއެއް ދޫކޮށްފައިވާއިރު، އެސްއެމްއީ ލޯނުވެސް ދޫކޮށްފައިވެ އެވެ. އަދި ރާއްޖޭގެ ހަތް ސަރަހައްދުގައި ބިޒްނަސް ސެންޓަރުތަކެއް ހަދައި، ވިޔަފާރިތަކަށް ބޭނުންވާ ތަމްރީން ދަނީ ދެމުންނެވެ.