ކުޅިވަރު

މިއީ މިހާތަނަށް ޖެހުނު އެންމެ މޮޅު ލަނޑު: މިކިތާރިޔަން

Dec 27, 2016

ސަންޑަލަންޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓަޑްގެ 3-1 މޮޅުވި މެޗުގައި ސަންޑަލޭންޑް ކޮޅަށް ޖެހި ލަނޑަކީ އޭނާގެ ކެރިއަރުގައި މިހާތަނަށް ޖެހުނު އެންމެ މޮޅު ލަނޑު ކަމަށް ހެންރިކް މިކިތާރިޔަން ބުނެފިއެވެ.

މިކިތާރިޔަން، މެންޔޫގެ ތިން ވަނަ ލަނޑު ޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުމެ މެޗުގެ 82 ވަނަ މިނެޓްގަ އެވެ.

އޭނާ ގޯލް ޖެހީ ޕެނަލްޓީ އޭރިއާ ބޭރުން ޒްލަޓާން އިބްރަހިމޮވިޗް ނެގި ހުރަހަކުން ފުރަގަހުން ފައިގެ ދަށް ފުށުންނެވެ. ހުރަސް ދިޔައީ މިކިތާރިޔަންގެ ފަހަތުންނެވެ. ނަމަވެސް އޭނާ އަށް އެބޯޅަ ފޮނުވައި ލެވުނީ ދަށްފައި އެއްލުމުން ނެވެ. އޭނާ އެބޯޅަ ފޮނުވާލުމުގައި އޮފްސައިޑް ވެދާނެ ކަަމަށް ބެލެވުނު ނަމަވެސް އޭނާ ވަނީ އޮފްސައިޑު މަޅިން ސަލާމަތްވެ ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލާފަ އެވެ.

"އެ ގޯލަކީ އަހަންނަށް ޖެހުނު އެންމެ މޮޅު ގޯލް އަހަރެން ވަރަށް އުފާ ވެއްޖެ،" އަރުމީނީއާ އަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މިޑްފީލްޑަރު ބުންޏެވެ.

"އަހަންނަށް ވަރަށް ބޮޑަށް އުފާ އިހްސާސް ކުރެވޭ، އަހަންނަށް ފެނުނީ އޮފްސައިޑު ނޫން ކަމަށް، އަހަންނަށް ފެނުނީ އެ ބޯޅަ އަހަރެންގެ ފަހަތުން ދާތަން އަހަންނަށް އެބޯޅަ ޖެހެން އޮތީ ދަށްފައި އެއްލައިގެން ކަން އަހަންނަށް އެނގުނު، އަހަންނަށް އެކަން ކާމިޔާބު ވެއްޖެ."

މެންޔޫގެ ފުރަތަމަ ލަނޑު ޖެހި ޑެލީ ބްލިންޑަށް ވެސް ގޯލް ޖަހަން ތަނަވަސްކޮށްދިނީ އިބްރަހިމޮވިޗެވެ. އަދި މެންޔޫގެ ދެ ވަނަ ލަނޑު ޖެހީވެސް އިބްރަހިމޮވިޗެވެ. އޭނާ އެ ލަނޑު ޖެހީ ޕޯލް ޕޮގްބާ ދިން ޕާސް ހިފައިގެން ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ އެވެ. އެބޯޅަ ހޯދަން ސަންޑަލަންޑްގެ ކީޕަރު ޖޯޑަން ޕިކްފޯޑް އެރިނަމަވެސް އިބްރަހިމޮވިޗް އެބޯޅާ ފޮނުވާލީ ޕިކްފޯޑާ ދުރު ފަޅިން ގޯލްގެ ކަނަށެވެ.

މިއީ ލީގްގައި ޔުނައިޓަޑް ޖެހިޖެހިގެން މޮޅުވި ހަތަރު ވަނަ މެޗެވެ. ރޭގެ މޮޅާ އެކު، އިތުރަށް އެއް މެޗު ކުޅެ ޔުނައިޓަޑް ވަނީ ހަތަރު ވަނައިގައި އޮތް ޓޮޓަންހަމް ހޮޓްސްޕާ އާ ޕޮއިންޓްގެ ގޮތުން އެއްވަރު ކޮށްފަ އެވެ. އަދި އެއް ވަނައިގައި އޮތް ޗެލްސީއާ އެޓީމާ ދެމެދު 13 ޕޮއިންޓްގެ ތަފާތު އެބަ އޮތެވެ. ރޭ ޗެލްސީ ވަނީ ބޯންމައުތު އަތުން 3-0 މޮޅުވެފަ އެވެ.

ނަމަވެސް ޔުނައިޓަޑްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ ޕޮއިންޓް ޓޭބަލްގެ އޮތް ހިސާބަކާ މެދު އޭނާ ނުވިސްނާ ކަމަށާއި އޭނާ ވިސްނަނީ ކުޅުމުގެ ސްޓާއިލް އާއި މެޗުގެ ނަތީޖާއާ މެދު ކަމަށެވެ.

"ހަމަ ރަނގަޅަށް އަހަރެން މިބުނީ އަހަރެން އެކަމަކާ މެދު ނުވިސްނަން، އަހަރެން ވިސްނަނީ އަހަރެމެން ކުޅޭ ސްޓައިލްއާ މެޗުގެ ނަތީޖާއާ މެދު. އަދި އަހަރެން ވިސްނަނީ ހޯދޭނެ ވީހާވެސް ގިނަ ޕޮއިންޓް ހޯދަން. ވީކަމެއްވީ މިދިޔަ ހަފުތާގައި މެންސިޓީއާ ދެކޮޅަށް އާސެނަލް، ކޮންމެވެސް ޓީމަކަށް ޕޮއިންޓް ގެއްލޭނެ. އެއީ އެކަން ވާނެ ގޮތް. އަހަރެމެން މިކުޅެމުން ދަނީ ވަރަށް ރަނގަޅަށް. އަހަރެމެން ވަރަށް ބޮޑަށް ކޮންފިޑެންސް ބޭނުންވަނީ މިގޮތުގައި މި ރަން ކުރިއަށް ގެންދަން." މޮރީނިއޯ ބުންޏެވެ.

އަންނަ ހޮނިހިރު ދުވަހު ޔުނައިޓަޑް ބައްދަލު ކުރާނީ މިޑްލްސްބަރާއާ ދެކޮޅަށެވެ. މިޑްލްސްބަރާ ވަނީ ރޭ ބާންލީ އަތުން 1-0 އިން ބަލިވެފަ އެވެ.

"ހޮނިހިރު ދުވަހުގެ މެޗު ވަރަށް އުނދަގޫ ވާނެ. މިޑްލްސްބަރާ ބާންލީ އަތުން ބަލިވި ނަމަވެސް އެޓީމާ ދެކޮޅަށް އަހަރެމެންގެ ދަނޑުގައި ކުޅެން ވެސް އުނދަގޫ ވާނެ."