ރާއްޖެ ކުޅިވަރު

އެންމެ މޮޅު އެތުލީޓްގެ އެވޯޑް ސާއިދު އަދި އަފާއަށް

މި އަހަރު ރާއްޖޭގެ އެންމެ މޮޅު އެތުލީޓްގެ އެވޯޑް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު އާއި އެންމެ ބާރު އަންހެން ދުވުންތެރިޔާ އަފާ އިސްމާއީލް ހޯދައިފި އެވެ.

އެތުލެޓިކްސް އެސޯސިއޭޝަންގެ ފުރަތަމަ "އެތުލެޓިކްސް އެވޯޑް" ނައިޓްގައި އެންމެ މޮޅު އެތުލީޓްގެ އެވޯޑް ސާއިދާއި އަފާ ހޯދިއިރު، މި ދެ ދުވުންތެރިންނަކީ މިއަހަރު ބޭއްވި އެތުލެޓިކްސް މުބާރާތްތަކުގައި އެންމެ ބޮޑެތި ކާމިޔާބު ތަކެއް ވެސް ހޯދި ދެ އެތުލީޓުންނެވެ.

މީގެ އިތުރުން ސާއިދުއަށް ވަނީ އެތުލެޓިކްސް އިން އެންމެ ފުރަތަމަ ރަން މެޑަލް ހޯދި އެތުލީޓަށް ދޭ ޝަރަފުވެރި ކަމުގެ އެވޯޑްވެސް ދީފައެވެ. މިދިޔަ އަހަރު ރީޔުނިއަންގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ގައި 100 މީޓަރު ދުވުމުން ސާއިދު ހޯދި ރަން މެޑަލަކީ އެތުލެޓިކްސްގެ ހަޔާތުގައި ހޯދި ފުރަތަމަ ރަން މެޑަލްގެ އިތުރުން، ބައިނަލްއަގްވާމީ މަލްޓި ސްޕޯޓްސް އިވެންޓަކުން ދިވެހި އެތުލީޓަކު ހޯދި ފުރަތަމަ ރަން މެޑަލެވެ.

ސާއިދު ވަނީ މި އަހަރު ބޭއްވި ސައުތު އޭޝިއަން ގޭމްސްގެ 100 އަދި 200 މިޓަރު ދުވުމުން ރިހި މެޑަލް ހޯދާފަ އެވެ. އަދި އިންޑިއާގެ ގްރޭންޑް ޕްރިކްސް އިވެންޓުން ވެސް ރަން މެޑަލް ހޯދި އެވެ.

މީގެ އިތުރުން ސާއިދު ވަނީ މި އަހަރު ބޭއްވި އޮލިމްޕިކް ގޭމްސްގެ ޕްރިލިމިނަރީ ބުރުން އެއް ވަނަ ހޯދައި ހީޓް އިވެންޓަށް ކޮލިފައިވެފަ އެވެ.

އެންމެ މޮޅު އަންހެން އެތުލީޓްގެ އަފާ ހޯދިއިރު އޭނާ ވަނީ ސައުތު އޭޝިއަން ގޭމްސް ގައި ހަތަރެއް ގުނަ 100 މީޓަރު ރިލޭއިން ގައުމީ ރެކޯޑް އާ ކުރި ޓީމުގައި ވެސް ހިމެނިފަ އެވެ. އަދި ރިއޯ އޮލިމްޕިކްސް ގޭމްސްގައި އަންހެނުންގެ 200 މީޓަރު އިވެންޓު ގައި ގައުމީ ރެކޯޑްވެސް އަފާ އާ ކުރިއެވެ.