ލައިފްސްޓައިލް

އިންފެކްޝަނުން ސަލާމަތްވާން ވެވިދާނެ ބައެއް ކަންކަން!

Dec 28, 2016

އާންމުކޮށް މޫސުމަށް އަންނަ ބަދަލާ ގުޅިގެން ރޯގާ ޖެހި ކެއްސުމުގެ ކަންތަކާއި ކުރިމަތިވެ އެވެ. އެފަދަ ކަންކަމާއި ހެދި މީހާގެ ބަލިބޮޑުވެ، ދިފާއީ ނިޒާމުގެ ބާރުދަށްކޮށް، ކުރަންޖެހޭ މަސައްކަތަށް ހުރަސް އެޅި ގޭގައި އޮންނަންޖެހޭ ގޮތްވެ އެވެ. ނަމަވެސް ބޭހަކާއި ނުލައި ގުދުރަތީ ތާސީރު ހިމެނޭ އެއްޗަކުން އިންފެކްޝަން އަށް ފަރުވާ ހޯދިދާނެ އެވެ.

ވޭމުއި އިނގުރު

މިއީ ރޯގާޖެހި ކެއްސާ ކަރުގައި ރިއްސާނަމަ ގޭގައި ތައްޔާރުކޮށްލައިގެން ބޭނުން ކުރަން އެންމެ ފައިދާ ހުރި އެކައްޗެކެވެ. ވޭމުއި އަދި އިނގުރުގައި ހިމެނޭ އެންޓި-އިންފްލެމެންޓްރީގެ ސަބަބުން އިންފެކްޝަން މަރާލާ ދިފާއީ ނިޒާމު ވަރުގަދަ ކޮށްދެ އެވެ. ރޯގާޖެހި ކެއްސާ ކަރުގައި ރިއްސާނަމަ ހެނދުނު ސައިބޯ އިރު، ނުވަތަ ފެނު ކައްކައިގެން ހެނދުނު ހުސްބަނޑާ ހުރެ ބޯލާށެވެ. އަދި މާބޮޑަށް ކަރުތެރެ އިންފެކްޓް ވެފައި ހުރި ނަމަ ރޭގަނޑު ނިދުމުގެ ކުރިން ވެސް ވޭމުއި އިނގުރު ފެންތައްޓެއް ބޯލާށެވެ.

އާފަލު، އޮރެންޖް އަދި ފޭރު

މިއީ ވިޓަމިން ސީ ގިނަ އަދަދަކަށް ހިމެނޭ މޭވާ ތަކެވެ. އަދި ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވެސް އެހީތެރިވެދޭ އެކައްޗެވެ. އަދި މި މޭވާ ތަކަކީ ހަޖަމު ކުރަން ފަސޭހަވެ، ހަށިގަނޑުގައި ހުންނަ ސެލްތައް ހަލާކުވިޔަނުދީ ހިފެއްޓުމަށްވެސް މުހިންމު ރޯލެއް އަދާކުރާ މޭވާ ތަކެކެވެ. މީގެ އިތުރުން ނޭވާ ހިއްލުމާއި ކެންސަރު ޖެހުމުން ދުރުކޮށްދިނުމުގެ އިތުރުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަކޮށް އިންފެކްޝަންތަކުން ހަށިގަނޑު ސަލާމަތް ކުރުމަށް ވެސް މުހިންމު ރޯލެއް ކުޅޭ އެއްޗެކެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުދެރަވެ އިންފެކްޝަންތަކަށް ހަށިގަނޑު ހުށަހެޅުމުން ރޯގާ ޖެހި ކަރުގައި އިންފެކްޝަން އުފެދޭ ގޮތްވެ، މީހާ ބަލިކަށި ކޮށްލަ އެވެ.

ފެހި ފަތް

ފެހިކަން ގަދަ ފަތުގައި ގިނަ އަަދަދަކަށް ނިއުޓްރިއަންޓްސް އަދި އެންޓި އޮކްސިޑަންޓް ހިމެނެ އެވެ. މީގެ އިތުރުން ވެސް ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވެސް އެހީތެރިވެދެ އެވެ. މިގޮތުން އޯބަތަކީ ހަށިގަނޑުގެ ހޫނުމިން އެއްވަރެއްގައި ހިފަހައްޓައިދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި ސްޕިނިޗް ފަތަކީ ވެސް އިންފެކްޝަން ތަކުން ދުރުވެ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ކެއުމުގައި ހިމެނުން ރަނގަޅު ފަތެކެވެ.

ބޭސަން (މުގުފުށް/ ބޭސަން ގްރާމް ފުލާ)

މިއީ އުޅޭ މާހައުލު ދުމުން ތަޣައްޔަރުވުމުން ނުވަތަ ބޭނުންކުރާ ފެން ނުސާފުވުމުން ވާ އުނދަގޫތަކުން ސަލާމަތް ވުމަށް ރަނގަޅު އެއްޗެކެވެ. އަދި ނޭވާ ހިއްލާ ނަމަވެސް ބޭސަން އަކީ ބޭނުން ކުރަން ހަށިގަނޑަށް ފައިދާ ހުރި އެއްޗެކެވެ.

އެގޮތުން ބޭސަން ސަމްސަލެއްގެ ތެރެއަށް އެއް ސަމްސާ ސަނާމުގު ފުށް (ގްރެމް ފުލާ) އަދި ގީ ސަމްސަލެއް އަޅާލުމަށްފަހު ރޯ ކިރާއި އެއްކުރުމަށްފަހު ރަނގަޅަށް ކައްކާލާށެވެ. އަދި ކުޑަކޮށް ހިހޫވުމުން ބޯލާށެވެ. ރޭގަނޑު އާންމުކޮށް ބޯން ބޭނުން ކުރާ ކިރުތަށްޓައް ވެސް މި ތަކެތި އެއްކޮށްގެން ބުއިމަކީ ވެސް ހަށިގަނޑަށް ފައިދާ ހުރި ކަމެކެވެ.

އޯޓްސް

މިއީ ކާބޯހައިޑްރޭޓްސް އަދި ޕްރޮޓީން ގިނަ އަދަދަކަށް ހިމެނޭ، ހެނދުނުގެ ނާސްތާގައި ކާން އެންމެ ފައިދާ ހުރި އެކައްޗެވެ. ހަށިގަނޑަަށް ބޭނުންވާ ހަކަތަ އިތުރު ކޮށްދީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް އޯޓްސްގައި ހިމެނޭ ނިއުޓްރިއަންޓްސް އެހީތެރިވެދެ އެވެ.