ލައިފްސްޓައިލް

800 އަށް ވުރެ ގިނަ މުވައްޒަފުން ގޮވައިގެން ބޮސް ޗުއްޓީ އަށް

Dec 28, 2016
1

އެވެސް އަދި ކްރޫޒް ޝިޕަކަށެވެ! -- އެހެންވީމަ މިއަށް ވުރެން ވަކި އުފާވެރި ޗުއްޓީއެއް އެހެން ބަޔަކަށް މި އަހަރު އަދި ކުރިއަށް އޮތް އަހަރު ނިމުމުގެ ކުރިން ވެސް ދެވޭނެ ހެނެއް ހީއެއް ނުވެ އެވެ.

މި ނަސީބު ލައްވާލި ބަޔަކީ އެމެރިކާގެ ފަރުނީޗަރު ކުންފުންޏެއް ކަމުގައިވާ ބާޗު ކެބިނެޓްސްގެ 800 އަށް ވުރެ ގިނަ މުވައްޒަފުންނަށެވެ. އެމެރިކާގެ އައޯވާގެ ވޯޓަލޫ ސިޓީއަށް ނިސްބަތްވާ މި ކުންފުނިން ވަނީ އަންނަ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުން ފެށިގެން ކުންފުނި ބަންދުވާނެ ކަން އިއުލާނުކޮށް ޗުއްޓީ އަށް ތައްޔާރުވެފައިވާކަން އެމީހުންގެ ފޭސްބުކް ޕޭޖު މެދުވެރިކޮށް އިއުލާނުކޮށްފަ އެވެ.

މި ކުންފުނީގެ މުވައްޒަފުންނަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ ޗުއްޓީގެ ހުރިހާ ހަރަދެއް ކުންފުނީގެ ބޮސްގެ އަމިއްލަ ޖީބުން ފޯރުކޮށްދޭތީ އެވެ.

ކުންފުނީގެ ރައީސް ގެރީ ބާޗު ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ އެމީހުން ޗުއްޓީ އަށް ދާން ހަމަޖެހިފައި ވަނީ ކެރީބިއަން ކަނޑާއި ޖަޒީރާ ރަށްތަކުގެ ހިތްގައިމުތަކުގެ ތެރެއަށް ކަމަށެވެ. އެންމެ ފަހު މަންޒިލް ކްރޫޒް ލައިނަކަށް ހަދާފައިވާއިރު އެންމެ ފުރަތަމަ މަންޒިލަކީ މައިއާމީ އެވެ.

"އަހަރެމެން މައިއާމީ އަށް ދާނީ ޗާޓަރުކޮށްފައިވާ ހަތަރު ފްލައިޓެއްގައި. އެތަނުގައި ތިބުމަށް ހަމަޖެހިފައި ވަނީ ފަސް ތަރީގެ ހޮޓަލެއްގައި. އެއަށް ފަހު ބަހުގައި އެއާޕޯޓަށް ގޮސް ދެން ފުރައިގެންދާނީ ކްރޫޒު ޝިޕެއްގައި،" ކުންފުނީގެ ރައީސް ބުނެފައިވެ އެވެ.

ބާޗު ބުނެފައި ވަނީ މި ޗުއްޓީ ދަތުރަކީ ކުންފުނިން މި އަހަރަށް ކަނޑައެޅި އަމާޒަށް ވާސިލުވުމަށް މުވައްޒަފުން ކުރި ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމަށް ދޭ ހަދިޔާއެއް ކަމަށެވެ.

ބާޗު އާއި އޭނާގެ 800 އަށް ވުރެ ގިނަ މުވައްޒަފުންގެ ޗުއްޓީ ނިމުމަކަށް އަންނާނީ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު އެވެ.

އެމެރިކާގެ ކުންފުންޏެއްގެ ގިނަ އަދަދެއްގެ މުވައްޒަފުން ގޮވައިގެން ޗުއްޓީއަށް ދާން ނިންމިއިރު، ދާދިފަހުން ސިންގަޕޫރުގެ ކުންފުންޏެއްގެ 100 މުވައްޒަފުން ގޮވައިގެން އެ ކުންފުނީގެ ވެރިޔާ ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފަ އެވެ.