ޑޮކްޓަރަށް ދެއްކުމަށް ހޮސްޕިޓަލެއް އިހްތިޔާރުކުރެވޭ ހިނދު އާންމުކޮށް ގިނަ މީހުން ބަލަނީ ނުވަތަ އެންމެ ބޮޑު ސަމާލުކަމެއް ދެވެނީ މޮޅު ޑޮކްޓަރުން ތިބޭ ހޮސްޕިޓަލްތަކަށެވެ. ނަމަވެސް ތަޖުރިބާކާރުން ބުނަނީ ހަމައެކަނި މޮޅު ޑޮކްޓަރުން ތިބޭ ހޮސްޕިޓަލެއް ހޯދުމުގެ އިތުރުން ދައްކަން ޖެހޭ ޑޮކްޓަރު އިހުތިޔާރުކުރުމުގައި ވެސް ބަލަން ޖެހޭ މުހިންމު ކަމެއް އެބައޮތް ކަމަށެވެ.
އެމެރިކަން މެޑިކަލް އެސޯސިއޭޝަންސްގެ ޖާނަލްއެއް ކަމުގައިވާ ޖަމާ އިންޓާނަލް މެޑިސިންގެ އެންމެ ފަހުގެ އަދަދުގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނެފައި ވަނީ ޑޮކްޓަރަކަށް ދައްކާއިރު ފިރިހެން ޑޮކްޓަރެއްގެ ބަދަލުގައި އަންހެން ޑޮކްޓަރަކު އިހްތިޔާރުކުރުމަކީ އޭގެ ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ. ސަބަބަކީ އަޅާލުމާއި އޯގާތެރިކަމުގައި ފިރިހެނުންނަށް ވުރެން އަންހެނުން މޮޅުވެފައި ކުރިލިބޭތީ ކަމަށެވެ.
މި ދިރާސާކުރިއަށް ގެންގޮސްފައި ވަނީ ހަވަޑް ސްކޫލް އޮފް ޕަބްލިކް ހެލްތުގެ ތަޖުރިބާކާރުންގެ ޓީމަކުންނެވެ. މި ދިރާސާ 2011 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ކުރިއަށް ގެންގޮސްފައިވާއިރު ހޮސްޕިޓަލްތަކުގައި އެޑްމިޓްކުރި 1.5 މިލިއަން މީހުންގެ މައްސަލަ ބަލައި ދިރާސާކޮށްފައިވެ އެވެ.
އެގޮތުން މި ދިރާސާ އިން އެނގުނު ގޮތުން އަންހެން ޑޮކްޓަރަކަށް ދެއްކުމަކީ ބަލި މީހާގެ ސިއްހަތަށް އޭގެ ގިނަ ފައިދާތަކެއް ކުރާ ކަމެކެވެ. އެގޮތުން އަންހެން ޑޮކްޓަރަކަށް ދައްކާ މީހާ، ހޮސްޕިޓަލުން ގެއަށް ފޮނުވާލާތާ 30 ދުވަސް ތެރޭގައި ފުރާނަ އަށް ނުރައްކާވާ ފަދަ ބައްޔެއް ނުވަތަ މައްސަލައެއް ދިމާވާނުވާކަން މި ދިރާސާ އިން ފާހަގަކޮށްފައިވެ އެވެ.
މީގެ އިތުރުން، ހަމަ މުއްދަތުގެ ތެރޭގައި އެ މީހަކު ދެ ވަނަ ފަހަރަށް ހޮސްޕިޓަލެއްގައި އެޑްމިޓްކުރަން ނުޖެހޭނެކަން ވެސް ފާހަގަކޮށްފައިވެ އެވެ.
"އަންހެން ޑޮކްޓަރުންނަކީ ސާފު ހެކި ހޯދައިގެން ބޭސްކުރާ ކަމަށް ފާހަގަކުރެވޭ ބައެއް. އަދި ވަކިން ހާއްސަކޮށް އެކަމެއް ކުރަން ކަނޑައެޅިފައި އޮންނަ އުސޫލަކަށް ވަރަށް ބޮޑަށް ފަރުވާ ބަހައްޓާ ބައެއް،" ދިރާސާގައި އިސްކޮށް އުޅުނު ޕްރޮފެސަރު އަޝިޝް ޖާހާ ވިދާޅުވެފައިވެ އެވެ.
"ބަލި މީހާގެ ފަރާތުން މައުލޫމާތު ލިބިގަތުމުގައި ވެސް އަންހެން ޑޮކްޓަރުންނަކީ ފާހަގަކޮށްލެވޭ ބައެއް. މުއާމަލާތުކުރުމުގައި ސާފު އަދި އެންމެ މުހިންމު މައުލޫމާތުތައް ދެނެގެނޭ."
ފިރިހެން ޑޮކްޓަރުންނަށް ވުރެ އަންހެން ޑޮކްޓަރުން ބަލި މީހުންނަށް ދޭ ފަރުވާ ރަނގަޅު ކަމަށް މި ދިރާސާއިން ދެއްކި ނަމަވެސް ބައެއް ތަޖުރިބާކާރުން ބުނަނީ މިއީ އަދިވެސް ދިރާސާކޮށް ބަލައި ކަށަވަރުކުރަން ޖެހޭ ކަމެއް ކަމަށެވެ. ފިރިހެން ޑޮކްޓަރުންނަށް ވުރެ ހުރިހާ ގޮތަކުން ވެސް އަންހެން ޑޮކްޓަރުން މޮޅު ކަމަށް މި ދިރާސާއިން ދައްކާފައިވާއިރު ކުޅަދާނަކަމާއި ހިދުމަތްތެރިކަން ފާހަގަކޮށް ދޭ ޝަރަފްވެރި ނޮބެލްގެ އިނާމުގައި ސިއްހީ ދާއިރާއިން ގިނަ އަންހެން ޑޮކްޓަރުން މި ޝަރަފްވެރިކަން ހާސިލުކޮށްފައިވާކަން ފާހަގަކޮށްލެވެ އެވެ.