ރާއްޖެ ކުޅިވަރު

ނިޒާމް ވެސް ޓީސީ ދޫކޮށްލަނީތަ؟

Dec 28, 2016

ފުރަތަމަ ޑިވިޝަންގައި މިދިޔަ ދެ ސީޒަންގައި އެއްވަރެއްގައި ޕަފޯމް ކުރި ޓީމަކީ ޓީސީ އެވެ. ފުރަތަމަ ފަހަރަށް މިދިޔަ ސީޒަންގައި މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ނިކުތް ޓީސީ އިން އާދައިގެ ޓީމަކާ އެކު ނިކުމެ ލީގްގެ ދެ ވަނަ ހޯދައި އެންމެން ހައިރާން ކޮށްލި އެވެ.

ޓީސީގެ ފަރާތުން ފެނުނު އެ ތަފާތުގެ މާސްޓާ މައިންޑަކީ އެޓީމުގެ ކޯޗް މުހައްމަދު ނިޒާމް (ނިޒާންބެ) އެވެ. ސީޒަންގެ ހުރިހާ މުބާރާތެއްގެ ދެ ވަނަ ހޯދި ޓީމުގައި ހިމެނުނު ސީނިއާ ބައެއް ކުޅުންތެރިން ދެއްކި ކުޅުމަކީ އެ ކުޅުންތެރިންގެ ކެރިއަރުގައި ދެއްކި އެންމެ ތަފާތު ކުޅުމެވެ. އެ ކުޅުންތެރިންގެ އެކަމުގެ ޝުކުރު އަދާ ކުރަނީ ކޯޗް ނިޒާންބެ އަށެވެ. ލީގްގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑް ވޭތުވެދިޔަ ދެ ސީޒަން ގައި ވެސް ހޯދީ ނިޒާމްގެ ކޯޗު ކަމުގެ ދަށުން ކުޅުނު ކުޅުންތެރިންނެވެ.

"މިއީ ކޯޗުގެ ހިތްވަރު، ކޯޗަށް އެނގޭ ކުޅުންތެރިންގެ ހުރި ފެންވަރަކީ ކޮބައިކަން އަދި ކުޅުންތެރިންގެ އެ ހުނަރު ދަނޑު މަތީގައި ނެރެދެންވެސް ކޯޗަށް އެނގޭ." ލީގްގެ މޮޅު ކުޅުންތެރިއާގެ އެވޯޑް ހޯދުމުގެ އިތުރުން އަހަރުގެ އެންމެ މޮޅު ކުޅުންތެރިއާގެ އެވޯޑަށް އެންމެ ބޮޑަށް ވާދަ ކުރާ، ޓީސީ އަށް ކުޅުނު އަލީ ފާސިރު (ސެންޓޭ) ބުނެފައިވެ އެވެ.

ނަމަވެސް، ޓީސީގެ ކޯޗު ކަމުން އަންނަ ސީޒަންގައި ނިޒާމް ފެންނާނެ ކަމުގެ ޔަގީން ކަމެއް ނެތެވެ. ޓީސީއާ އެކު އޭނާ ހަދާފައިވާ ކޮންްޓްރެކްޓް ވަނީ ހަމަވެފަ އެވެ. އަންނަ އަހަރު ޓީސީގެ ކޯޗުކަމުން ފެނިދާނެތޯ ސުވަލުކުރުމުން ނިޒާމް ބުނީ ވަކި ގޮތެއް ނުނިންމާ ކަމަށެވެ.

"ފެނުން ވެސް ގާތް ނުފެނުންވެސް ގާތް. އެނގޭނީ ވަގުތު ޖެހުނީމަ." އަވަސް އިން ކުރި ސުވާލަށް ކުރު ޖަވާބަކުން ނިޒާމް ފުއްދާލި އެވެ.

އަންނަ ސީޒަނަށް ޓީމުތައް ތައްޔާރު ވަމުންދާއިރު، ޓީސީގެ ހަރަކާތް ފެންނަނީ ވަނދު ކޮށެވެ. އެޓީމަށް ކުޅުނު މުހިންމު ހަތަރު ކުޅުންތެރިއަކު ވަނީ ޓީމު ދޫކޮށް ލާފަ އެވެ. ޓީމު ދޫކޮށްލި ބައެއް ކުޅުންތެރިންގެ ތެރެއިން މިހާތަނަށް މަގާމު ރިޕްލޭސް ކުރެވުނީ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިމްރާން) ގެ މަގާމަށް އެކަންޏެވެ. ކީޕަރަކަށް ނޭޕާލްގެ ގައުމީ ޓީމުގެ ކީޕަރު ކިރަން ކެމްޖޮންގް ގެނައުން ފިޔަވައި ޓީސީގެ އެހެން އަޑެއް ނުއިވުނެވެ.