ރާއްޖެ ކުޅިވަރު

ވިކްޓްރީގެ ޗެއާޕާސަންގެ އިންތިހާބު ހޯމަ ދުވަހު

Dec 28, 2016

މައްސަލަ ބޮޑުވި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ރައީސް ކަމުގެ މަގާމަށް މިހަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ހޯމަ ދުވަހު ބާއްވަން އެ ކުލަބުން އިއުލާން ކޮށްފިއެވެ.

ވިކްޓްރީގެ ރައީސްގެ މަގާމަށް މިއަހަރު އެންމެ ފުރަތަމަ އިންތިހާބު ކުރީ ދާންދޫ ދާއިރާގެ މެންބަރު އަހްމަދު އަސްއަދެވެ. ނަމަވެސް އޭނާ އަށް ވިކްޓްރީގެ ހިންގުމުގައި ވަގުތު ދެވެން ނެތް ކަމަށް ބުނެ ޖުލައި މަހު 18 ވަނަ ދުވަހު އަސްއަދު ވަނީ ޗެއާޕާސަންގެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

އޭގެ ފަހުން އޮކްޓޫބަރު މަހު 17 ވަނަ ދުވަހު ވިކްޓްރީން ވަނީ ރައީސްގެ މަގާމަށް މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް އިންތިހާބު ކޮށްފައެވެ.

ނަމަވެސް ނޮވެމްބަރު މަހު ހޯމް މިނިސްޓްރީން ވަނީ ޗެއާޕާސަން ހޮވުމަށް ބޭއްވި އިންތިހާބު ބާތިލު ކޮށްފަ އެވެ.

ހޯމް މިނިސްޓްރީން ވިކްޓަރީއަށް ފޮނުއްވި ސޓީގައި ބުނެފައިވަނީ ރައީސް ނެތް ހާލަތުގައި ކުލަބު ހިންގުމުގެ ހުރިހާ ކަމެއް ކުރަން ޖެހޭނީ ނައިބު ރައީސުންގެ ބެލުމުގެ ދަށުން ކަމަށް ވިކްޓްރީގެ އަސާސީ ގަވައިދު ގައިވާ ކަމަށެވެ.

އިންތިހާބު ބާއްވާފައިވަނީ ވިކްޓްރީގެ ދެ ނައިބު ރައީސުން ނަށްވެސް ނޭނގި އެއްވެސް އިއުލާނެއް ކުރުމެއް ނެތިކަމަށް ވިކްޓްރީގެ ދެ ނައިބު ރައީސުން ކަމުގައިވާ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުލް މުހްސިން (ޖޭފޯ) އާއި އަބްދުﷲ މައުމޫން ހޯމް މިނިސްޓްރީ އަށް އަންގާފައިވާ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަދި ޖަމްއިއްޔާތަކުގެ ރަޖިސްޓާ ޔޫސުފް އަބްދުލް ގަފޫރު (ޔޫސޭ) ސޮއި ކުރައްވައި ފޮނުވާވާ ސިޓީގައި ވެއެވެ.

އިންތިހާބު ބާތިލު ކުރި ސިޓީއާ އެކު ފޮނުވާފައިވާ ވިކްޓްރިގެ ބޯޑު މެންބަރުންގެ ލިސްޓްގައި ޗެއާޕާސަން މަގާމުގައި ހޯމް މިނިސްޓްރީން ލިސްޓްގައި ވަނީ އަސްއަދުގެ ނަމަވެ.

ވިކްޓްރީގެ ޗެއާޕާސަން މަގާމުގެ އިތުރުން ބޯޑުގެ ދެ މެންބަރުގެ މަގާމުވެސް ވަނީ ހުސްވެފައެވެ.