ރާއްޖެ ކުޅިވަރު

ކްރިކެޓް ޓީމު މެލޭޝިއާއަށް

Dec 29, 2016

މެލޭޝިއާގެ ގައުމީ ޓީމުތަކާ ދެކޮޅަށް ބައިނަލްއަގްވާމީ ހަތް މެޗު ކުޅުމަށްޓަކައި ގައުމީ ކްރިކެޓް ޓީމް މެލޭޝިއާއަށް ހިނގައްޖެއެވެ.

މެލޭޝިއާގައި ކުޅޭ މެޗްތަކުގައި އެ ގައުމުގެ ސީނިއާ ޓީމާއި 23 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށްވެސް މެޗުތައް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު އަފްލާހް ވިދާޅުވީ އެ ގައުމާ ދެކޮޅަށް ރާއްޖެއިން ހަތް މެޗު ކުޅުމަށް ހަމަޖެހިފައިވާ ކަމަށެވެ. އެއީ ޓީ ޓްވެންޓީ ސީރީސްގެ ހަތަރު މެޗާއި 50 އޯވަރުގެ ތިން މެޗެވެ. މެލޭޝިއާއަކީ އައިސީސީ ވޯލްޑް ލެވަލް ތިނެއްގައި ރޭންކް ކުރެވޭ ގައުމެކެވެ.

މިއީ ދެ އަހަރުގެ މެދުކެނޑުމަކަށްފަހު ގައުމީ ޓީމް ބައިނަލްއަގްވާމީ މެޗްތަކެއް ކުޅޭ ފުރަތަމަ ފަހަރެވެ.

އަފްލާހް ވިދާޅުވީ މެލޭޝިއާ ޓްއާ ކާމިޔާބު ވެއްޖެނަމަ ތައިލެންޑްގެ ގައުމީ ޓީމާ ދެކޮޅަށްވެސް މެޗްތަކެއް ކުޅުމުގެ ފުރުސަތު ރާއްޖެ އަށް ލިބިގެންދާނެ ކަމަށެވެ.

އަޅުގަނޑުމެންގެ ވިސްނުން ހުރީ ރާއްޖެއާ މެލޭޝިއާ އަދި ތައިލެންޑް ބައިވެރިވާ ގޮތަށް ބައިނަލްއަގްވާމީ މެޗްތަކެއް ރާވަން،"

ރާއްޖެއަކީ އޭޝިއަން ކްރިކެޓް ކައުންސިލްގައި އެލީޓް ގުރޫޕް މެންބަރެކެވެ. ޓީމު އިވެންޓެއްގައި ރާއްޖެއަށް ބައިނަލްއަގްވާމީ މުބާރާތެއްގައި ފުރަތަމަ ރަން މެޑަލް ގެނައީ ކްރިކެޓް ޓީމެވެ. ކްރިކެޓް ޓީމުން ވަނީ 2005 ވަނަ އަަހަރު ބޭއްވި އިމާޖިން ނޭޝަން އޮފް ކްރިކެޓް ޓޯނަމަންޓްގެ ޗެމްޕިއަންކަން ހޯދާފަ އެވެ. އޭރު އަފްލާހް އަކީ އެޓީމުގެ މުހިންމު ކުޅުންތެރިޔެކެވެ.