ރާއްޖެ ކުޅިވަރު

މާޒިޔާގެ ކޯޗަކަށް ޔަންގޮންގެ ކުރީގެ ކޯޗް ސެކްލޮސްކީ

Dec 29, 2016

މިއަހަރު އޭއެފްސީ ކަޕްގައި މިޔަންމާގެ ޔަންގޮން ޔުނައިޓަޑަށް ކޯޗް ކޮށްދިން މެސަޑޯނިއާގެ މާރުޖޮން ސެކްލޮސްކީ މާޒިޔާގެ ކޯޗަކަށް ގެނައުމަށް އެ ކުލަބުން އޭނާ އާއެކު އެއްބަސްވުމަކަށް އަތުވެއްޖެ އެވެ.

ސެކްލޮސްކީ އިރުޝާދުގެ ދަށުން ކުޅުނު ޔަންގޮން ޔުނައިޓަޑް މި އަހަރުގެ އޭއެފްސީ ކަޕް ގުރޫޕް ސްޓޭޖްގައި ހިމެނުނީ މާޒިޔާއާއެކު ގުރޫޕް ޖީ ގައެވެ. މާޒިޔާއާ ދެކޮޅަށް މާލޭގައި ކުޅުނު މެޗް ނިމުނީ އެއް ވަރުވެގެންނެވެ. މިޔަންމާއާ ދެކޮޅަށް ކުޅުނު މެޗް ޔަންގޮން ކާމިޔާބު ކުރީ 3-2 ން ނެވެ.

މާޒިޔާގެ ޖެރަނަރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވިދާޅުވީ ސްކޮލްސްކީ އާއެކު އެއްބަސްވީ އެއް އަހަރު ދުވަހުގެ މުއްދަތަށް ކަމަށެވެ.

"އެހެން ބައެއް ކޯޗުންގެ ސީވީ ވެސް އަޅުގަނޑުމެންނަށް ހުށަހެޅިފައި ހުރި ނަމަވެސް ސެކްލޮސްކީއާ ހަވާލު ކުރަން ނިންމީ އޭނާ އަކީ އޭޝިއާގެ ފުޓްބޯޅައިގައި މަސައްކަތް ކޮށްފައި ހުރި ކޯޗަކަށް ވުމުން އޭޝިއާގެ ފުޓްބޯޅަ އޭނާ އަށް އެނގޭނެ ތީ." ވައްހާބު ވިދާޅުވި އެވެ.

ޔޮންގޮންގެ އިތުރުން ސެކްލޮސްކީ ވަނީ މިޔަންމާގެ އަޔަވެދީ ޔުނައިޓަޑަށް ވެސް ކޯޗް ކޯށްދީފަ އެވެ. އަދި އޭޝިއާގެ ފުޓްބޯޅައިގައި މަސައްކަތް ކުރުމުގެ ކުރިން އޭނާ ވަނީ މެސަޑޯނިއާގެ ދަށް ޑިވިޝަންތަކުގެ ކުލަބުތަކުގައި މަސައްކަތް ކޮށްފަ އެވެ.

ސެކްލޮސްކީއަކީ މާޒިޔާ އަށް ކޯޗް ކޮށްދޭ ފުރަތަމަ ބިދޭސީ ކޯޗެވެ. މީގެ ކުރިން މާޒިޔާ އަށް ކޯޗް ކޮށްދިނީ ރާއްޖޭގެ އެއް ވަނަ ކޯޗް އަލީ ސުޒޭން އާއި ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗް އިސްމާއިލް މަހްފޫޒު (އިންމަ) އެވެ.

މިދިޔަ ސީޒަންގައި މާޒިޔާ އަށް ކުޅުނު މުހިންމު ހަތަރު ކުޅުންތެރިން ވަނީ އެޓީމު ދޫކޮށްލާފަ އެވެ. އެއީ ގޯލް ކީޕަރު އިމްރާން މުހައްމަދާއި ސީޒަންގެ މެދުތެރެއިން މާޒިޔާ އާ ގުޅުނު ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) އާއި މިޑްފީލްޑާ އިސްމާއީލް އީސާގެ އިތުރުން އަހްމަދު ރަޝީދު (އަންމަޑޭ) އެވެ.

ކީޕަރަކު ހޯދުމާއި ބިދޭސީ ކުޅުންތެރިން ގެނައުމުގެ ކަންކަން ކުރިއަށްދާ ގޮތޯބެހޭގޮތުން ވައްހާބުއާ ސުވަލު ކުރުމުން ވިދާޅުވީ ކީޕަރަކާއި ބިދޭސީ ކުޅުންތެރިންނަށް ބަލަމުންދާ ކަމަށާއި އަދި މުޅިން ފައިނަލު ނުވާ ކަމަށެވެ.