ގާ ކޮއްޓާއި އަރަބިއްޔާގެ ބިމުގައި ޓާޓާ ހައުސިން އިން އިމާރާތް ކުރި ފްލެޓުތަކުގެ ކޮލިޓީ މައްސަލައެއް އުޅޭނަމަ އެކަމަށް ޒިންމާ ވާން ޖެހިވަޑައިގަންނަވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާޅުވީ ޓާޓާ ފްލެޓުތަކުގެ ކޮލިޓީ ދަށް ކަމަށް ބުނެ އެ ފްލެޓު ލިބުން ފަރާތްތަކުގެ ފަރާތުން ޝަކުވާތައް އަންނަ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.
ދެހާސް ސޯޅަ ވަނަ އަހަރު ހައުސިން މިނިސްޓްރީއިން ކުރިޔަށް ގެންގޮސްފައިވާ މަޝްރޫއުތަކާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މުއިއްޒު މިއަދު ވިދާޅުވީ ގާ ކޮއްޓާއި ކުރީގެ އަރަބިއްޔާގެ ބިމުގައި ފްލެޓު އެޅުމަށް ޓާޓާ ހައުސިންއާއެކުވި އެއްބަސްވުން އޮތީ ބެދިފައި ކަމަށާއި އޭގެ އަގު ހަތަރު މިލިއަނަށްވުރެ މަތީގައި އުޅޭ ކަމަށެވެ. ނަމަވެސް މި ސަރުކާރުން އެ އަގު ދެ ގުނަ ދަށްކޮށް ރައްޔިތުންނަށް ފަސޭހަކޮށްދީފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވީ ފްލެޓްތަކުގައި ސޯޝަލް ހައުސިން ކެޓަގަރީގެ ފެންވަރު ހުރިތޯ ބެއްލެވި ކަމަށާއި ނަމަވެސް ހުރި ދަށް ކޮލިޓީއަށް ޒިންމާ ވާން ޖެހޭނީ އެ މަސައްކަތް ފެއްޓެވި ކުރީގެ ރައީސް ކަމަށެވެ.
"ޓާޓާ ފްލެޓުތަކުގެ ޑިޒައިންވެސް ހެދީ ނަޝީދު ސަރުކާރުން އެޕްރޫވް ކުރީވެސް އެ ސަރުކާރުގައި. އެތަނުގެ ފެންވަރު ބެލީވެސް އެބޭފުޅުން އެހެންވީމަ އޭގެ ޒިންމާ ނަގަން ޖެހޭނީ އެ ސަރުކާރުން،" މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓާ މިހެން ވިދާޅުވެފައިވާ އިރު ޓާޓާ ފްލެޓުތަކުގެ މައްސަލަ ބޮޑުވެގެން ހާއްސަ އޮޑިޓެއް ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިޔަތު ކޮމިޓީއިން ވަނީ ނިންމާފަ އެވެ. އެ ފްލެޓުތައް ލިބުން މީހުން ގުރުއަތުން ހޮވުމާ ހަވާލު ކުރުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއިން ވަނީ ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާ ހަވާލުކޮށްފައެވެ.