ޗައިނާގެ ގުއަންގުޒޫ ސިޓީގައި ގާއިމުކޮށްފައިވާ 3،500 އަކަ ކިލޯމީޓަރުގެ މި މަދިރި ފެކްޓަރީ އިން ހަފުތާއެއްގެ މައްޗަށް ފަސް މިލިއަން އީޑިސް މަދިރި "އުފައްދަ" އެވެ. އޭޝިއާގެ ރަމްޒީ މަދިރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ އީޑިސް އަކީ ޑެންގޫ އާއި ޒިކާ ފެތުރުމުގައި މުހިންމު ދައުރެއް އަދާކުރާ އެއްޗެކެވެ.
އެހެންވީމަ ޗައިނާގެ މި ފެކްޓަރީއެއްގައި މި ބާވަތުގެ މަދިރި މިލިއަނުން އާލާކޮށް އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ދޫކުރަމުން ގެންދަނީ ކޮން ބޭނުމެއްގައި ހެއްޔެވެ؟ އެއްގޮތަކަށް ވެސް ކަންބޮޑުވާނެ ކަމެއް ނެތެވެ. ޗައިނާގެ މި "މަދިރި ފެކްޓަރީ" އަކީ އިންސާނުންނަށް އިތުރު ތުރާލެއް ޖެއްސުމުގެ ބޭނުމުގައި ހިންގާ ފެކްޓަރީއެއް ނޫނެވެ.
މި ލެބޯޓަރީގައި އިސްކޮށް ހަރަކާތްތެރިވާ އެންޓޮމޯލޮޖިސްޓް ޒިޔޮންގް ޝީ ވިދާޅުވަނީ އޭނާގެ މި ކެމްޕޭނަކީ އިންސާނުންގެ ދަރިފަސްކޮޅަށް މަދިރީގެ ޒަރިއްޔާއިން ކުރިމަތިވެފައިވާ ޑެންގީ އާއި ޒިކާގެ މުސީބާތަށް ހައްލެއް ހޯދައިދޭނެ ކެމްޕޭނެއް ކަމަށެވެ. މި ލެބޯޓަރީ ގާއިމުކޮށްފައި ވަނީ ގުއަންގުޒޫގެ ސަން ޔަޓް-ސެން ޔުނިވާސިޓީގެ ސައިންސް ކެމްޕަހުގަ އެވެ.
އެކަމަކު ޒިކާ އާއި ޑެންގީ ފަތުރާ މައި އެޖެންޓުންތަކެއްގެ ގޮތުގައި މަސައްކަތްކުރާ އީޑިސް މަދިރިތަކެއް ނުރައްކާތެރި މި ދެ ބައްޔާ ދެކޮޅަށް ހަރަކާތްތެރިވާ ޖާސޫސުންތަކަށް ޗައިނާގެ ސައިންސްވެރިން ބަދަލުކޮށްލައިގެން އުޅެނީ ކިހިނެތް ހެއްޔެވެ؟
ލެބޯޓަރީގައި އާލާކުރާ މަދިރީގެ ތެރެއިން އާންމުންގެ ސަރަހައްދުތަކަށް ދޫކުރަމުން ގެންދަނީ ހަމައެކަނި ފިރިހެން މަދިރިތަކެވެ. ނަމަވެސް މި މަދިރިތަކަކީ އަންހެން އެހެން މަދިރިތަކާ ޖޯޑުވެ ބިސްއަޅައި އެހެން މަދިރިތަކެއް އާލާކުރުމުގެ ކުޅެދުންތެރިކަން ލިބިފައިވާ މަދިރިތަކެއް ނޫނެވެ. ލެބޯޓަރީގައި އާލާކުރާ ފިރިހެން މަދިރިތައް އާންމުންގެ ތެރެއަށް ދޫކޮށްލަނީ، މި މަދިރިތަކުގެ އާ ޖީލަކަށް ބިސްއަޅައި ނުލެވޭ ވަރުކޮށްފަ އެވެ.
މި ނިޒާމުގެ ސަބަބުން މަދިރީގެ އާބާދީ ކޮންޓްރޯލްކުރެވި މަދިރި އެއްކޮށް ނައްތާލެވިދާނެ ކަމަށް މި ދިރާސާގެ އިސް ތަޖުރިބާކާރު ޝީ ގަބޫލުކުރައްވަ އެވެ. އަދި ދުނިޔޭގެ އެންމެ ފުންނާބުއުސް ތަޖުރިބާކާރުން ވެސް ގަބޫލުކުރާ ގޮތުގައި އީޑިސް މަދިރި ދުނިޔެ އިން ނައްތާލުމަށް މިވަގުތަށް ކުރެވޭނެ އެންމެ މޮޅު ކަމަކީ މިއީ އެވެ.
ދަރިމައިނުކުރެވޭ ގޮތް ފިރިހެން އީޑިސް މަދިރިއަށް ހަދަނީ ވޮލްބާޗިއާ ނަމަކަށް ކިޔާ ބެކްޓީރިއާއެއް އިންޖެކްޓްކޮށްގެންނެވެ. މި ފިރިހެން މަދިރިތައް އާލާކުރުމަށް ފަހު ލެބޯޓަރީގެ މަރުހަލާގައި އަންހެން މަދިރިތައް ނައްތާލަނީ އެވެ. އީޑިސް މަދިރިތަކުގެ ތެރެއިން ޑެންގީ ފަތުރާ މަދިރިއަކީ އަންހެން މަދިރި އެވެ.
ޗައިނާގެ ބައެއް އަވަށްތަކަށް މި މަދިރިތައް ދޫކޮށް ތަހުލީލުތައް ކުރިއަށްދާއިރު ޝީ އާއި އޭނާގެ ޓީމުން ދަނީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް މިފަދަ މަދިރި ފެކްޓަރީތައް ހުޅުވުމުގެ ތައްޔާރީތައްވަމުންނެވެ. އެގޮތުން އެމެރިކާގެ އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމަންޓްގެ އެއް މިލިއަން ޑޮލަރުގެ އެހީއާ އެކު އަންނަ އަހަރުގެ މާޗު މަހު މެކްސިކޯގައި ހުޅުވުމަށް ތައްޔާރުވަމުންނެވެ.