ހައުސިން ޔުނިޓް

އަންނަ އަހަރު އަށް ރަށެއްގައި 600 ހައުސިން ޔުނިޓު

  • މިހާރު އޮތީ އެގްރިމެންޓާ ހަމައަށް ދިއުން
  • މަސައްކަތް ފަށާނީ އަހަރުގެ ކުރީކޮޅު
  • މިއަހަރުގެ ހުރިހާ ޕްރޮޖެކްޓެއް އަންއަހަރު ނިންމާނެ

އަންނަ އަހަރު ތެރޭގައި ރާއްޖޭގެ އަށް ރަށެއްގައި 600 ހައުސިން ޔުނިޓު އެޅުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު ވިދާޅުވީ އަށް ރަށެއްގައި 600 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށަން ރައީސް އޮފީހުން ހައުސިން މިނިސްޓްރީއަށް އަނގާފައިވާ ކަމަށާއި އެހެންކަމުން މިހާރު ކުރިޔަށް ގެންދަނީ އެގްރީމަންޓަކާ ހަމަޔަށް ދިއުމަށް ކުރަން ޖެހޭ މަސައްކަތް ކަމަށެވެ. އަދި އަންނަ އަހަރު ތެރޭގައި ބަޔަކާ ހަވާލުކޮށް މަސައްކަތް ފަށާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

"އަންނަ އަހަރު އަލަށް ފެށުމަށްޓަކައި އޮތް އެންމެ ބޮޑު މަޝްރޫއަކީ އަށް ރަށެއްގައި 600 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް. މިހާރު ރައީސް އޮފީހުން އެބަ އޮތް އަންގާފަ ވީހާވެސް އަވަހަށް އެ މަސައްކަތް ފެށުމަށް. އެހެންވެ އަންނަ އަހަރު ކުރީކޮޅު މި އަށް ރަށުގައި ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ބަޔަކާ ހަވާލު ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

ހައުސިން ޔުނިޓު އަޅަން ހަމަޖެހިފައިވާ ރަށްތައް

  • ދ. މީދޫގައި 50 ހައުސިން ޔުނިޓު
  • ދ. ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓު
  • ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު
  • ށ. ކޮމަންޑޫގައި 50 ހައުސިން ޔުނިޓު
  • ބ. އޭދަފުށި 100 ހައުސިން ޔުނިޓު
  • ޅ. ހިންނަވަރުގައި 100 ހައުސިން ޔުނިޓު
  • ރ. މަޑުއްވަރީގައި 50 ހައުސިން ޔުނިޓު
  • ސ. ފޭދޫގައި 100 ހައުސިން ޔުނިޓު

މިނިސްޓަރު ވިދަޅުވީ ވޭތުވެދިޔަ ދެއަހަރާ ބަލާފައި މި އަހަރަކީ އެންމެ ކާމިޔާބުއެއް އަހަރު ކަމަށާއި އަދި އަންނަ އަހަރު ތެރޭގައި މި އަހަރު ފަށާފައިވާ ހުރިހާ މަޝްރޫއެއް ނިންމަން އަމާޒު ހިފާފައިވާ ކަމަށެވެ.