ރާއްޖެ ކުޅިވަރު

ރެއާލްގެ ޖޯޒީގައި ޕްޔޯލްގެ އޮޓޯގްރާފް، ޝަބީން އުފަލުން!

މިވާހަކަ ފެށިގެން އަންނަނީ މިހަފުތާގައި ނިމުނު ނ. އަތޮޅުގައި ބޭއްވި ސިޔާމް މައުރޫފް ސޮކާ ކަޕްގެ ނިންމުމުގެ ރަސްމިއްޔާތަށް ސްޕެއިންގެ ތަރި ޕްޔޯލް ކެނދިކުޅުދޫ އަށް އައި ހިސާބުން ނެވެ. ޕްޔޯލްގެ މަންޒަރުތައް ބަލަންތިބީ ހަމައެކަނި އަތޮޅުގެ ރައްޔިތުން އެކަންޏެއް ނޫނެވެ. މުޅި ރާއްޖެވެސް ހުރީ ބާސެލޯނާގެ ލެޖެންޑަށް ކަޅި ހުއްޓައިގެން ނެވެ.

ޕްޔޯލްއާއެކު ފޮޓޯ އެއް ނަގާލުމަށް ރާއްޖޭގެ ސިޔާސީ މަސްރަހުގެ އެންމެ އަޑުގަދަ ފަރާތްތައްވެސް ދިޔައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޕްޔޯލް އައި ދުވަހު އޭނާ އާއެކު ފޮޓޯ ނަގަން ދިޔަ މީހުންގެ ތެރޭގައި މަޖިލީހުގެ މެންބަރުން ވެސް ހިމެނެ އެވެ. ކެނދިކުޅުދޫއިން ޕްޔޯލްއާއެކު އެތައް ފޮޓޯއެއްނެގި މަޝްހޫރު އެތައް މޫނު ތަކެއް ތިއްބެވެ. އެއީ އެފަރާތްތަކުގެ ދިރުއުޅުމުގައި ލިބުނު އެންމެ ބޮޑު އުފާހެންވެސް ހީވެއެވެ. ޕްޔޯލްއާ ބައްދަލުވެ ފޮޓޯ އަކަށް ހުއްޓި ލެވުނީތީ އެމީހުން ތިބީ އެހާވެސް އުފަލުން ނެވެ.

ނަމަވެސް މި އެންމެންނަށް ވުރެ ހާއްސަ ފަރާތެއް އެބަހުއްޓެވެ. އެއީ މުބާރާތުގައި ވާދަ ކުރި މިލަދޫ ޓީމުގެ ކެޕްޓަން މުހައްމަދު ޝަބީން އާދަމް، ފުޓްބޯޅައިގެ ދަނޑުން ނަމަ ލިލީ އެވެ. ޕްޔޯލް އަކީ ބާސެލޯނާގެ ލެޖެންޑެވެ. ބާސާގެ ޓިކީޓަކާގެ އެންމެ ރަންދުވަސްވަރު އެ ޓީމުގެ ފަހަތުގެ މައި ތަނބެވެ. ދުނިޔޭގެ ފުޓްބޯޅާއިގައި ބާސާއާ އެންމެ ވާދަވެރި ކުލަބަކީ ރެއާލް މެޑްރިޑް ކަން ފުޓްބޯޅަ އަށް ލޯބި ކުރާ އެއްވެސް ފަރާތަކަށް އޮޅިފައެއް ނޯންނާނެ އެވެ.

ޝަބީން އަކީ ރެއާލް މެޑްރިޑްގެ ސަޕޯޓަރެކެވެ. މުބާރާތުގެ އިނާމު ދިނުމުގެ ރަސްމިއްޔާތަށް ޝަބީން ދިޔައީ މިލަދޫ ޓީމަށް ލިބުނު ސަޕޯޓަރުންގެ އެވޯޑް ބަލައެވެ. އޮޓޯ ގްރާފެއް ހޯދުމުގެ ނިޔަތުގައި ދިޔަ ޝަބީން ގެންދިޔައީ ބާސެލޯގެ އެންމެ ވާދަވެރި ކުލަބު އަދި އޭނާ އެކުލަބަކަށް "މަރުދޭ" ރެއާލް މެޑްރިޑްގެ ޖޯޒީ އެކެވެ. އޭނާ އެދުނީ ޕްޔޯލް ގާތު އެޖޯޒީގައި އޮޓޯގްރާފެއް ދިނުމަށެވެ.

"މީ ހަމަ އައި ހިޔާލެއް އަޅުގަނޑަކީ މެޑްރިޑްގެ ސަޕޯޓަރެއް ހިތަށް އެރި އޮޓޯގްރާފް ހޯދަން ދާނީ މެޑްރިޑްގެ ޖޯޒީ ހިފައިގެން ނޭ އެހެން ހިތައް އަރާފަ ދިޔައީ" އަވަސްއާ ވަހަކަ ދައްކަމުން ޝަބީން ބުންޏެވެ.

ޕްޔޯލް އަކީ ބާސެލޯނާގެ ކުރީގެ ކެޕްޓަނެވެ. އޭނާގެ ޑިސިޕްލިން އާއި ޕްރޮފިޝަނަލިޒަމްއާ މެދު އޭނާގެ ވާދަވެރިންވެސް ސުވާލު ނުއުފައްދާވަރުގެ ފައްކާ ކުޅުންތެރިޔެކެވެ. ވާދަވެރި ޓީމެއްގެ ޖޯޒީ ހިފައިގެން ދިއުމުންވެސް ޕްޔޯލްގެ ހިނިތުންވުމާއި އޭނާގެ ޕޮރޮފިޝަނަލަިޒަމް ހާމަ ވެގެން ދެއެވެ. އޭނާވެސް ޝަބީންގެ ރެއާލްގެ ޖޯޒީގައި ސޮއި ކޮށްލި އެވެ.

"އެވަގުތު އަޅުގަނޑު ބެލިން ޕްޔޯލްގެ މޫނަށް ވަރަށް ޕްރޮފިޝަނަލް ހަމަ ދޭއިރަށް ސޮއި ކޮށްލައިފި ހަގީގަތުގައި ފުޓްބޯޅައިގެ ޕްރޮފިޝަނަލިޒަމް އަކީ އެއީ ވާދަވެރި ޓީމަށްވެސް އިހްތިރާމް ކުރޭ."

ޝަބީންގެ ވާހަކަ ދެއްކުނީކީ މިލަދޫ އާއި ކެނދިކުޅުދޫގައި އެކަންޏެއް ނޫނެވެ. ދުނިޔޭގެ ޝޯޝަލް މީޑިއާގެ ހުޅަގާއި އިރުމަތި އަދި އުތުރާއި ދެކުނުގެ އެންމެ ބޮޑު އަޑު ފޭސްބުކްގައިވެސް ގުގުމާފައިވަނީ ޝަބީންގެ ފޮޓޯއެވެ. ފޭސްބުކްގައި ފުޓްބޯލް ޓްރޮލް ޕޭޖްގައި ޕޯސްޓްކޮށްފައިވާ ޝަބީން އާއި ޕްޔޯލްގެ ފޮޓޯ އަށްވަނީ އެތައްހާސް ލައިކެއް ވެފައެވެ. ޝޭއާ ގެ އިތުރން އެތައް ރީޕޯސްޓެއް އެކި ޕޭޖް ތަކުގައި ކޮށްފައި ވެއެވެ.

ޝަބީންގެ މަސައްކަތުން އެހެން ކަމެއް ބަދަލު ކޮށްލައިފިއެވެ. ބާސާއާ ރެއާލްގެ ވާދަވެރި ކަމުގެ މިންވަރަކީ އެ ދެ ކުލަބުގެ ސަޕޯޓަރުން ނަކީ އެކުލަބު އަނެއްކުލަބު ދެކެ ރުޅި އަރާ ބައެކެވެ. ދެޓީމުގެ ކުޅުންތެރިންނާމެދު ގިނަ ސަޕޯޓަރުން ވެސް ތިބީ އެހެންނެވެ. ބާސާ ސަޕޯޓުން ރެއާލް ކުޅުންތެރިން ދެކެ ރުޅި އަންނަ ގޮތަށް ރެއާޅްގެ ސަޕޯޓަރުންގެ ހިތް ބާސާގެ ކޫޅުންތެރިޔަކާ މެދު ރަނަގލެއް ނޫނެވެ. ނަމަވެސް ޝަބީންގެ ރެއާލް ޖޯޒީގައި ޕްޔޯލް ސޮއި ކުރުމުން ރެއާލްގެ ސަޕޯޓަރުންގެ ހިތްތައް ޕްޔޯލްއާ މެދު ފިނިވެއްޖެއެވެ. ރެއާލްގެ ސަޕޯޓަރުންގެ އިހްތިރާމުވެސް ޕްޔޯލް އަށް އޮހިއްޖެއެވެ. ހުރިހާ ސާބަހެއް ޝަބީން އަށެވެ.