އަންނަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުގައި މިޔަންމާ އާއި އިންޑޮނޭޝިއާގެ ވަރުގަދަ ދެ ކްލަބަކާ އެއް ގުރޫޕެއްގައި ރާއްޖޭގެ ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓް ވާދަކުރަން ޖެހިއްޖެ އެވެ.
މުބާރާުތުގެ ގުރު މިއަދު މެންދުުރު ނެގިއިރު، ގުރޫޕް އެޗްގައި ނިއުއާއެކު އޮތީ މިޔަންމާގެ އަޔެވާދީ ޔުނައިޓެޑާއި ލާއޮސްގެ ލާއޯ އެފްސީ އާއި އިންޑޮނޭޝިއާގެ ޕެރްސިބް ބަންޑުންްގެވެ. ޗެމްޕިއަންސް ލީގުގެ ޕްލޭއޮފްގައި ވާދަކުރާ ޕެރްސިބް ބަންޑުންގް އެ މުބާރާތަށް ކޮލިފައިވެއްޖެ، އެ ޓީމުގެ ބަދަލުގައި އޭއެފްސީ ކަޕްގައި ވާދަކުރާނީ އިންޑޮނޭޝިއާގެ އަރޭމާ ކްރޯނޮސް އެވެ.
އިންޑޮނޭޝިއާ ސުޕަ ލީގު މި އަހަރު ކާމިޔާބުކުރި ޕެރްސިބް ބަންޑުންގް އަކީ މި ވަގުތު އެ ގައުމުގައި އޮތް އެންމެ ވަރުގަދަ އެއް ކްލަބެވެ. އަރޭމާ އަކީ މި އަހަރުގެ އޭއެފްސީ ކަޕްގައި ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ އެއް ގުރޫޕެއްގައި ވާދަކުރި ޓީމެކެވެ. މާޒިޔާއާ ދެކޮޅަށް ކުޅުނު ދެ މެޗުން ވެސް އަރޭމާ ވަނީ މޮޅުވެފަ އެވެ.
މިޔަންމާގެ އެފްއޭ ކަޕް ޗެމްޕިއަން އަޔަވާދީ އަކީ 2012 ވަނަ އަހަރުގެ އޭއެފްސީ ކަޕްގައި މާޒިޔާއާ ދެކޮޅަށް ކުޅުނު ޓީމެކެވެ. މާޒިޔާ ވަނީ އަމިއްލަ ދަނޑުގައި އެ އަހަރު އަޔެވާދީ އަތުން މޮޅުވެފަ އެވެ.
ލާއޯ އެފްސީ އަކީ މިދިޔަ ސީޒަންގައި ލާއޯސް ލީގާއި އެ ގައުމުގެ އެފްއޭ ކަޕްގެ ރަނަރަޕެވެ. ލާއޯ އެފްސީގެ ކޯޗަކީ ކްލަބް ވެލެންސިއާ އަށް 2007 ވަނަ އަހަރު ކޯޗުކޮށްދިން އިނގިރޭސިވިލާތުގެ ކޯޗު ޑޭވިޑް ބޫތެވެ.
މި އަހަރުގެ އެފްއޭ ކަޕްގެ ޗެމްޕިއަން މާޒިޔާ އަށް މި އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ސީދާ ޖާގައެއް ނުލިބުނެވެ. މާޒިޔާ އަށް ޖެހޭނީ ގުރޫޕް ސްޓޭޖުން ޖާގައެއް ހޯދަން ޕްލޭއޮފް މެޗުގައި ވާދަކުރާށެވެ. ޕްލޭއޮފްގައި މާޒިޔާއާ ދެކޮޅަށް ނުކުންނާނީ ފިލިޕީންސްގެ ސެރެސް އެވެ.
ޕްލޭއޮފް މެޗު ފެބްރުއަރީ މަހުގެ 17 ވަނަ ދުވަހު ކުޅޭނީ މާލޭގަ އެވެ. ޕްލޭއޮފް މެޗު މާލޭގައި ކުޅުމުގެ ފުރުސަތު މާޒިޔާ އަށް ލިބުނީ އޭއެފްސީގެ ރޭންކިންގައި ފިލިޕީންސް އަށްވުރެ ކުރީގައި މާޒިޔާ އޮތުމުންނެވެ. ޕްލޭއޮފް އިން މާޒިޔާ މޮޅުވެއްޖެ ނަމަ، އެ ޓީމަށް ގުރޫޕް އީ އިން ޖާގަ ލިބޭނެ އެވެ. މި ގުރޫޕްގައި އޮތީ އިންޑިއާގެ ލީގު ޗެމްޕިއަން ބެންގަލޫރު އެފްސީ އާޢި އިންޑޮނޭޝިއާގެ ޕެރްސިޕޫރާ ޖަޔަޕޫރާ އަދި ސިންގަޕޫރުގެ ވޯރިއާސް އެވެ. އޭއެފްސީ ޗެމްޕިއަންސް ލީގު ޕްލޭއޮފް އިން ވޯރިއާސް އެ މުބާރާތަށް ކޮލިފައިވެއްޖެ ނަމަ، މި ގުރޫޕްގައި ވާދަކުރާނީ ސިންގަޕޫރުގެ ޓެމްޕަނީސް ރޯވާސް އެވެ.
މިއީ 2004 ވަނަ އަހަރު އޭއެފްސީ ކަޕް ބާއްވަން ފެށި ފަހުން، ރާއްޖޭގެ ދެ ކްލަަބަށް މުބާރާތުގެ ގުރޫޕް ސްޓޭޖުން ސީދާ ޖާގައެއް ނުލިބުނު ދެވަނަ ފަހަރެވެ. ދެހާސް ބާރަ ވަނަ އަހަރު އެފްއޭ ކަޕްގެ ޗެމްޕިއަނުންގެ ހައިސިއްޔަތުން ވިކްޓަރީ ސްޕޯޓްސް ކްލަބަށް ވެސް ލިބުނީ އޭއެފްސީ ކަޕްގެ ޕްލޭއޮފްގެ ޖާގައެކެވެ. ވިކްޓަރީ އަށް އެ އަހަރު ގުރޫޕް ސްޓޭޖުން ސީދާ ޖާގައެއް ނުލިބުނީ އޭއެފްސީގެ އިވެލުއޭޝަން ސިސްޓަމުން އެންމެ ދަށްކޮށް ޕޮއިންޓް ލިބުނު ހަތަރު ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭތީ އެވެ. އެ އަހަރު ޕްލޭއޮފްގައި ވިކްޓާރީ ވަނީ ޔަމަނުގެ އަލް ތިލާލް އަތުން ބަލިވެފަ އެވެ.
އޭއެފްސީގެ ކްލަބު މުބާރާތްތަކުން ގައުމުތަކަށް ޖާގަ ލިބޭ އެސެސްމަންޓް ކްރައިޓީރިޔާ އޭއެފްސީން ވަނީ މި އަހަރުގެ ކުރީކޮޅު ބަދަލު ގެނެސްފަ އެވެ.
އޭއެފްސީގެ ކޮމްޕެޓިޝަން ކޮމެޓީން ނިންމާފައިވަނީ މެމްބަރު އެސޯސިއޭޝަން ރޭންކްކުރުމުގައި އެ ގައުމެއްގެ ގައުމީ ޓީމުގެ ނަތީޖާތަކާއި ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި އެ ގައުމުގެ ކްލަބުތައް އޭއެފްސީގެ މުބާރާތްތަކުގައި ނެރެފައިވާ ނަތީޖާތަކަށް ބެލުމަށެވެ. ޕޮއިންޓް ދިނުމުގައި 30 ޕަސެންޓް ލިބޭނީ ގައުމީ ޓީމުތަކުގެ ނަތީޖާތަކަށެވެ. އަދި 70 ޕަސެންޓް ދޭނީ ކްލަބުތައް އޭއެފްސީގެ މުބާރާތްތަކުގައި ނެރޭ ނަތީޖާތަކަށެވެ.
މި އެސެސްމަންޓް ކުރިއަށް ގެންދިޔައީ މި އަހަރު އެވެ. މި އަހަރު ހަދާ އެސެސްމަންޓަށް އަމަލުކުރާނީ 2015 ވަނަ އަހަރާއި 2016 ވަނަ އަހަރު އެވެ. އަދި 2016 ވަނަ އަހަރު ހަދާ އެސެސްމަންޓަށް އަމަލުކުރާނީ 2017 އިން 2020 ވަނަ އަހަރާ ހަމައަށެވެ.
އެހެންކަމުން 2016 ވަނަ އަހަރުގެ އޭއެފްސީ ކަޕްގެ ގުރޫޕް ސްޓޭޖުން ވެސް ސީދާ ޖާގައެއް ލިބޭނީ ރާއްޖޭގެ ލީގު ޗެމްޕިއަނުންނަށެވެ. އެފްއޭ ކަޕްގެ ޗެމްޕިއަނުންނަށް ޖެހޭނީ ޕްލޭއޮފްގައި ވާދަކުރާށެވެ.
ދެހާސް ސާދަ ވަނަ އަހަރުގެ މެމްބަރު އެސޯސިއޭޝަންގެ ރޭންކިންގެ އީސްޓް ޒޯންގައި ރާއްޖެ އޮތީ 13 ވަނައިގަ އެވެ.