ފިނިޕޭޖް

އަލުން ދެކެން ބޭނުންވަނީ ކޮން ތަރިއެއް؟

Jan 1, 2017
6

މީގެ ދުވަސްތަކެއް ކުރިން ރާއްޖޭގެ ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއިލް ވަޖީހު ވަނީ ރާއްޖެ އައިސްފަ އެވެ. ސިންގަޕޫރްގައި މިހާރު ދިރިއުޅުމެންދާ ވަޖީހު ވަނީ މާލެ އައިސް ބައެއް ރައްޓެހިންނާ ބައްދަލުކޮށްފަ އެވެ. އޭގެ އަނެއް ދުވަހު ވަޖީހު ރާއްޖެއިން ފުރި އެވެ. އެހެނަސް ވަޖީހުއާއެކު ފިލްމީ ބައެއް ފަންނާނުން ނެގި ފޮޓޯތައް ސޯޝަލް މީޑިއާގައި ބާރަށް ދައުރުވާން ފެށި އެވެ.

ކޮންމެ މީހަކު ވެސް ބޭނުންވީ ވަޖީހާއެކު ފޮޓޯއެއް ނަގާށެވެ. އެ ފުރުސަތު ނުލިބުމުން ގިނަ ބަޔަކު ދެރަ ވެސްވި އެވެ. މިފަހަރު ވަޖީހާއެކު ފޮޓޯ ނަގާލަން މަދު ބަޔަކަށް ފުރުސަތު ލިބުނުއިރު ކުރީގެ މަޝްހޫރު އެކްޓްރެސް އައިޝަތު ޝިރާނީގެ ވާހަކަ ވެސް މި ދޭތެރެއިން ވަނީ ސޯޝަލް މީޑިއާގައި ދެކެވިފަ އެވެ. އެއީ އަދިވެސް އެންމެ ގަޔާވާ އެކްޓްރެސް ކަމަށް ޒުވާން ކުދިން ވެސް ސޯޝަލް މީޑިއާގައި ވަނީ ބުނެފަ އެވެ.

އެހެންކަމުން އަލުން ދިވެހި ސިނަމާއިން ފެންނަން ގިނަ މީހުން ބޭނުންވާ ތަރިންނަށް މި ވަގުތުގައި ބަލާލުން ހަމަ އެންމެ ރަނގަޅު ވާނެ ކަމަށް ފެންނާތީ އެ ތަރިންގެ ވާހަކަ މިތަނުގައި ހިއްސާކޮށްލާނަމެވެ.

އިސްމާއިލް ވަޖީހު

ޔޫސުފް ޝަފީއު (ޔުއްޕެ) އާއި އަލީ ސީޒަންގެ ކުރިން ދިވެހި ސިނަމާގައި ރަސްކަން ކުރި ނަމަކީ މިއީ އެވެ. އެއީ ދިވެހި ސިނަމާއިން އަދާޔާ ހިލާފު މަޝްހޫރު ކަމެއް ލިބިގެން ދިޔަ އެކްޓަރެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަވީ އޭނާގެ ރީތި ހަށިގަނޑުގެ ސަބަބުންނެވެ. އެ ހަށިގަނޑު އޭނާގެ ކޮންމެ ލަވައެއްގައި ވެސް ދައްކާލެވޭތޯ ބަލަ އެވެ.

މިހާރު އެއީ ފަސް ކުދިންގެ ބައްޕަ އެކެވެ. އުމުރުން ވެސް 50 ވަނީ މަތިވެފަ އެވެ. އެހެނަސް އޭނާއަކަށް އަދިވެސް ބަދަލެއް ނާދެ އެވެ. އެންމެފަހުން ރާއްޖެ އައިސް އެކްޓްރެސް މަރިޔަމް އައްޒައާ ވަޖީހު ވަނީ ބައްދަލުކޮށްފަ އެވެ. އެ ބައްދަލުވުމަށް އައްޒަ ބުނެފައިވަނީ އޭނާ ވަޖީހާ އެންމެ ފުރަތަމަ ބައްދަލުކުރީ ފިލްމް "މާޒީ" ގެ ސެޓުން މީގެ 17 އަހަރު ކުރިން ކަމަށެވެ. އެހާ ދުވަސް އޭގެ ފަހުންވީ ނަމަވެސް ވަޖީހަށް އެއްވެސް ބަދަލެއް ނާންނަ ކަމަށް އައްޒަ ބުންޏެވެ.

ތެދެކެެވެ. ވަޖީހު އަދިވެސް ހުރީ ވަޖީހުގެ ގޮތުގަ އެވެ. ބޮޑު ސްކްރީނުގައި ބަތަލެއްގެ ރޯލުން ފެންނަން އަދިވެސް އޭނާ ފިޓެވެ. އެކަމަށް އިންތިޒާރު ކުރެވެނީ އެހެންވެ އެވެ. މިފަހަރު ރާއްޖެ އައިސް ވަޖީހު ވަނީ ޑާކް ރެއިން އެންޓަޓައިމެންޓްގެ ސްޓޫޑިއޯއަށް ވެސް ގޮސްފަ އެވެ. އުއްމީދަކީ އެ ސްޓޫޑިއޯގެ ފިލްމަކުން ވެސް ވަޖީހު ވީއެންމެ އަވަހަކަށް ސްރީނަށް އެނބުރި އައުމެވެ.

ޖަމްޝީދާ އިބްރާހިމް

މީގެ 20 އަހަރު ކުރިން ފިލްމީ ދާއިރާއަށް ނިކުތް ފުވައްމުލަކަށް އުފަން ޖަމްޝީދާ އަހުމަދަކީ އަދިވެސް ގިނަ ބަޔަކު އިންތިހާ ސަޕޯޓްކުރާ ތަރިއެކެވެ. ގިނަ ފިލްމްތަކާއި ޑްރާމާތަކެއްގައި ޖަމްޝީދާ މައްސަކަތް ކޮށްފައިވާއިރު އޭނާއަކީ ރީތި ގޮތުގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރި ފަންނާނެ އެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑް ވެސް ހާސިލުކޮށްފައިވާ ޖަމްޝީދާ މިހާރު ދިރިއުޅެމުން ގެންދަނީވެސް ރާއްޖެއިން ބޭރުގަ އެވެ. ފިލްމީ ކެރިއާގެ އެންމެ އުހުގައި ހުރެފައި ފިލްމީ ހަޔާތް ނިންމާލި ޖަމްޝީދާ ކޮންމެވެސް ސިފައެއްގައި އަލުން ސްކްރީނުން ފެނުމަކީ އަދިވެސް ކުރެވޭ އުއްމީދެކެވެ. ޖަމްޝީދާ ވަނީ 16 ފިލްމެއްގައި އޭނާގެ މޮޅު ހުނަރު ދައްކާލާފަ އެވެ.

ޖަމްޝީދާގެ ރީތިކަމުން އޭރު އެތައް ބަޔެއްގެ ހިތް ފުރުނުއިރު އަދިވެސް އެ ރީތިކަމަށް މަޮޔަވާ މީހުން އެބަ ތިއްބެވެ. އެ ރީތި ހިނިތުންވުން ބޮޑު ސްކްރީނުން ބަލާލަން ބޭނުންވާ މީހުން ގިނަ އެވެ. މިއީ ހަގީގަތަކަށް ވެދާނެ ކަމެއް ކަމަށް ނުބެލެވުނަސް އުއްމީދެއް ކުރެވިދާނެ އެވެ.

އައިޝަތު ޝިރާނީ

މިއީ ރާއްޖޭގައި އުފެދުނު އެންމެ ގިނަ ބައެއްގެ ލޯބި ލިބުނު އެކްޓްރެސް އެވެ. ފިލްމީ ހަޔާތް ކާމިޔާބުކަމާ ނިންމާލިއިރު އެކްޓްރެސްއާ ގުޅޭ ގޮތުން ހަޑި ވާހަކަތަކެއް އަރާފައެއް ނެތެވެ. އޭނާ ކުޅިފައިވާ ރޯލުތަކުގައި ދައްކާލާފައިވާ އެކްޓިންނަކީ ވެސް ގިނަ ބަޔަކަށް ވަރަށް ކަމުދާ މޮޅު އެކްޓިންތަކެކެވެ. ޝިރާނީއާއެކު ރުއި އެތައް ބަޔަކު ތިބޭނެ އެވެ.

އޭނާގެ މޮޅު އަދި ފުރިހަމަ އެކްޓިންއަށް ބަޔަކު މަރު ދިންއިރު ޝިރާނީގެ ރީތިކަމުގެ އަވާގައި ވެސް އެއް ބަޔަކު ޖެހުނެވެ. އަދިވެސް އެންމެ މަޝްހޫރު އެއް ދިވެހި ލަވައަކީ ވެސް ޝިރާނީގެ ލަވައެކެވެ. "މަހޭ ނެތިދާނޭ" މިއީ ހަމަ ޔަގީނަށް ވެސް ދިވެހިންނަށް ހަނދާން ނައްތާލެވޭނެ ލަވައެއް ނޫނެވެ.

އަސަރުގަދަ ފިލްމްތަކާއި ޑްރާމާތަކެއް ކުޅިފައިވާ ޝިރާނީ ފިލްމީ ހަޔާތާ ދުރަށް ދިޔަތާ މިވަނީ އަހަރުތަކެއްވެފަ އެވެ. ފާތިމަތު ނަހުލާގެ "ކަލަޔާނުލާ"އަށްފަހު އޭނާ ސްކްރީނަކުން ނުފެނެ އެވެ. ސްކްރީނުން ނުފެންނަތާ އިންޓަވިއުއަކުން ވެސް ފެންނަނީ މަދު ފަހަރަކު އެވެ.

ދިވެހި އެހެން ތަރިންނަށް ނުލިބޭ އިހުތިރާމެއް ލިބިފައިވާ ޝިރާނީ މިހާރު ވެސް ޒުވާނުންގެ ވެސް އެންމެ މަގުބޫލު ދިވެހި ފަންނާނެ އެވެ. އެހެންކަންވީއިރު ޝިރާނީ އަލުން ސްކްރީނުން ފެނިއްޖެނަމަ އެވާނީ އެތައް ބައެއްގެ ހުވަފެން ހަގީގަތަކަށްވުމެވެ.