ލައިފްސްޓައިލް

ލޯ ކައިރި ކަޅުވުން ހުއްޓުވަން އާމަނަކަ ތެޔޮ

Jan 2, 2017
1

އާންމުކޮށް ވަޒީފާއަށް ގޮސް ބުރަ މަސައްކަތުގައި އުޅޭ ފަރާތްތަކަށް މި މައްސަލަ ދިމާވެއެވެ. ހަމަ ނިދި ނުލިބެ، ސްޓްރެސްވެ ނުވަތަ ގިނަ ވަގުތު ކޮމްޕިއުޓާ ކައިރީގައި މަސައްކަތް ކުރަން ޖެހުމުން މީހާގެ ލޯ ކައިރި ކަޅުވެ އެވެ. ލޯ ކައިރި ކަޅުވުމަކީ މީހާގެ މޫނުގެ އުޖާލާކަން ގެއްލޭ އެއް ސަބަބެވެ. އަދި ލޯކައިރި ރޫޖެހި މޫނުގެ ޒުވާންކަން ގެއްލި މުސްކުޅި ކަމަށް ދައްކަ އެވެ.

އާމަނަކަ ތެޔޮ ބޭނުން ކޮށްގެން ލޯކައިރި ކަޅުވުމުން ސަލާމަތް ކުރެވިދާނެ އެވެ. އާމަނަކަ ތެލަކީ ލޯ ކައިރި ކަޅުވުމުން ދުރުކޮށްދީ ލޯ ކައިރި ރޫޖެހުމުން ދުރުކޮށްދޭ ތެލެކެވެ. މިއީ އިތުރު އެއްޗެއް މިކްސް ނުކޮށް ވެސް ލޯ ކައިރީގައި އުނގުޅާލެވިދާނެ ތެލެކެވެ. އެގޮތުން ރޭގަނޑު ނިދުމުގެ ކުރިން ކުޑަ އާމަނަކަ ތެޔޮ ފޮދަކުން ލޯ ކައިރި މަސާޖުކޮށްލާށެވެ. މިހެން ހެދުމުން ލޯކައިރި ހުންނަ ހަންތައް ވާންކަންމަތީ ހިފަހައްޓައިދީ ސާފުކޮށްދޭނެ އެވެ. އަދި ރޫޖެހުމުން ދުރުކޮށްދީ ހަން އޮމާންކޮށްދެ އެވެ. ގަވައިދުން މި ތެޔޮ ބޭނުން ކުރާނަމަ ލޯކައިރި ކަޅުވުމާއި ރޫޖެހުމުން ދުރުކޮށްދޭނެ އެވެ.

މީގެ އިތުރުން އާމަނަކަ ތެލާއި ރޯ ކިރު ބޭނުން ކޮށްގެން ވެސް ލޯކައިރި ކަޅުވުމުން ސަލާމަތް ވުމަށް ހައްލު ހޯދިދާނެ އެވެ. އެއް ސަމްސާ އާމަނަކަ ތެލުގެ ތެރެއަށް އެއް ސަމްސާ ފުލް ފެޓް ރޯ ކިރު އަޅައި އެއްކޮށްލުމަށްފަހު ލޯކައިރި ކަޅުވެފައި ހުރި ހިސާބުގައި އުނގުޅާލާށެވެ. ލޯ ކައިރި ކަޅުވުން ފިލަންދެން ކޮންމެ ދުވަހަކު ވެސް މި މާސްކް ބޭނުން ކުރަން ވާނެ އެވެ.

އާމަނަކަ ތެޔޮ އަދި އަލްމަންޑް ތެލަކީ ވެސް ލޯކައިރި ކަޅުވުމުން ސަލާމަތްވާން އޮތް ހައްލެކެވެ. ނިދުމުގެ ކުރިން ކޮންމެ ރެއަކު ވެސް އާމަނަކަ ތެލާއި އަލްމަންޑް ތެލުން މަސާޖް ކޮށްލާށެވެ.

ކާށި ތެލާއި އާމަނަކަ ތެޔޮ ވެސް ލޯ ކައިރި ކަޅުވާނަމަ ބޭނުން ކުރެވިދާނެ އެވެ. މި ދެ ތެލަކީ ގިނަ ފައިދާތަކެއް ހަމަށް ކުރާ ދެތެލެވެ. ރޭގަނޑު ނިދުމުގެ ކުރިން މި ދެތެލުން ރަނގަޅަށް ލޯ ކައިރި މަސާޖު ކޮށްލާށެވެ. މިހެން ހެދުމުން ލޯކައިރި ލޭ ދައުރުވުން އިތުރު ކޮށްދީ އުޖާލާކ ކަމަށް ދައްކާނެ އެވެ.

ލޯ ކައިރި ތެލުން މަސާޖު ކުރާއިރު ލޮލުގެ އެތެރެއަށް ތެޔޮ އެޅިއްޖެނަމަ ވަގުތު ދޮވެލަން ވާނެ އެވެ. އަދި ލޯކައިރި އަބަދުވެސް މަސާޖު ކުރަން ވާނީ ކަށި އިނގިލިން (ރިންގް ފިންގާ) ނެވެ.