ލައިފްސްޓައިލް

ކަސްރަތުކުރާ ނަމަ ސިކުނޑި ޒުވާންވާނެ: ދިރާސާ

Jan 2, 2017

އެހެންވީމަ މި އޮތީ ކަސްރަތުކޮށް ގައިން ދާ ކައްކުވާލަން ޖެހޭ އަނެއް ސަބަބެވެ. އާ ދިރާސާއަކުން ދައްކާ ގޮތުން ގަވާއިދުން ކަސްރަތުކުރުމަކީ ސިކުނޑި މުސްކުޅިވިޔަ ނުދީ ޒުވާންކަންމަތީގައި ދަމަހައްޓައިދޭ ކަމެކެވެ.

މެޑިސިން އެންޑް ސައިންސް އިން ސްޕޯޓްސް އެންޑް އެކްސަސައިޒް ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނެފައިވާ ގޮތުން އުމުރުން ދުވަސްވެފައިވާ މީހުންގެ ތެރެއިން ކޮންމެ ދުވަހަކު ވަކި މިންވަރަކަށް ކަސްރަތުކުރާ މީހުންގެ ހަނދާނަށް ދިމާވާ މައްސަލަތައް މަދުވެ އެވެ. އެހެން ގޮތަކަށް ބުނަނީ ނަމަ، އާދައިގެ ކަސްރަތުން ފެށިގެން ވަރުގަދަ ކަސްރަތު އިހްތިޔާރުކުރިޔަސް ގަވާއިދުން ކަސްރަތުކުރާ މުސްކުޅިން ފަސޭހައިން ލޯބޯކޮށިވުމުގެ ނިސްބަތް 36 ޕަސެންޓަށް ދަށްކޮށްދެ އެވެ.

މި ދިރާސާގައި، އުމުރުން 65 އަހަރުން މައްޗަށް ގޮސްފައިވާ 6،400 މީހުން ބައިވެރިކޮށްފައިވެ އެވެ.

މިއީ ކަސްރަތުން ސިކުނޑީގެ މަސައްކަތަށް އިތުރު ފަސޭހައެއް ލިއްބައިދޭ ކަމަށް ކުރިން ވެސް ހޯދިފައިވާ ހޯދުންތަކަށް ލިބުނު އިތުރު ބާރެކެވެ. ކަސްރަތުކުރުމަކީ ސިކުނޑި އަށް ލޭ ފޮނުވައިދިނުމުގެ ނިޒާމުގެ އަމާންކޮށް އޮމާންކޮށްދޭ ކަމެކެވެ. ލޭ ހިނގުމަށް ފަސޭހަ ނިޒާމެއް ގާއިމުވެފައި އޮތުމަކީ ސިކުނޑި އަށް ތާޒާ ލޭ ލިބި އާ ބްލަޑް ވެސެލްސްތަކާއި ސެލްސްތައް އުފެދުމުގައި އެހީތެރިވެދޭ ކަމެކެވެ.

ގަވާއިދުން ކަސްރަތުކުރާ ނަމަ، ސިކުނޑި މުސްކުޅިވާ މިންވަރު 10 އަހަރަށް ދަށްކޮށްދޭ ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.