ލައިފްސްޓައިލް

އެހެން މީހުންނަށް އެހީވާ މީހުންގެ އުމުރު ދިގުވޭ

Jan 2, 2017

މިއީ ހަމައެކަނި ސަވާބާއި ހެޔޮ ދަރުމައާ ގުޅިފައިވާ ކަމެއް ނޫންކަން ސައިންސްވެރިން މި ވަނީ ހޯދައިފަ އެވެ. އާ ދިރާސާއެއްގެ ނަތީޖާ ދައްކާ ގޮތުން އެހެން މީހުންނަށް ކަމޭހިތައި، އަޅާލައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ތިމާގެ އުމުރު ދިގުކޮށްދޭ ކަމެކެވެ.

އިވޮލިއުޝަން އެންޑް ހިއުމަން ބިހޭވިއާ ނަމަކަށް ކިޔާ މެޑިކަލް ޖާނަލްއެއްގައި މިފަހުން ޝާއިއުކޮށްފައިވާ މި ދިރާސާ އަކީ އުމުރުން 70 އަހަރާއި 103 އަހަރާ ދެމެދުގެ 500 އަށް ވުރެ ގިނަ މީހުން ބޭނުންކޮށްގެން ހިންގި ދިރާސާއެކެވެ. ދިރާސާ އަށް ފާހަގަކުރެވުނު ގޮތުގައި މި އުމުރުތަކުގެ މީހުންނަކީ އެމީހުންގެ އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކު ވެސް އެހެން މީހުންނަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭ މީހުންނެވެ.

އެގޮތުން ދިރާސާގެ ބައިވެރިންނަށް ބަލާއިރު އެންމެންނަކީ ވެސް އެމީހުންގެ ކާފަ އަދި މާމަ ދަރިންނާ އެކު ވަގުތު ހޭދަކުރުމުގެ އިތުރުން އެ ކުދިންނަށް އެކިގޮތްގޮތުން އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދޭ މީހުންނެވެ. ބައެއް ހާލަތްތަކުގައި މާމަ އަދި ކާފަ ކުދިން މުޅި ދުވަހު ބަލައިދެނީ ވެސް އެމީހުންނެވެ.

މި ދިރާސާގައި ބައިވެރިކުރި 500 އަށް ވުރެ ގިނަ މީހުންގެ ހަޔާތް 20 އަހަރު ވަންދެން ސައިންސްވެރިން ބަލައި ހޯދާފައިވެ އެވެ. މި ދިރާސާ 20 އަހަރަށް ކުރިއަށް ގެންދިޔައިރު 10 އަހަރުވުމުގެ ކުރިން ބައެއް މީހުން މަރުވެފައިވާއިރު އެ މީހުންނަކީ މީހުންނަށް އަދި ކާފަ/މާމަ ދަރިންނަށް އަޅާލުމުގައި ވަގުތު ހޭދަނުކުރާ މީހުން ކަން ދިރާސާ އަށް ފާހަގަކުރެވިފައިވެ އެވެ.

ދިރާސާ ކުރިއަށް ގެންދިޔަ ތަޖުރިބާކާރުން ބުނެފައި ވަނީ އުމުރު ދިގުވަނީ ހަމައެކަނި އާއިލާގެ މީހުންނަށް އަޅާލައި ކަމޭހިތުމަކުން އެކަނި ނޫން ކަމަށާއި އާއިލާ އިން ބޭރު މީހުންނަށް ވެސް އެހީތެރިވެ އަޅާލުމަކީ އުމުރުދިގުކޮށްދޭ ކަމެއް ކަމަށެވެ.