ދިވެހި ސިނަމާ

ބެލުންތެރިންގެ އެދުމަށް "ބައިވެރިޔާ" އެނބުރި އަންނަނީ

Jan 2, 2017

ތަފާތު ފިލްމުތައް ދިވެހި ސިނަމާ އަށް ތައާރަފްކުރުމުގައި ނަމޫނާ ދައްކަމުން އަންނަ ޕްރޮޑިއުސަރު އިސްމާއިލް ޝަފީގުގެ "ބައިވެރިޔާ" ގެ އާ ޝޯތަކެއް އާ އަހަރާ އެކު ކުރިއަށް ގެންދިއުމަށް ތައްޔާރުވެއްޖެ އެވެ.

ޔޫސުފް ޝަފީއު (ޔޫއްޕެ) ޑައިރެކްޓްކޮށް މަޝްހޫރު ގިނަ ތަރިންތަކެއް އެކުގައި ފެނިގެންދާ މި ކޮމެޑީ ފިލްމުގެ ހާއްސަ ދެ ޝޯ އޮލިމްޕަހުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހުގެ ރެ އެވެ. މި ފިލްމުގެ 16 ޝޯ މިހާތަނަށް ވެސް އޮލިމްޕަހުގައި ދައްކާފައިވެ އެވެ.

ޕްރޮޑިިއުސަރު ޝަފީގު ބުނީ ފިލްމަށް ލިބެމުން ދަނީ ހީކުރި ކަހަލަ ތަރުހީބެއް ނޫން ކަމަށާއި މި ވަރުގެ ތަރުހީބެއް ބެލުންތެރިންގެ ފަރާތުން މި ފިލްމަށް ލިބިދާނެ ކަމަށް އޭނާ އުއްމީދެއް ވެސް ނުކުރާ ކަމަށެވެ. އަދި މިދިޔަ އަހަރުގެ ފަހުކޮޅު ޕްރިމިއާކުރި ފިލްމަކާ ބަލާފައި ލިބެމުންދާ ތަރުހީބު ވަރަށް ބޮޑު ކަމަށް އޭނާ ބުންޏެވެ.

މި ފިލްމުގެ ބަޖެޓު ވެސް ކަވަރުކުރެވިފައިވާ ކަމަށް ޕްރޮޑިއުސަރު ބުންޏެވެ. މިއީ ގާތްގަނޑަކަށް 220،000ރ. ގެ ބަޖެޓަކުން އުފައްދާފައިވާ ފިލްމެކެވެ.

ޝަފީގު ބުނީ "ބައިވެރިޔާ" ގެ ކާމިޔާބީ އަށް ފަހު ތަފާތު ފިލްމެއްގެ މަސައްކަތަށް އޭނާ އަނެއްކާވެސް ތައްޔާރުވަމުން އަންނަ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ފިލްމުގެ ވާހަކަ އޭނާ ބާއްވަން ބޭނުންވަނީ އަދި ސަޕްރައިޒެއްގެ ގޮތުގަ އެވެ.