ދިވެހި ސިނަމާ

ނަހުލާގެ ފިލްމުން ޖުމައްޔިލް ބޭރުކޮށްލަނީތަ؟

Jan 2, 2017

ވާހަކަ ލިޔުންތެރިޔާ އަދި ފިލްމު ޑައިރެކްޓަރު ފާތިމަތު ނަހުލާގެ ކްރިސްޓަލް އެންޓަޓެއިންމަންޓުން އިއުލާނުކޮށްފައިވާ ލޯބީގެ އަސަރުގަދަ ފިލްމު "ބީ" އަށް އިތުރު އެކްޓަރުންތަކެއް ނަގަން އުޅޭ ޚަބަރާއެކު ފިލްމުގެ މެއިން ކާސްޓާ މެދު ސުވާލު އުފެދިއްޖެ އެވެ.

މި ފިލްމުގެ ލީޑް އެކްޓަރުންގެ ގޮތުގައި މިހާރު އިއުލާނުކޮށްފައި ވަނީ މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް އައްޒަ އެވެ. މި ދެ ތަރިންނާ އެކު ފިލްމުގެ ޕްރޮމޯޝަނަލް ޕޯސްޓަރެއް ވެސް މިދިޔަ އަހަރު ވަނީ އިއުލާނުކޮށްފަ އެވެ. ނަމަވެސް އާ އަހަރަކާ އެކު ނަހުލާ މި ވަނީ ފިލްމަށް އާ ތަރިންތަކެއް ހޯދުމުގެ މަސައްކަތަށް ނުކުމެފަ އެވެ.

އެކަމަކު ނަހުލާ ބުނަނީ އޭނާ މި އަހަރު ގެނެސްދޭން ވައުދުވެފައިވާ އާ ފިލްމުން އެއްގޮތަކަށް ވެސް ޖުމައްޔިލް އާއި އައްޒަ "ބީވެގެން" ދަނީ ނޫން ކަމަށެވެ. ފިލްމުގެ ލީޑް ރޯލަށް މިހާރު ނަގާފައިވާ ޖުމައްޔިލް އާއި އައްޒަގެ ރިޕްލޭސްމަންޓެއް ހޯދަމުންދާ ވާހަކައެއް ނަހުލާ ނުބުނެ އެވެ. އެކަމަކު އާ އެކްޓަރުންތަކެއް ހޯދަމުން ދަނީ ފިލްމުގެ ކޮން ރޯލުތަކަކަށް ކަމެއް ވެސް އަދި ސާފެއް ނުވެ އެވެ.

ނަހުލާގެ މި ފިލްމަށް މި ދެ ތަރިން ނަގާފައިވާއިރު ޑާކް ރެއިން އެންޓަޓެއިންމަންޓްގެ އާ ފިލްމު "މިއީ ލޯތްބަކީ" އިން ވެސް މި އަހަރު ފެނިގެންދާނެ އެންމެ މަޝްހޫރު ދެ މޫނަކަށް ވާނީ ޖުމައްޔިލް އާއި އައްޒަ އެވެ. "ބީ" ގެ ޝޫޓިން މި އަހަރުގެ ކުރީކޮޅު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.

ފިލްމުގެ ޝޫޓިން އަށް ތައްޔާރުވަމުން އަންނައިރު ނަހުލާ ވަނީ އެންމެފަހުން މި ނަން ވެސް ނެޝެނަލް ސެންޓަ ފޯ ދި އާޓްސްގައި ރަޖިސްޓްރީކޮށް ރަސްމީކޮށް ފިލްމުގެ ނަން މިލްކުކޮށްފަ އެވެ. އޭނާ މިދިޔަ އަހަރުގެ ފަހުކޮޅު "ބީ" އިއުލާނުކުރުމަށް ފަހު ނަން ރަޖިސްޓްރީނުކޮށް އޮތްވައި އެންމެ ފުރަތަމަ އެ ނަން ރަޖިސްޓްރީކޮށްފައި ވަނީ އެހެން ފަރާތަކުންނެވެ.

ނަމަވެސް މައްސަލަ ހޫނުވެގެން ދިއުމުން އެ ފަރާތުން ވަނީ އެންމެފަހުން ނަހުލާއަށް "ބީ" ގެ ނަން އަނބުރާ ދީފަ އެވެ.

މި ފިލްމުގެ މަސައްކަތަށް ނަހުލާ ތައްޔާރުވަމުން އަންނައިރު އޭނާ މިދިޔަ އަހަރު ފަހުކޮޅު ގެނެސްދިން "4426" އަކީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު އެނބުރި އައިސް ނަހުލާ ޑައިރެކްޓްކުރި ފުރަތަމަ ފިލްމެވެ. އެ ފިލްމުގެ އެއް ޑައިރެކްޓަރުގެ ރޯލުން ނަހުލާ ފެނިގެން ދިޔަ ނަމަވެސް އޭނާ ބުނަނީ "ބީ" ގެ ޑައިރެކްޓަރަކަށް ހަމަޖައްސަން ބޭނުންވަނީ ޒުވާން ހުނަރުވެރިއެއް ކަމަށެވެ.