ވެލިދޫ

ވިހެއުމަށް ފަހު ކުއްޖާ ވަޅުލި މައްސަލައެއްގައި ވެލިދޫން 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށްފި

Mar 15, 2015

ނ. ވެލިދޫގައި ވިހެއުމަށް ފަހު ކުއްޖާ ވަޅުލި މައްސަލައިގައި އެ ކުއްޖާގެ މަންމަ ކަމަށް ޝައްކު ކުރެވޭ 18 އަހަރުގެ އަންހެނަކު ހައްޔަރުކޮށް، ކުއްޖާގެ ހަށިގަނޑު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން 18 އަހަރުގެ އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކަމަށާއި ނަމަވެސް ކުއްޖާ ވަޅުލީ ކޮން ދުވަހަކު ކަމެއް މިހާތަނަށް ސާފުނުވާ ކަމަށެވެ.

މިހާތަނަށް ވެސް އެ ކުއްޖާގެ ހަށިގަނޑު ފެނިފައިނުވާތީ އެ ހަށިގަނޑު ހޯދުމުގެ މަސައްކަތް އެރަށުގައި ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މީގެ ހައެއްކަ އަހަރު ކުރިން 2009 ގައި ތ. އޮމަދޫގައި ވެސް ވިހެއުމަށް ފަހު ކުއްޖަކު މަރާލައި، އެ ކުއްޖާ އެރަށު އަތިރިމަތީގައި ވަޅުލާފައި އޮތް މައްސަލަ ފެންމަތިވި އެވެ. އެ މައްސަލައިގައި އެ ކުއްޖާގެ މަންމަ އާއި މާމަ އުމުރަށް ޖަލަށްލާން މާޗް، 2010 ގައި އޭރުގެ ޖިނާއީ ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.