އިސްކަންދަރު ވައިގެ ބަނދަރު

މިއަހަރު ކައްދޫގައި ކޮންވެންޝަން ސެންޓަރެއް އަޅާނެ

Jan 3, 2017
1

އަސްކަރީ ވައިގެ ބަނދަރު، އިސްކަންދަރު އެއާޕޯޓް އޮންނަ، ލ. ކައްދޫގައި ކޮންވެންޝަން ސެންޓަރެއް ގާއިމް ކުރަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

މިދިޔަ އާދީއްތަ ދުވަހު ކައްދޫ އެއާޕޯޓުގައި ކާގޯއާއި ވީއައިޕީ ލައުންޖުގެ ހިދުމަތް އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތެއްގައި އާދަމް ޝަރީފް ވިދާޅުވީ ކައްދޫ އެއާޕޯޓު ތަރައްގީވަމުން އަންނަ ވަރަކަށް އެ އަތޮޅާއި މުޅި އެ ސަރަހައްދަށް އިގްތިސޯދީ ބޮޑެތި ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އެގޮތުން އިސްކަންދަރު ވައިގެ މަރުކަޒުގައި ކޮންވެންޝަން ސެންޓަރެއް ގާއިމްކޮށް މުހިންމު އިވެންޓުތައް ބޭއްވޭނެ ކަމަށާއި މި އަހަރު ތެރޭގައި އެ މަރުކަޒު ގާއިމް ކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި އެބަހުރި ލަސްވެގެން މި އަހަރުގެ ތެރޭގައި މި ތަނުގައި [ކައްދޫ އެއާޕޯޓުގައި] ކޮންވެންޝަން ސެންޓަރެއް ގާއިމްކޮށް މުހިންމު އިވެންޓުތަކާ ހަރަކާތްތައް އެތަނުގެ ތެރޭގައި ބޭއްވިގެން ދާނެ އިންތިޒާމްތައް ހަމަޖެއްސުން. މިކަމުގެ ސަބަބުން މި އަތޮޅަށް އިގްތިސޯދީ ކުރިއެތުންތަކެއް ލިބިގެންދާނެ،" ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ.

ކައްދޫ އެއާޕޯޓުގައި އަޅާ ކޮންވެންޝަން ސެންޓަރާ ބެހޭ ތަފުސީލެއް މިނިސްޓަރު ނުދެއްވަ އެވެ. ލާމުގައި ކޮންވެންޝަން ސެންޓަރެއް އަޅަން ނިންމާފައިވާ އިރު ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ރާއްޖޭގައި ބޭއްވި ސާކް ސަމިޓަށް އައްޑޫގައި އެޅި ހަދާފައި ހުރި ކޮންވެންޝަން ސެންޓު، ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލު ކުރުމަށް ނިންމައި 161.8 މިލިއަން ރުފިޔާގެ މަޝްރޫއެއް އެލިއާ އިންވެސްޓްމަންޓްސްއާ ވަނީ ހަވާލުކޮށްފަ އެވެ.