ހަބަރު

ލާމު ލިންކުގައި ބޭއްވި ރެލީއަށް ހުރަސް އެޅީ ސިފައިން

އިދިކޮޅު ޕާޓީތަކުން ލާމުލިންކުގައި ކުރިޔަށް ގެންދިޔަ ރެލީ، ސައިކަލު ބުރަށް ސިފައިން ހުރަސް އަޅައިފި އެވެ.

ސިފައިން ހުރަސް އެޅި އިރު އެ ލިންކާ އެއް ފަހުން ގުޅިފައިވާ ކައްދޫ އެއާޕޯޓަކީ މަދަނީ ބޭނުންތަކަށް ބޭނުން ކުރެވޭ ގޮތަށް އޮންނަ އެއާޕޯޓަކަށްވީނަމަވެސް އެ އެއާޕޯޓްގެ ކަންކަން ބަލަހައްޓަނީ ސިފައިންނެވެ. އަސްކަރީ އެއާޕޯޓެއްގެ ގޮތުގައި ކައްދޫގެ ވައިގެ ބަނދަރަށް ކިޔަނީ އިސްކަންދަރު ވައިގެ ބަނދަރެވެ.

އެކެއް ފެބްރުއަރީގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލާ އިދިކޮޅުން ބޭއްވި ސައިކަލު ބުރު ފެށިއިރު ފުލުހުން ތިއްބެވެ. ވަކި ހިސާބަކުން ލިންކު ރޯޑުގައި މެދުގައި ސިފައިން ބެރިކޭޑު ޖަހާ، ސައިކަލު ބުރު އިތުރަށް ކުރިޔަށް ގެންދިޔުމަށް ހުރަސް އެޅި އެވެ. ސިފައިން ހުރަސް އެޅި ނަމަވެސް އިދިކޮޅު ފަރާތްތަކުން އެ ސަރަހައްދު ދޫކޮށް ނުދިޔުމުން، ރަޔަޓު ގިޔަރުގައި ތިބި ސިފައިން، މުގުރި އާއި ޝިލްޑުތައް ހިފައިގެން ވަނީ އެ ސަރަހައްދަށް ގޮސްފައެވެ. އަދި އެ ތަނުން މީހުން ދުރަށް ޖެއްސުމަށް މަސައްކަތް ފެށި އެވެ.

އެކަމާ ގުޅޭ ގޮތުން އެމްއެންޑީއެފްގެ ބަހެއް ލިބޭ ގޮތް ވަނީ ނުވެފަ އެވެ.

އިދިކޮޅުން ބޭއްވި ސައިކަލު ބުރަށް ހުރަސް އެޅި ނަމަވެސް މީގެ ކުރިން ޕީޕީއެމްގެ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިސްކޮށް ހުންނަވައިގެން އެ ޕާޓީން ވަނީ ސައިކަލު ބުރެއް ބާއްވައިފަ އެވެ. އޭރު ސައިކަލު ބުރަށް ފުލުހުންނާއި ސިފައިން ވެސް ހުރަހެއް ނާޅަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ސިފައިން، ފުލުހުންނަށް އެހީވުމަށް މަގުތަކުގައި ހަރަކާތްތެރިވީ ނަމަވެސް މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތަކީ ހަމައެކަނި މާލެ ނުވަތަ ފުލުހުން ކުރާ ތަހުގީގަށް ބޭނުންވާ ފަރާތެއް ހުރި ތަނަކަށް އެކަނި އިއުލާންކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތެކެވެ.