މާފުށީ ޖަލު

ކުށްވެރިންނަށް ހާއްސަ ފުރުސަތު ދޭނީ ޝަރުތުތަކާއެކު: އަޒްލީން

ކުދި ކުށްތަކުގައި ޖަލަށް ލާފައިވާ ފަރާތްތައް ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ފުރުސަތުގެ ދަށުން ދޫކުރާނީ ވަރަށް ގިނަ ކަންތައްތަކަކަށް ބަލައި ގިނަ ޝަރުތުތަކާއެކު އެނބުރި މުޖުތަމައަށް އާދެވޭނެ ހާއްސަ މަސައްކަތްތަކެއްގެ ތެރެއިން ކަމަށް ހޯމް މިނިސްޓަރު އަހްމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

މިރޭ ޗެނަލް 13 އިގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އަޒްލީން ވިދާޅުވީ މީގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ދެ ވަނަ ފުރުސަތުގެ ދަށުން ކުށްވެރިން ދޫކޮށްލި ގޮތާ މި ސަރުކާރުން ކުށްވެރިންނަށް ހާއްސަ ފުރުސަތު ދޭ ގޮތާ ވަރަށް ތަފާތު ވާނެ ކަމަށާއި މި ސަރުކާރުން ކުދި ކުށްތަކުގައި ތިބި މީހުން ދޫކޮށްލާނީ ޝަރުތަކާއެކު އިޖްރާއަތްތަކެއް ފުރިހަމަ ކުރުވުމަށްފަހު ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ހާއްސަ ފުރުސަތުގައި ކުދި ކުށްތަކުގެ ކުށްވެރިން ދޫކޮށްލުމަށްފަހު އެމީހުން މުޖުތަމައަށް ނުކުންނާނީ 20 ދުވަހުގެ ރިހެބިލިޓޭޝަން ވޯކްޝޮޕެއް ފުރިހަމަ ކުރުމަށް ފަހު ޝަރުތަކާއެކު ކަމަށެވެ. އޭގެ ތެރޭގައި ދީނީ ނަސޭހަތް ދިނުމާއި، އިޖްތިމާއީ ގޮތުން އެހެން މީހުންގެ ހައްގުތައް އަރައިނުގަތުމުގެ މުހިންމުކަމާއި ދެ ފަރާތުގެ ހައްގާއި ފައިދާ އާއި "ފަންޑަމެންޓަލް ނޮލެޖް" އަށް ތަމްރީނު ކުރުވުމަށްފަހު ކަމަށެވެ.

"ވޯކްޝޮޕަކަށްފަހު އެ މީހުން ނުކުންނާނީ އިސްލާހު ވެގެން އަދި ޝަރުތުތަކެއްގެ ތެރެއިން އެއީ އިޖުތިމާއީ ގޮތުން އެހެން މީހުންގެ ހައްގުތަކަށް އަރައިނުގަނެ މީހުންނާ ގުޅިގެން އުޅުމުގެ މުހިންމު ފިލާވަޅުތަކެއް ލިއްބައި ދިނުމަށްފަހު ނިކުންނާނީ ވެސް. އަދި ނިކުމެގެން އެބައި މީހުންނަށް މުއްދަތެއް ދޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ވޯކްޝޮޕަކީ އެމީހުންގެ ސެލްފްކޮންފިޑެންޓާއި، އެންގާ މެނޭޖްމަންޓާއި ކުށަށް އަރައި ނުގަނެ ކުށުގެ ވެށިން ސަލާމަތްވާނެ ގޮތްތަކާއި ދީނީ ކަންތައްތަކުގެ ތެރޭގައި އެމީހުންގެ މައްޗަށް ލާޒިމުކުރާ ކަންތައްތަކާއި މިހުރިހާ ކަމެއްގެ މައްޗަށް ސަމާލުވެ އެކަންތައްތަކުގެ މައްޗަށް ހޭލާ ތިބުމުގެ މުހިންމުކަން ރަނގަޅަށް ވިސްނާ ދިނުމަށްފަހު ގެއަށް ދޫކުރާނެ ވޯކްޝޮޕެއް." އަޒްލީން ވިދާޅުވި އެވެ.