ލައިފްސްޓައިލް

މާސްޓާޝެފުން ލިބުނު ފައިސާގެ އިނާމު ފަލަސްތީނުގެ ރެފިއުޖީންނަށް

Jan 4, 2017

ދުނިޔެ އަށް މަޝްހޫރު ކުކިން ރިއާލިޓީ ޝޯ، މާސްޓާޝެފްގެ އެމެރިކާ ވާޝަންގެ ހަވާސާގައި ގެނެސްދޭ ސެލެބްރިޓީންގެ ހާއްސަ ކުރިމަތިލުމުގައި ވާދަކޮށް އެކްޓަރު ކަލް ޕެން އަށް އިނާމެއްގެ ގޮތުގައި ލިބުނު 25،000 އެމެރިކާ ޑޮލަރު ފަލަސްތީނުގެ ރެފިއުޖީންނަށް ހަދިޔާކޮށްފި އެވެ.

"ހެރޮލްޑް އެންޑް ކުމާރު" ފިލްމު ސިލްސިލާ އިން ދުނިޔެ އަށް މަޝްހޫރުވި ޕެން ވަނީ އޭނާގެ ފައިސާގެ އިނާމު ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާ ކުރުމަށް އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީއާ ހަވާލުކޮށްފަ އެވެ. އޭނާ ބުނެފައި ވަނީ 25،000 އެމެރިކާ ޑޮލަރަކީ އަހަރު ދުވަސްތެރޭގައި އެތައް ހާސް ބަޔަކަށް ކެއުންބުއިން ފޯރުކޮށްދެވިދާނެ އަދަދެއް ކަމަށެވެ.

ސެލެބްރިޓީންނަށް ހާއްސަ މި އެޕިސޯޑްގައި ކަލް ޕެން ވާދަކޮށްފައި ވަނީ އެމެރިކާގެ ބަތަލާ އަދި ކޮމޭޑިއަން ޝެރީލް ހައިންސްއާ އެވެ. މި ޝޯ މެދުވެރިކޮށް ފަލަސްތީނުގެ ރެފިއުޖީންގެ މައްސަލަ ބެލުންތެރިންގެ ސަމާލުކަމަށް ގެނައުމުން އދ. ގެ ރެފިއުޖީންނާ ބެހޭ އެޖެންސީން ވަނީ އެކަން ފާހަގަކޮށް ކަލް ޕެން އަށް ޝުކުރު އަދާކޮށްފަ އެވެ.