ލައިފްސްޓައިލް

"ޗައި ވާލާ" ގެ ހަޔާތަށް އާ އަހަރާ އެކު އާ ޓްވިސްޓެއް

Jan 4, 2017

މީގެ ތިން މަސް ކުރިން ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއަކާ ގުޅިގެން ބައިނަލްއަގުވާމީ މަޝްހޫރުކަން ލިބިގެން ދިޔަ ޕާކިސްތާނުގެ ޒުވާނާ އަރުޝަދު ހާން ނުވަތަ "ޗާއި ވާލާ" ގެ ހަޔާތުގެ މި އާދަޔާހިލާފު ވާހަކަ އަށް އަނެއްކާވެސް ޓްވިސްޓެއް އަތުވެއްޖެ އެވެ.

މި ޓްވިސްޓަކީ 18 އަހަރުގެ މި ޒުވާނާ އެންމެފަހުން ރިހި އިސްކިރީނަށް ގެނެސްދޭނެ ޓްވިސްޓެކެވެ. އޭނާ މި ވަނީ ފިލްމެއް ކުޅެން އެއްބަސްވެ، އެއަށް ސޮއިކޮށްފަ އެވެ. އޭނާގެ މި ފިލްމު މި އަހަރު ބެލުންތެރިންނާ ހަމަ އަށް އަންނާނެ ކަމަށް ބެލެވޭއިރު މިހާރު ވެސް ބައެއް ވީޑިއޯ ލަވަތަކުން "ޗާއި ވާލާ" ފެނިގެންގޮސްފައިވެ އެވެ. އަދި މޮޑެލްކުރުމުގެ އިތުރު ފުރުސަތުތަކެއް ވެސް އޭނާ އަށް ލިބިފައިވެ އެވެ.

އަރުޝަދު ސޮއިކޮށްފައިވާ ފިލްމުގެ ނަމަކީ "ކަބީރު" އެވެ. މި ފިލްމު މި އަހަރުގެ ސެޕްޓެމްބަރު މަހު ބެލުންތެރިންނާ ހަމަ އަށް ގެނައުމަށް މަސައްކަތް ފަށާފައިވާއިރު ފިލްމުގެ މަންޒަރުތަކެއް ނެގުމަށް އަރުޝަދު ވަރަށް އަވަހަށް ދުބާއީ އަށް ފުރާނެ އެވެ.

ޕާކިސްތާނުގެ އިސްލާމްއާބާދުގެ ބާޒާރެއްގައި ސައި ކައްކައި، ހިދުމަތްދޭ މީހެއްގެ ގޮތުގައި މަސައްކަތްކުރަނިކޮށް "ޗާއި ވާލާ" ގެ ގޮތުގައި އޭނާ ދުނިޔެ އަށް މަޝްހޫރުކޮށްލީ ޖިއާ އަލީ ނަމަކަަށް ކިޔާ ފޮޓޯގްރާފަރަކު ނެގި ފޮޓޯއެއް ސޯޝަލް މީޑިއާގައި އާންމުވެގެން ދިޔަ ހިސާބުންނެވެ.