މުހައްމަދު ރަމްޒާން ނަމަކަށް ކިޔާ އެ މީހާ އަކަށް ވާހާކައެއް ނުދެއްކެ އެވެ. އަޑެއް ނީވެ އެވެ. އުމުރުން 36 އަހަރުވެފައިވިޔަސް އޭނާގެ ހިޔާލާއި ފިކުރު ކުޑަ ފިރިހެން ކުއްޖަކާ އެއްވަރެވެ. -- މިއީ ޕާކިސްތާނުގެ ޖަމްޕޫރުގެ ގަބީލާއެއްގައި ދިރިއުޅޭ ފަގީރު އާއިލާއަކަށް ނިސްބަތްވާ އުމުރުން 13 އަހަރުގެ ސައިމާގެ އަލަތު ފިރިމީހާ އެވެ.
ފުރާފުރިހަމަވާ އުމުރަށް އެޅުމާއެކު ސައިމާ އަށް ކައިވެނިކުރަން މަޖުބޫރުވީ އޭނާގެ ބައްޕަ، ވާޒިރުގެ އަހުމަދުގެ ހަޔާތަށް ދެ ވަނަ އަންބަކު ބޭނުންވުމުންނެވެ. އެހިސާބުން ރަމްޒާންއާ ސައިމާ ކައިވެނިކުރުވުމަށް ފަހު ރަމްޒާންގެ އެއްބަނޑު އެއްބަފާ އަންހެން ކޮއްކޮ، ސަބީލް ވާޒިރުގެ ދެ ވަނަ އަންބަކަށް ހެދީ އެވެ.
މިވީހާ ދުވަހު ރަމްޒާންގެ މައި ބެލެނިވެރިއެއްގެ ގޮތުގައި އޭނާ އަށް އެހީތެރިކަން ފޯރުކޮށް ޒިންމާތައް އުފުލަމުން އައީ އޭނާގެ އަންހެން ކޮއްކޮ ސަބީލް އެވެ. ދެ އަންބަށް ވާޒިރާ އިންނަން އެދުމުން ސަބީލް އެންމެ ފުރަތަމަ އެކަމަށް އިންކާރުކުރީ ރަމްޒާންގެ ޒިންމާތަކާ ހަވާލުވާނެ އެހެން މީހަކު އާއިލާގައި ނެތް ކަމަށް ބުނެ އެވެ.
އެހިސާބުން ސަބީލްގެ ހިތް އަތުލުމަށް ވާޒިރު ދެން ގުރުބާންކޮށްލީ އޭނާގެ އަންހެން ދަރިފުޅު ސައިމާ އެވެ. މިއީ އުރުދޫ މީހުންގެ މެދުގައި އޮންނަ "ވައްޓާ ސައްތާ" ނަމަކަށްކިޔާ ސަގާފަތެކެވެ. އާއިލާއަކަށް މިފަދަ މައްސަލައެއް ދިމާވެއްޖެ ނަމަ އެ މައްސަލައެއް ނުވަތަ ދަރަންޏެއް ހަލާސްކުރުމަށް ވެސް އާއިލާގެ އަންހެން ދަރިއަކު ބޭނުންކުރެވިދާނެ އެވެ.
މި ސަގަފާތުގެ ބޭނުން ހިފައި، ސަބީލްގެ ބޭބެއާ ސައިމާގެ ކައިވެނިކުރުވުމަށް ފަހު ވާޒިރު ވަނީ ސަބީލްއާ ކައިވެނިކޮށް އޭނާގެ އަނބިންގެ އަދަދު ދޭކަށް އިތުރުކޮށްފަ އެވެ. ވާޒިރު ބުނާ ގޮތުން މިވަރަކުން އޭނާ ދެ ވަނަ އަންބެއް ބޭނުންވަނީ ފިރިހެން ދަރިން ހޯދުމަށެވެ. ދޮށީ އަނބި، ޖަންނަތުއާ އެކު މިހާތަނަށް ވާޒިރަށް ލިބިފައި ވަނީ މުޅިން ވެސް އަންހެން ދަރިންނެވެ.
އުމުރުން 13 އަހަރުގައި ސައިމާ ބޮޑު ފިރިހެނަކާ ދެވި މައްސަލާގައި އަވަށުގައި ހިޔާލުތަފާތުވެ މައްސަލަ ފުލުހުންނަށް ހުށަހަޅައިގެން ތަހުގީގުކޮށް ސައިމާގެ ބައްޕަ، ވާޒިރު ކުށްވެރިވެސްވި އެވެ. އެއީ އުމުރުން 16 އަހަރު ނުފުރެނީސް ކައިވެނިކުރުން މަނާކޮށްފައި އޮންނާތީ އެވެ. މި މައްސަލާގައި ވާޒިރު ރަމްޒާން ޖަލަށްލި ނަމަވެސް ސައިމާ ވަނީ އޭނާ އަށް 16 އަހަރު ފުރިފައިވާ ކަމަށް ބުނެ ކޯޓުގައި ހެކި ބަސް ދީފަ އެވެ.
އެހިސާބުން އެ މައްސަލަ އިން ފުލުހުން އަތް ދޫކޮށްލާފައިވާއިރު ވާޒިރުގެ ދޮށީ އަނބި، ޖަންނަތުގެ ވެސް އެއްވެސް ޝަކުވާއެއް ނެތެވެ. އަދި އޭނާގެ ފިރިމީހާ ދެ ވަނަ އަންބެއް ހޯދުމަކީ އޭނާ ރުހޭ ކަމެއް ކަމަށާއި ފިރިމީހާ އަށް ފިރިހެން ދަރިން ހޯދައިދޭނެ އަންހެނަކު އޭނާގެ ހަޔާތަށް ގެނައުމަށް އެދޭ ކަމަށް ބުނެފައިވެ އެވެ.
ސަބީލް ބުނެފައި ވަނީ ވާޒިރުއާ އޭނާ ކައިވެނިކުރީ ނުކުޅެދޭ ބޭބެގެ ޒިންމާތައް ނަގާނެ އަންބަކު އޭނާ އަށް ހޯދައިދިނުމުން ކަމަށެވެ.
ކައިވެންޏަށް ފަހު ސައިމާގެ އެއްވެސް ޝަކުވާއެއް ނެތެވެ. ނަމަވެސް އޭނާ ބުނަނީ ބައްޕަގެ ލޯތްބަށް އޭނާ ގުރުބާންކޮށްލީ ކަމަށެވެ.
"ރަމްޒާންގެ ކޮއްކޮ އާއި އަހަރެންގެ ބައްޕަ އެކަކު އަނެކަކު ދެކެ ލޯބިވެ އެ ލޯބި ހާސިލުކުރަން އަހަރެން ގުރުބާންކޮށްލީ. ބައްޕަ ދެކެ އަހަރެން ބިރުގަނޭ. އެކަމަކު އަހަރެން ކައިވެނިކުރާނެ މީހަކު ކަނޑައަޅާނީ ބައްޕަ،" އޭޕީ އަށް ދިން އިންޓަވިއުއެއްގައި ސައިމާ ބުނެފައިވެ އެވެ.