އެމްއެމްއޭ

މި މަހުގެ އަށްވަނަ ދުވަހު ފެށިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެއާޕޯޓްގައި ޑޮލަރު ވިއްކަން ފެށި ނަމަވެސް ނުވަވަނަ ދުވަހާ ހަމައަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ވެސް ޑޮލަރު ވިއްކާނެ ކަމަށް ބުނެފި އެވެ.

އެމްއެމްއޭގެ އިންފޮމޭޝަން އޮފިސަރު މަންސޫރު ޒުބެއިރު މިއަދު އަވަސްއަށް ވިދާޅުވީ، ކުރިން ހަމަޖެހިފައި އޮތް ގޮތުން އެމްއެމްއޭއިން ޑޮލަރު ވިއްކާނެ ފަހު ތާރީހަކީ މި މަހުގެ ހަތްވަނަ ދުވަސް ކަމަށެވެ. ނަމަވެސް ރައްޔިތުންނަށް ފަސޭހައަކަށް އަދި ޑޮލަރު ވިއްކުމާ ބީއެމްއެލް ހަވާލުވާ މަރުހަލާ ފަސޭހަ ކުރަން ނުވަވަނަ ދުވަހާ ހަމައަށް އެ މުއްދަތު އިތުރުކުރީ ކަމަށެވެ.

މަންސޫރު ވިދާޅުވީ، ނުވަ ވަނަ ދުވަހާއި އެ ދުވަހުގެ ކުރިން ފުރާ އެންމެންނަށް ވެސް އެމްއެމްއޭއިން ޑޮލަރު ވިއްކާނެ ކަމަށެވެ. ބީއެމްއެލްއިން އެއާޕޯޓްގައި ޑޮލަރު ވިއްކަން ފެށި ނަމަވެސް އެ ބޭންކަށް ޑޮލަރު ފޯރުކޮށްދޭނީ އެމްއެމްއޭއިންނެވެ.

ބީއެމްއެލްއިން މިއަދު ބުނެފައިވާ ގޮތުގައި، ރާއްޖެއިން ބޭރަށްފުރާ ދިވެހިންނަށް ވިއްކާ ޑޮލަރު ގަންނަން ބޭނުންވާ ފަރާތްތަކަށް މިހާރު އޮންލައިން ޕޯޓަލް އެއް މެދުވެރިކޮށް ފައިސާ ދެއްކޭނެ އެވެ. މިގޮތުން ކޮންމެ ދަތުރުވެރިއަކަށް ގިނަވެގެން ފައިސާ ދެއްކޭނީ 500 ޑޮލާރާ ހަމައަށް ކަމަށެވެ.

އަދި އެ ބޭންކުން ބުނީ ފުރަން ޗެކްއިން ވުމަށް ފަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޑޮލަރު ދޫކުރަން ހާއްސަކޮށްފައިވާ ކައުންޓަރުތަކުން ޑޮލަރު ލިބޭނެ ކަމަށާއި އޮންލައިންކޮށް ބުކިން ނުހެދޭ ފަރާތްތަކަށް، އެއާޕޯޓުން ޑޮލަރު ލިބޭގޮތަށް ބީއެމްއެލްގެ ކޮންމެ ބްރާންޗަކުން ވެސް ޑޮލަރު ގަތުމަށް ފައިސާ ދެއްކޭނެ ކަމަށެވެ. ރާއްޖޭގެ އެހެން އިންޓަނޭޝަނަލް އެއާޕޯޓަކުން ދަތުރުކުރާ ނަމަ، އެއާޕޯޓާ އެންމެ ކައިރި ބްރާންޗަކަށް ދިޔުމުން ޑޮލަރު ލިބޭނެ އިންތިޒާމު ވެސް މިހާރުވަނީ ހަމަޖައްސާފަ އެވެ.

ޑޮލަރު ވިއްކުމާ އެމްއެމްއޭއިން ހަވާލުވީ ބޮޑު ޗުއްޓީއާ ދިމާކޮށް ޑޮލަރު ކިޔު ދިގުވެ، ރައްޔިތުންނަށް ފަސޭހައިން ޑޮލަރު ލިބޭނެ އިންތިޒާމެއް ހަމަޖައްސައިދިނުމަށެވެ.