ސައި ކައްކާ ވިއްކަން ހުއްޓާ ނެގި ފޮޓޯތަކެއްގެ ސަބަބުން މުޅި ދުނިޔޭގެ މަގުބޫލުކަން ލިބުނު "ޗައިވާލާ" އަކީ މިހާރު އާ ނަމެއް ނޫނެވެ. ޕާކިސްތާނުގެ "ޗައިވާލާ" ގެ މަޝްހޫރުކަން ފެނި، އަވަށްޓަރި އިންޑިއާއިން ވެސް މިވަނީ "ޗައިވާލާ" އަށް ވާދަ ކުރުމަށް އެހެން "ޗައިވާލާ" އެއް ހޯދާފަ އެވެ.
އިންޑިއާގެ އުތްރަކަންދަށް ނިސްބަތްވާ މާޖިދު ހާންއަކީ އިންޑިއާގެ ޗައިވާލާ އެވެ. އެހެނަސް އޭނާއަކީ ބިރިއާނި ވިއްކާ ޒުވާނެއް ކަމުން އޭނާއަށް ދީފައިވަނީ "ބިރިއާނީވާލާ" ގެ ނަމެވެ.
ހިންދުސްތާން ޓައިމްސްގައި ރިޕޯޓް ކޮށްފައިވާ ގޮތުން ދިއްލީގެ ފިހާރައެއްގައި މާޖިދު ހާން ބިރިޔާނީ ތައްޔާރުކުރަން ހުއްޓައި، މެޑޮލިންގެ މަސައްކަތް ކުރާ ބަޔަކަށް އޭނާ ފެނި، ލޮލުގަ ވަނީ އަޅައިގެންފަ އެވެ. އަދި މާޖިދަކީ މޮޑެލް ކުރެވޭ ވަރުގެ ރީތިކަން ލިބިފައިވާ މީހެއް ކަމަށް އެމީހުން ފެނުނެވެ. މާޖިދުގެ ހެޔޮވަރު އިސްކޮޅަކާއި ރީތި ހަށިގަނޑެއް ވެސް ހުރެ އެވެ.
ނަމަވެސް އޭނާއަކީ އެ ރީތި ކަމަށް ސަމާލުކަން ލިބޭ މީހެއް ނޫނެވެ. އޭނާއަކީ ވަރަށް ލަދު ރަކި ޒުވާނެއް ކަމަށް ވެސް އެ ނޫހުގައި ބުނެފައިވެ އެވެ. އުމުރުން 23 އަހަރުގެ މާޖިދު ކޮންމެ ދުވަހަކު ހެނދުނު ހަތެއް ޖަހާއިރު މަސައްކަތަށް ނިކުންނައިރު މަސައްކަތް ނިންމާފައި ދަނީ ރޭގަނޑު ދަންވަރު 2:00 ޖަހާއިރު އެވެ. މަހަކު ލިބެނީ 7،000 ރުޕީސް އެވެ. އޭނާ ވަޒީފާއަށް ދިއްލީއަށް އައީ މީގެ ފަސް މަސް ކުރިންނެެވެ. އޭނާ ދިރިއުޅެނީ އެހެން ރަހުމަތްތެރިންނާއެކު ކުޑަ ކޮޓަރިއެއްގަ އެވެ.
މާޖިދު ބޭނުންކޮށްގެން ފޮޓޯ ޝޫޓެއް ނެގުމަށް އޭނާއަށް ވާހަކަ ދެއްކި އެވެ. ނަމަވެސް އޭނާ އެކަމަށް އެއްބަސްކުރުވުން ވީ އުނދަގޫ ކަމަކަށެވެ.
"އަހަރެންނަށް މޮޑެލިންނާ ބެހޭ އެއްވެސް ކަމެއް ނޭނގެ، ބިރިޔާނީއާ ގުޅޭ ގޮތުން ކޮންމެ އެއްޗެއް އެހިޔަސް އެނގޭނެ،" މާޖިދު ބުނީ މިހެން ކަމަށް އެ ނޫހުގައިވެ އެވެ.
މާޖިދު އެއްބަސްކުރުވައިގެން އޭނާ ގެންދިޔައީ ސެލޫނަކަށެވެ. އެ ސެލޫނުގައި އޭނާގެ ބޯ ކޮށައި ވަނީ ސްޓައިލްކޮށްފަ އެވެ. ތުނބުޅި ވެސް ރީތިކުރި އެވެ.
ޝޫޓް ފެއްޓިއިރު ވެސް އޭނާ ހުރީ ވަރަށް ލަދުންނެވެ. ކެމެރާއަށް ނުވެސް ބަލަ އެވެ. ހީލަން ވެސް ނުކުރެ އެވެ. އެހެނަސް އޭނާއަށް ޕޯސްކުރާނެ ގޮތާއި މޮޑެލިން ކިޔައިދިނުމުން ވަރަށް އަވަހަށް ވަނީ ދަސްކޮށްފަ އެވެ. މިހާރު އޭނާ ވަނީ މެޑޮލިންނަށް ހިތް ކިޔާފަ ކަމަށްވެ އެވެ.
"ބޮޑެތި ހުވަފެންތަކެއް ދެކެން ބޭނުމެއް ނުވޭ، އެހެނަސް މަސައްކަތް ކޮށް، މިކަމުގައި ކުރިއަށް ދާން ވިސްނަން،" މޮޑެލިންނަށް ހިތްޖެހިފައިވާ މާޖިދު ބުންޏެވެ.