ކަނޑުމަތީގެ ހާދިސާ

ހާލުގައި ޖެހުނީ ލަންކާގެ މަސް ބޯޓެއް: ފުލުހުން

ރާއްޖެ ސަރަހައްދަށް ވަދެ ހާލުގައިޖެހި، ހއ. ތުރާކުނު ބޭރުން ދެ މީހުނާއެކު އޮޔާ ދަނިކޮށް އިއްޔެ ފެނުނު މަސް ބޯޓަކީ ސްރީލަންކާގެ މަސް ބޯޓެއް ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ އެ ބޯޓުގައި ތިބި ދެ މީހުންގެ ހާލުވެސް ރަނގަޅު ކަމަށާއި އިތުރު މައުލޫމާތެއް އަދި ނުލިބޭ ކަމަށެވެ. އެ ބޯޓު ފެނިފައިވަނީ އިއްޔެ ހަވީރު 3:45 ހާއިރު "ކަނޑު ރޯދި" ނަމަކަށް ކިޔާ ކަންނެލި ދޯންޏެއް މަސްވެރިކަމަށް ނުކުމެގެން އުޅެނިކޮށެވެ.

އެނގިފައިވާ ގޮތުގައި އެ ބޯޓުގައި ތިބި ދެ މީހުން އަދިވެސް ތިބީ އެ ބޯޓުގަ އެވެ.

ހާލުގައި ޖެހިފައިވާ މަސް ބޯޓެއް އިއްޔެ ފެނުނުއިރު މިިދިޔަ ހަފްތާގެ ތެރޭގައި އެމްއެންޑީއެފުން ވަނީ ރާއްޖެ ކައިރިން ދިޔަ ސްޕޭންގެ މަސް ބޯޓެއްގައި އޮތް ހާލުބޮޑު ބަލި މީހަކު ގދ. ތިނަދޫއަށް ގެންގޮސް ފަރުވާ ދީފަ އެވެ. އެ މީހާގެ ހާލު ދެރަވީ ތައިލެންޑްއިން ފުރައިގެން ސީޝެލްސްއަށް ދަތުރުކުރަމުންދަނިކޮށް ލ. މާވަށުގެ 307 މޭލު ބޭރުންނެވެ.