ލައިފްސްޓައިލް

ޑޮކްޓަރުން ބުނަނީ ކަންފަތް ސާފުނުކޮށް ބެހެއްޓުން މާ ރަނގަޅުވާނެ ކަމަށް

Jan 5, 2017

ފަކުރުހީވެ، ހޮޑުލަވައިގަންނަ ކަހަލަ ސުރުހީއަކަށް ފަހަރެއްގައި ވެދާނެ އެވެ. އެކަމަކު ވެސް ސިއްހީ ތަޖުރިބާކާރުންނާއި ޑޮކްޓަރުންގެ ލަފައަކީ މިީ އެވެ. އެ ފަރާތްތަކުން ބުނަނީ ކަންފަތުގައި ޖަހާ މަޑަކީ ކޮންމެހެން ސާފުކުރަން ޖެހޭ "ނަޖިހެއް" ނުވަތަ ފަކުރު ގަންނަ ވަރުގެ ހަޑިއެއް ނޫން ކަމަށެވެ.

އެހެން ނަމަވެސް ޒަމާނުއްސުރެން އާންމުންނަށް ގަބޫލުކުރެވިފައި އޮތް ހަގީގަތަކީ މިއީ އެވެ. އެހެންކަމުން ކަފަބުރު ސެޓަކުން ހަފުތާއަކު އެއް ފަހަރު ކަންފަތް "ފޮޅައި ނޮޅައި ސާފުކޮށްނުލެވެނީސް" ގިނަ މީހުންނަށް ހަމަ ނިދި ވެސް ނުލިބެ އެވެ. އެކަމަކު މިގޮތަށް ކަންފަތް ސާފުކުރުމަކީ ސިއްހީގޮތުން ފޫނުބެދޭވަރުގެ ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން އިންޒާރުދެ އެވެ.

ކަންފަތުގައި އުފެދޭ މަޑު ނުވަތަ އިޔާވެކްސްގެ ހަގީގީ ބޭނުމަކީ ކަންފަތުގެ އަޑުއިވުމުގެ ނިޒާމް ފުރިހަމަ އަށް ރައްކާތެރިކުރުން ކަމަށް ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ. ކަންފަތުން މަޑު އުފައްދައި، ކަންފަތުކޮރު އެކުގައި "ގިރިސްކޮށްލާފައި" އޮތުމުން ކުނޑީގެ ގޮތުގައި ކަންފަތަށް ވަންނަ ކުނިބުނި ހިފައި ތެތްކަމުގެ ދަލެއްގައި ޖައްސައިދެ އެވެ.

ޑޮކްޓަރުން ބުނަނީ ކަފަބުރުން ކޮންމެހެން ކަންފަތް ސާފުކުރުމުގެ ބޭނުމެއް ހަގީގަތުގައި ނެތް ކަމަށެވެ. ސަބަބަކީ ކަންފަތުގެ ފުރިހަމަ ނިޒާމަކީ އަމިއްލަ އަށް އެ މަސައްކަތްކޮށް ސާފުތާހިރުކަމުގެ ބުރު ވެސް ހަމަކުރާ ނިޒާމަކަށްވުމެވެ. ކަންފަތުގައި އުފެދޭ މަޑުތަކުގެ ތެރެއިން ގިނަ ދުވަސްވެފައި ހުންނަ މަޑު، އޭގެ އަމިއްލަ އިހްތިޔާރުގައި ކަންފަތުން ނުކުންނަ ކަމަށާއި ފެންވަރައިހަދާއިރު އެފަދަ މަޑު އެއްކޮށް ބޭރުވެގެން ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

ނަމަވެސް ބައެއް ހާލަތްތަކުގައި ކަންފަތުން މަޑު ނުނިކުމެ ތޮތްޖެހި ކަންފަތަށް އުނދަގޫވާން ފަށައިފި ނަމަ އަމިއްލަ އަށް ކަންފަތް ސާފުކުރުމުގެ ބަދަލުގައި އެކަމުގެ ސިއްހީ ތަޖުރިބާކާރެއްގެ އެހީ ހޯދުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމަށް ޑޮކްޓަރުން ލަފާ ދެ އެވެ. އަމިއްލަ އަށް ކަފަބުރަކުން ކަންފަތް ސާފުކުރުމަށް މަސައްކަތްކުރުމަކީ ކަންފަތުގެ އެތެރޭގައި ހުންނަ މަޑުތައް އިތުރަށް އެތެރެއަށް ކޮށްޕާލެވޭ ކަމެކެވެ.

މިގޮތަށް މަޑުތައް އެތެރޭގައި ތޮއްޖެހުމަކީ ކަންފަތަށް ސިއްހީ ގިނަ މައްސަލަތަކެއް ދިމާވާން މެދުވެރިވެދާނެ ސަބަބެއް ކަމަށް ތަޖުރިބާކާރުން އިންޒާރުދެ އެވެ. އެގޮތުން ލިބޭ ގެއްލުމެއްގެ ސަބަބުން އަޑުއިވުމުގެ ގާބިލުކަން ކަންފަތަށް ދާއިމީކޮށް ގެއްލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.