ސިއްހަތު

އިންސާނާގެ ހަށިގަނޑުން އާ ގުނަވަނެއް!

Jan 5, 2017

އިންސާނާގެ ހަށިގަނޑުން އާ ގުނަވަނެއް ސައިންސްވެރިން ހޯދައިފި އެވެ. އަޔަލެންޑްގެ ޔުނިވަސިޓީ އޮފް ލިމަރިކްގެ ޕްރޮފެސާ އޮފް ސާޖަރީ ޖޭ ކެލްވިން ކޯފީގެ، ދިރާސާގައި ހޯދި މި ގުނަވަނަށް ކިޔަނީ "މެސެންޓަރީ" އެވެ. މި ގުނަވަން އިންނަނީ ހަށިގަނޑުގެ ހަޖަމު ނިޒާމުގެ އަޑީގަ ފޮރުވިފަ އެވެ.

ސައިންސް ވެރިން ބުނެފައިވަނީ އަލަށް ހޯދުނު މެސެންޓަރީ މަސައްކަތްކުރާ ގޮތް އަދި ރަނގަޅަށް ހޯދިފައެއް ނުވެއެވެ. ނަމަވެސް އަލަށް ހޯދުނު މި ގުނަވަނުގެ ސަބަބުން ހަޖަމުގެ ނިޒާމާއި ބަނޑަށް ޖެހޭ ބަލިތަކަށް ފަރުވާ ހޯދަން އިތުރު މަގެއް ތަނަވަސްވެގެންދާނެ އެވެ.

އަލަށް ހޯދުނު މެސެންޓަރީ އަކީ ދަންބަނޑާއި ގޮހޮރާއި ގުޅުވައިދޭ ފާރެއްކަހަލަ ގުނަވަނެކެވެ. ދެހާސްބާރަ ވަނަ އަހަރު ކޮށްފައިވާ ދިރާސާގައި ބުނެފައިވަނީ މެސެންޓަރީ އަކީ "ފްރެގްމެންޓެޑް ސްޓަރަކްޗާ" އެއް ކަމަށެވެ.

އަދި މެސެންޓަރީ އަކީ ހަށިގަނޑުގައި ހިމެނޭ ވަކި ގުނަވަނެއްކަން ދެނެގަނެވިފައިމިވަނީ ހަތަރު އަހަރު ވަންދެން ކުރި ދިރާސާގައި ހޯދުނު މައުލޫމާތުގެ މައްޗަށް ބެލުމަށްފަހު އެވެ. ދެން އޮތީ މި ގުނަވަން ފަންކްޝަން ކުރާ ގޮތް ރަނގަޅަށް ދިރާސާކޮށް ބަލިތަށް ފަރުވާ ކުރެވޭނެ ގޮތް ހޯދުން ކަމަށް ސައިންސްވެރިންބުނެ އެވެ.