ލައިފްސްޓައިލް

ދަރިފުޅު އަލަށް ސްކޫލަށް ގެންދަނީތަ؟

Jan 6, 2017

ދަރިފުޅު އަލަށް ޕްރީ ސްކޫލަށް ވައްދާތީ ގިނަ މައިންބަފައިން ތިބީ ވަރަށް "އެކްސައިޓް" ވެފަ އެވެ. ދަރިފުޅުގެ ޔުނީފޯމާއި ފޮތްތަކާއި ހުރިހާ އެއްޗެއް މިހާރު ތައްޔާރުކޮށް ނިމިއްޖެ އެވެ. އަންނަ އާދިއްތަ ދުވަހަކީ ދަރިފުޅު ފުރަތަމަ ފަހަރަށް ސްކޫލަށްދާ ދުވަހެވެ. އެކަމާ އެކްސައިޓް ވެފައި ހުރުމާ އެއްވަަރަށް ބައެއް މަންމަ މެން ތިބީ ކަންބޮޑުވެފަ އެވެ. ފުރަތަމަ ފަހަރަށް ބޭރު ބައެއްގެ ތެރެއަށް ދަރިފުޅު ދޫކޮށްލާތީ އެވެ. ދަރިފުޅު ރޮއެފާނެތީ އެވެ. އެންމެ ރަނގަޅަށް ދަރިފުޅު މަސަލަސް ކުރެވޭނެ ކަމާމެދުވެސް ކަންބޮޑުވެ އެވެ.

އެހެންވެ ރިފުޅު ސްކޫލަށް ފޮނުވާއިރު އެކަމަށް ދަރިފުޅު ތައްޔާރުވެފައިހުރީ ކިހާވަރަކަށްތޯ ބަލަން ޖެހެ އެވެ.

"އާންމުކޮށް ކުދިން ސްކޫލަށް މިވައްދަނީ ދެ އަހަރު ނުވަތަ ދެ އަހަރު ބައިގައި. ބައެއް ބެލެނިވެރިންނަށް ހީވަނީ އެ އުމުރަށް ދިޔައީމަ ދަރިފުޅު މިހާރު އެހެރީ ސްކޫލަށް ވައްދަން ތައްޔާރުވެފައޭ. ދެން އޭނަ ސްކޫލަށް ފޮނުވަންވީ އޭ. އެކަމަކު އެއީ މުޅިން ރަނގަޅު ހީއެއް ނޫން. މެންޓަލީ ވެސް އަދި ފިޒިކަލީ ވެސް ކުދިން ތައްޔާރުކުރަން ޖެހޭނީ. އަމިއްލައަކަށް ތައްޔާރެއް ނުވާނެ. ސްކޫލް މާހައުލަށް ބައެއް ކުދިން ހޭނެން ގިނަ ދުވަސް ނަގަނީ އެހެންވެ" ކުރީގެ ލާލޭ އިންޓަނޭޝަނަލް ސްކޫލްގައި ގިނަ ދުވަސްތަކެއް ވަންދެން ޕްރީ ސްކޫލް ޓީޗަރުކަން ކުރި ޓީޗަރަކު ނަން ނުޖެހުމަށް އެދި އަވަސް އާ ވާހަކަ ދައްކަމުން ބުންޏެވެ.

ކުއްޖާ އެހެން ކުދިންނާ ގުޅި "ޝެއާ" ކޮށް ހަދާނަމަ އެހެރީ ސްކޫލަށް ފޮނުވަން ތައްޔާރުވެފަ އެވެ. އަދި ކުއްޖާގެ މަންމަ ނުވަތަ ބައްޕަ ނެތް ނަމަވެސް އޭނާއަށް އެހެން މީހުންނާއެކު ވަގުތު ހޭދަކުރާނަމަ އެހެރީ ތައްޔާރުވެފަ އެވެ. ކުއްޖާ ތައްޔާރުވެފައި ހުރިތޯ ދެނެގަންނަން ކުއްޖާއާއެކު އެންމެ ގިނައިން ވަގުތު ހޭދަކުރާ މީހުންނާ ވާހަކަ ދައްކާ މަޝްވަރާކުރާށެވެ.

ދަރިފުޅަށް މައިންބަފައިންނާ ދުރުގަ ވަގުތު ހޭދަ ކުރެވޭތަ؟

ތިއީ ވަޒީފާއަށްދާ މަންމަ އަކާއި ބައްޕައެއް ނަމަ މިކަމާ ހާސްވާކަށް ނުޖެހެ އެވެ. އެއި އެވަގުތު ތަކުގައި ދަރިފުޅު ބަލާނީ ކޮންމެވެސް އެހެން މީހަކާ ހަވާލުކޮށްފަ އެވެ. ގިނަ ފަހަރަށް އާއިލާގެ ކޮންމެސް މީހަކާ އެވެ. ނުވަތަ ދަރިފުޅު ބަލަން ގެންނަ ހާއްސަ "ބޭބީ ސިޓާ" އަކާއި ހަވާލުކޮށްފަ އެވެ. އެހެންވީމަ އާންމުކޮށް އެހެން މީހަކާއި ކުދިން ހަވާލުކޮށްފައި ގިނަ ވަގުތު މައިންބަފައިން ކުދިންނާ ދުރުގައި ހޭދަކުރާނަމަ ކުދިން ހުންނާނީ އެގޮތަށް ހޭނިފަ އެވެ. ސްކޫލް މާހައުލު އެކުދިންނަށް އެހާ ބީރައްޓެއްސެއް ނުވާނެ އެވެ.

ތިއީ އަބަދު ދަރިފުޅު ބަލަން ގޭގައި އިންނަ މަންމައެެއް ނަމަ ދަރިފުޅު ހުންނާނީ ހަމައެކަނި މަންމަ ކައިރީ އުޅެން އާދަވެފަ އެވެ. ސްކޫލަށް ގެންދިއުމުގެ ކުރިން ކުއްޖާ ދުރުގައި ގެންގުޅެން އާދަކުރާށެވެ. ހަފްތާ ބަންދުތަކުގައި ތިމާގެ މީހެއްގެ ގެއަށް ނުވަތަ ކުއްޖާގެ މާމަމެން ކައިރިއަށް ގެންދާށެވެ. މުޅި ދުވަސް ދުރުގައި ހޭދަކުރާށެވެ.

ފަހަރުގައި ސްކޫލަށް ގެންދާ ފުރަތަމަ ދުވަހު ކުއްޖާ ރޮއެފާނެ އެވެ. އެއީ އާންމުކޮށް މައިންބަފައިންނާ ދުރުގައި ގެންގުޅޭ ކުއްޖަކަށް ވިޔަސް އެވެ. ނަމަވެސް ކުއްޖާ ހޭނެން ބޭނުންވާނީ މަދުވަގުތު ކޮޅެކެވެ. ކުދިންނާ ހަވާލުވާ ޓީޗަރުން ކުދިން ބަލަހައްޓާނެ އެވެ. އެއީ ކަންބޮޑުވާންވީ ކަމެއް ނޫނެވެ. ޓީޗަރުންނަށް އެކަހަލަ ކުދިން މަސަލަސް ކުރަން ވަރަށް ފަސޭހަވާނެ އެވެ.

ޝެޑިއުލް އަށް އަމަލުކުރޭ

މިއީ ވަރަށް މުހިންމު ކަމެކެވެ. ކުއްޖާއަށް ހާއްސަ ޓައިމްޓޭބަލް އެއް ނުވަތަ ޝެޑިއުލް އެއް ހަދާށެވެ. އަދި ކުއްޖާ ލައްވާ ޝެޑިއުލް އާ އެއްގޮތަށް އަމަލުކުރުވާށެވެ. ވަކި ގަޑިއެއްގައި ނިންދަވާ ވަކި ގަޑިއެއްގައި ހޭލަން އާދަ ކުރުވާށެވެ. އެންމެ ދުވަހަކުވެސް އެއާ ހިލާފުވެއްޖެނަމަ ކުއްޖާ އެއާ ހިލާފުވާން އަބަދުވެސް މަސައްކަތް ކުރާނެ އެވެ.

މީގެއިތުރަށް ކުއްޖާއާ ވާހަކަ ދައްކާ އޭނަ ސްކޫލަށްދާން އުޅޭ ވާހަކަ ބުނާށެވެ. ސްކޫލްގައި ކަންތައްވާނެ ގޮތް ކުއްޖާއަށް ވިސްނައިދޭށެވެ. ނަފްސާނީ ގޮތުން ކުއްޖާ ތައްޔާރުކުރަން އެންމެ ފަސޭހަވާނީ އޭރުންނެވެ.

"އަސްލު ކުއްޖާއަށް ވިސްނައިދޭންވެސް ޖެހޭނެ ސްކޫލަށްދާން އުޅޭކަން. ކަންތައް ވާނީ ކިހިނެއްކަން. އެހެން އުޅޭއިރު އެހެން ކުދިންނާ ގުޅިގެން އުޅޭނީ ކިހިނެއްކަން ބުނެދޭންވާނެ. އަސްލު ކުއްޖާއަށް ގިނަ ކަންކަން ދަސްވަނީ ސްކޫލަށްދާން ފަށާ ފަހުން. ގޭތެރޭގެ މާހައުލުން ދަސްވާ ކަންތައްތަކާއި ސްކޫލުން ދަސްވާ ކަންތައްތައް ވަރަށް ތަފާތުވާނެ. ގޭގައި ނޫޅޭ ގޮތްގޮތަށް ސްކޫލްގައި އުޅެފާނެ. ސްކޫލްގައި ކުރާ ބައެއް ކަންތައްތައް ގޭގައި ނުކޮށްފާނެ" ކުރިންވެސް ވާހަކަ ދެއްކި ޓީޗަރު ބުންޏެވެ.

މި ދާއިރާގެ ގިނަ ތަޖުރިބާކާރުން އިއްތިފާގުވަނީ މި ގޮތަށެވެ. ކުއްޖާ ޕްރީސްކޫލަށް ފޮނުވުމަކީ މުހިންމު ކަމެވެ. ގޭގައިވެސް އެ ފެންވަރުގެ ތައުލީމް މައިންބަފައިންނަށް އަމިއްލައަށް ދެވޭނޭ ހީކުރިއަސް އެއީ ވުމަށްވުރެ ނުވުން ގާތްކަމެކެވެ. ސްކޫލުގައި ކުއްޖާގެ އުޅުން ވަރަށް ތަފާތުވާނެ އެވެ. ގޭގައި މަޑުން ނުހުރެވޭ ކުއްޖާ ސްކޫލަށްގޮސް ވަރަށް މަޑުމަޑުން ހުރެފާނެ އެވެ. ގޭގައި ކިޔަވަން ނޫޅުނަސް ސްކޫލްގައި ގިނަ ކުދިންގެ ތެރޭގައި ކިޔަވަން ވީމަ ކިޔަވާކުދިންވެސް އެބަ ތިއްބެވެ. އެހެންކުދިންނާ ގުޅިގެން އުޅެން ދަސްވާނީވެސް ޅައުމުރުގައި ސްކޫލަށް ފޮނުވައިގެންނެވެ.