ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުރިއަށް ސީޒަންގައި ނިއުރޭޑިއަންޓަށް ސޮއި ކުރަން އުޅޭ ކަމުގެ އިޝާރާތެއް އެ ކުލަބުގެ އާ ޗެއާމަން ކަނަލް މުހައްމަދު ޒިޔާދު ދެއްވައިފި އެވެ.
މިރޭ ބޭއްވި ނިއުގެ ކޮންގްރެސްގެ ބައިވެރިންނާ މުހާތަބު ކުރައްވާ ޒިޔާދު ވިދާޅުވީ ހާއްސަ ކުޅުންތެރިޔަކު ނިއުއަށް ސޮއި ކުރުމަށް މިމަހުގެ 15 ނޫނީ 16 ވަނަ ދުވަހު ބޮޑު ހަފުލާއެއް ބާއްވާނެ ކަމަށެވެ.
"އެ ކުޅުންތެރިޔާ އަކީ ރާއްޖޭގެ އެއް ވަނަ ކުޅުންތެރިޔާ،" ވަކި ނަމެއް ވިދާޅު ނުވެ ޒިޔާދު ވިދާޅުވި އެވެ. ރާއްޖޭގެ އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ ދަގަނޑޭ އެވެ.
ޒިޔާދު ވިދާޅުވީ ނިއުގެ ކުޅުންތެރިންގެ ޕްރޮފެޝަނަލް ޑިވްލަޕްމެންޓަށް މަސައްކަތް ކުރުމަށް އޭނާ ވަރަށް ބޮޑަށް އިސްކަން ދެއްވާނެ ކަމަށެވެ.
އަދި އާ ކުޅުންތެރިން އުފެއްދުމަށް ޔޫތު ޑިވްލަޕްމެންޓް ހަރުދަނާ ކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.
އަންނަ ސީޒަނަށް ނިއު ވަރުގަދަ ކުރުމުގެ ގޮތުން އެޓީމުން ވަނީ ރާއްޖޭގެ އެއްވަނަ ގޯލް ކިޕަރު އިމްރާން މުހައްމަދާއި މިދިޔަ ސިޒަންގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އަލީ ފާސިރު (ސެންޓޭ) އާއި އަކްރަމް އަބްދުލް ގަނީ އާއި އަހްމަދު އަބްދުﷲ ލިލީ އެޓީމަށް ގެންގޮސްފަ އެވެ.