ލައިފްސްޓައިލް

ފިޔާގެ ތޮށީގެ ފައިދާ ބެލިންތަ؟

Jan 7, 2017

ތި ފެނުނީ ހަމަ ރަނގަޅަށެވެ. ފިޔާގެ ތޮށްޓަކީ ތި ހީކުރާފަދަ ބޭކާރު އެއްޗެއްނޫނެވެ. ކަމާބެހޭ މާހިރުން ވިދާޅުވާ ގޮތުގައި ފިޔާގެ ތޮށީގައި ހިމެނޭ ކުއަސެޓިންގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްކޮށްދީ އެއްވަރެއްގައި ހިފަހައްޓައިދެ އެވެ. އަދި ލޭ ހޮޅިތައް ބެދުމުން ސަލާމަތްކޮށްދެ އެވެ. މިއީ ހިތުގެ ބަލިތައް ޖެހުމުން ދުރުވުމަށް ބޭނުން ކުރަން ވެސް އެންމެ ރަނގަޅު އެކައްޗެކެވެ.

މީގެ އިތުރުން ވެސް ހަށިގަނޑުގައި ހިމެނޭ އެލްޑީއެލް ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދީ، އެލާޖީތަކަށް ދުރުކޮށްދެ އެވެ. އަދި ހަށިގަނޑުގެ ފިނި ހޫނިމިން އެއްވަރެއްގައި ހިފަހައްޓައިދީ ހަށިގަނޑުގެ މަސްތައް ރަނގަޅަށް ހަރަކާތްތެރިވެ ހެދި ބޮޑުވާން ފަސޭހަކޮށްދެ އެވެ. މީގެ އިތުރުން ވެސް ފިޔާގެ ތޮށްޓަކީ ޑިޕްރެޝަން އަށް ފަރުވާ ކުރާ މީހުންނަށް ވެސް އޮތް ހައްލެކެވެ.

ފިޔާގެ ތޮށީގެ މިފައިދާތައް ހޯދާނީ ކިހިނެއްކަން މިއީ ހަމަގައިމު ވެސް ްހިތުގައި އުފެދޭނެ ސުވާލެކެވެ.

ސޫޕް އެއް ތައްޔާރު ކުރާއިރު ފިޔާގެ ތޮށި ސޫޕްގަނޑުގެ ތެރެއަށް ރީތިކޮށް ދޮވެލުމަށްފަހު އެއްކޮށްލާށެވެ. އަދި ރަނގަޅަށް ކެކެންދެން މަޑުކޮށްލާށެވެ. މިގޮތަށް ރަނގަޅަށް ސޫޕް ކެއްކުމަށްފަހު ތޮށިތައް ނަގާށެވެ. މިހާރު ހުންނާނީ ފިޔާގެ ތޮށީގައި ހުރި ހުރިހާ ފައިދާ އެއް ސޫޕްގެ ތެރޭގަ އެވެ.

ސައި ހަދާ ޖަގުގެ ތެރެއަށް ނުވަތަ ޖޯޑު ތެރެއަށް ފިޔާގެ ތޮށި އެޅިދާނެ އެވެ. އަދި ހޫނުފެން އެޅުމަށްފަހު ރަނގަޅަށް ތޮށިތައް މިލެންދެން ބަހައްޓާށެވެ. ނޫންނަމަ ހޫނު ފެން ކައްކާއިރު ފެންކައްކާ އެއްޗެއްގެ ތެރެއަށް ވެސް ފިޔާގެ ތޮށި އެޅިދާނެ އެވެ.

ފައި ދުޅަވެ ނުވަތަ މަސްތަކަށް ތަދުވާނަމަ ތަދުވި ތަނެއްގައި އުނގުޅަން ބޭނުން ކުރާ ތެޔޮ އެއްޗެއްގެ ތެރެއަށް ފިޔާގެ ތޮށި ލުމަށްފަހު 15 ނުވތަ 20 މިނެޓް ވަންދެން ބެހެއްޓުމަށްފަހު އެ ތެލެއް އުނގުޅާށެވެ. މިއީ ދުޅަވުމުން ސަލާމަތްކޮށްދޭނެ ކަމެކެވެ.

ފިޔާގެ ތޮށްޓަކީ އިސްތަށި ފޭބުމާއި ހަންފޮޅުމަށް ވެސް އޮތް ފަރުވާ އެކެވެ. ހޫނުފެނުގައި ރަނގަޅަށް ފިޔާގެ ތޮށިތައް ކައްކާލުމަށްފަހު އެފެނުން ރަނގަޅަށް މަސާޖުކޮށްލާވެ. މިއީ ބޮލުގައި ލޭ ދައުރުވުން އިތުރުކޮށްދީ އިސްތަށިގަނޑުގެ ސިއްހަތު ރަނގަޅު ކުރުމަށް ކުރެވިދާނެ ކަމެކެވެ.

ދެން ފަހަރަކުން ވެސް ފިޔާގެ ތޮށި ނޮޅާލުމަށްފަހު އުކާލުމުގެ ކުރިން ދެވަނަ ފަހަރަށް ވިސްނާލައްޗެވެ.

ފިޔާގެ ތޮށި ބޭނުން ކުރާއިރު، މި ފައިދާ ލިބޭނީ އެއްވެސް ބޭހެން ބޭނުންނުކޮށް ހައްދާފައި ހުންނަ "އޯގަނިކް" ފިޔާގެ ތޮށިކަން ވިސްނަންވާނެ އެވެ. ސަބަބަކީ ކެމިކަލް ބޭނުންކޮށްގެން ހައްދާފައި ހުންނަ ފިޔާގެ ތޮށިން ލިބޭ ފައިދާ އަށް ވުރެ ބޮޑަށް ލިބޭ ގެއްލުން ބޮޑުވެދާނެ އެވެ. އަދި މާބަނޑު މީހުންނާއި ގާތުންދޭ މައިން މިކަންކަމަށް ހާއްސަ ސަމާލު ކަމެއް ދޭން ވާނެ އެވެ. ސަބަބަކީ މާބަނޑު މީހުންނާއި ގާތުންދޭ މައިންނަށް ވެސް މިފަދަ އެއްޗެހި ބޭނުން ކުރުމުން ގައިކަހާ ނުގުޅޭ ގޮތް ވުން ގާތެވެ. ވީމާ އެފަދަ ފަރާތްތަކުން އެކަހަލަ އެއްޗެއްހި އަޖުމަ ބެލުމުގެ ގޮތުން ބޭނުން ކުރުމަކީ ރައްކާތެރި ގޮތެއް ނޫނެވެ.