ރާއްޖެ ކުޅިވަރު

ހުރިހާ ތައްޓެއް ހޯދުމުގެ އަމާޒު: ނިއުއަށް އެކަން ވާނެތަ؟

ރޭ ބޭއްވި ނިއުރޭޑިއަންޓްގެ ކޮންގްރެސްގައި، އެކުލަބުގެ ޗެއާމަންކަމަށް ވަޑައިގެންނެވި ރިޓަޔާޑް ކާނަލް މުހައްމަދު ޒިޔާދު ވިދާޅުވި އެންމެ މުހިންމު ވާހަކަ އަކީ އަނެއްކާވެސް ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބު ކުރުން ނިއުގެ އަމާޒު ހިފި ވާހަކައެވެ.

ރާއްޖޭގައި ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމުގެ ތަޖުރިބާ އާއި ތާރީހެއް މިހާތަނަށް އޮތް ހަމައެކަނި ކުލަބަކީވެސް ނިއު އެވެ. އެކުލަބުން ވަނީ އެކަން ދެ ސީޒަނެއްގައި ކޮށްފަ އެވެ. ސީޒަންގެ ހުރިހާ ތައްޓެއް އެންމެ ފުރަތަމަ ނިއު ހޯދީ 1979 ވަނަ އަހަރު އެވެ. އެންމެ ފަހުން ހޯދީ 2013 ވަނަ އަހަރު އެވެ.

އާ ޗެއާމަންގެ ވާހަކަ ވާނީ ޓީމާ ދުރުގައި މާޔޫސްވެފައިތިބި ނިއުގެ ސަޕޯޓަރުންނަށް ލިބުނު ހިތްހަމަ ހިތްހަމަޖެހުމަކަށް ވާނެ އެވެ. އެހެނަމަވެސް އުފެދޭ ސުވާލަކީ މިހާރު އެ ކުލަބަށް އެކަން ވެދާނެ ހެއްޔެވެ؟ ހުދު ބާޒު ޖެހި ނޫ ދިދައާއެކު ނިއުގެ އާދަޔާ ހިލާފު ސަޕޯޓަރުން އަލުން ދަނޑު ކައްކުވާލާފާނެ ހެއްޔެވެ؟

މީގެ ކުރިން ސީޒަންގެ ހުރިހާ މުބާރާތެއް ނިއު ހޯދިއިރު ވާދަ ކުރަން ތިބި އެހެން ޓީމުތައް ފެނުނީ ބަލި ކަށި ކޮށެވެ. ދެހާސް ތޭރަ ވަނަ އަހަރު ނިއު ހުރިހާ މުބާރާތެއް ކާމިޔާބު ކުރިއިރު އެޓީމާ އެންމެ ވާދަވެރި ވިކްޓްރީ އާއި ވެލެންސިއާ ފެނުނީ ވަރަށް ވެސް ބަލި ކަށި ކޮށެވެ. އެ އަހަރު ވިކްޓްރީ ރެލިގޭޓް ނުވީ ވެސް ހަމަ ކިރިޔާ އެވެ.

މިހާރު ފުޓްބޯޅައިގެ ހާލަތު އަނެއްކާވެސް ބަދަލު ވެއްޖެއެވެ. ވޭތުވެދިޔަ ތިން އަހަރުގައި ފުޓްބޯޅައިގެ ފޯރި ކެނޑުނަސް ޓީމުތަކުގެ ފެންވަރު ރަނގަޅެވެ.

"މިއީ 2013 އެއް ނޫން ޓީމުތައް ވަރަށް ތަފާތު ފަސޭހަ ވާނެ ކަމަށް ބަލާ ޓީމުތައް ވެސް އުނދަގޫ، އޭރު ވަރުގަދަ ޓީމެއްގެ ގޮތުގައި އޮތީ ނިއު އެކަނި. މި ދެ އަހަރަކީ ޓީމުތައް ވަރުގަދަ ކޮށް ފެނުނު އަހަރެއް މިއަހަރު ޓީމުތައް އެއްވުރެވެސް ވަރުގަދަ،" ފުރަތަމަ ޑިވިޝަންގެ ޓީމެއްގެ ކޯޗަކު ބުންޏެވެ.

މިދިޔަ ސީޒަން ހުސްއަތާ ނިންމާލި، ނިއު އިން މި ސީޒަންގައި ނުކުންނަނީ ރޭވުންތެރިކަމާއކު ރަނގަޅު ސްކޮޑަކާއެކު އެވެ. ވާދަވެރި އެހެން ޓީމުތައް ވެސް ވަރުގަދަ ސްކޮޑެއް އެބައޮތެވެ. ލީގް ޗެމްޕިއަން މާޒިޔާގައި އޮތީ ދެތިން އަހަރު ވަންދެން އެއްކޮށް ކުޅުނު ވަރުގަދަ ސްކޮޑެކެވެ. މުހިންމު ތިން ކުޅުންތެރިން ދިއުން ފިޔަވައި އެ ޓީމުގެ ސްކޮޑުން މާބޮޑު ތަފާތެއް ފެންނާކަށް ނެތެވެ.

ޓީމު ދޫކޮށް ދިޔަ ކުޅުންތެރިންގެ ޖާގަތައް ރަނގަޅު ބިދޭސީ ކުޅުންތެރިން ހޯދައިގެން ފިލް ކުރާނެ ކަމަށް މީގެ ކުރިން އަވަސް އަށް ދިން އިންޓަވިއުގައި މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު (ވައްކޭ) ވަނީ ވިދާޅުވެފަ އެވެ.

އޭއެއެފްސީ ކަޕްވެސް ކުރިމަތީގައި އޮތުމާއެކު އެޓީމުން ދަނީ ރަނގަޅު ޓީމެއް އެކުލަވާލަމުން ނެވެ. މެސަޑޯނިއާގެ މާރުޖޮން ސެކްލޮސްކީ ގެނެސް އެޓީމުން ދަނީ އޭއެފްސީ ކަޕަށް ތައްޔާރު ވަމުން ނެވެ.

އީގަލްސް ވެސް މިފަހަރު އޮތީ މިދިޔަ އަހަރަށް ވުރެ ވަރުގަދަ ސްކޮޑެކެވެ. މުހިންމު މެޗުތަކުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ގައުމީ ޓީމުގެ އެޓޭކިން މިޑްފީލްޑާ އަހްމަދު ނާޝީދު (ނާއްޓޭ) އަލުން އެ ޓީމަށް ގެނެސް އެޓޭކިން ރަނގަޅު "އިންޖީނެއް" އަޅައިފި އެވެ. ޓީމުގައި ތިބި ޒުވާން ކުޅުންތެރިންގެ ފަރާތުން މިފަހަރު ވެސް ތަފާތު ފެންނާނެ ކަމަށް ބެލެވެ އެވެ.

ޓީސީގެ ސްކޮޑުން ވެސް މުހިމު ތިން ކުޅުންތެރިޔަކު ދިއުން ފިޔަވައި މާބޮޑު ބަދަލެއް ނެތެވެ. ޓީމުން ދިޔަ ކުޅުންތެރިންގެ ބަދަލުގައި ރަނގަޅު ބިދޭސީ ކުޅުންތެރިން ގެންނާނެ ކަމަށް ޓީސީގެ މެނޭޖްމެންޓުން ވަނީ ބުނެފަ އެވެ.

މި ދިޔަ ތިން އަހަރުވެސް އަލަށް އަންނަ ޓީމުގެ ފަރާތުން ތަފާތު ދައްކަ އެވެ. މިފަހަރު އޮތީ ގްރީން ސްޓްރީޓެވެ. ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ހުރި ގިނަ ކުޅުންތެރިންތަކެއް ޓީމަށް ހޯދައިފި އެވެ. އަދި ޔޫކްރޭންގެ ޓޮޕް ލީގްގައި ކުޅެފައިވާ ތިން ކުޅުންތެރިޔަކު އެޓީމަށް ގެނައުމުގެ ހުރިހާ ކަމެއް ވަނީ ހަމަޖެހިފަ އެވެ.

މިދިޔަ ފަސް ވަރަކަށް އަހަރު ބަލިކަށި ކޮށް ފެނުނު ވިކްޓްރީން މިއަހަރު ދައްކަނީ ތަފާތު މަންޒަރެކެވެ. ވިކްޓްރީން ތަފުސީލުތައް ހާމަ ނުކުރިޔަސް މި އަހަރު އެޓީމުން ވަރުގަދަ ސްކޮޑެއް ވަނީ އެކުލަވާލާފަ އެވެ. ކުލަބުގެ ޗެއާމަން އިބްރާހިމް ނަޒީމް ވިދާޅުވި ގޮތުގައި މިދިޔަ ފަސް އަހަރު ފެނުނު ވިކްޓްރީއަށް ވުރެ ތަފާތު ވިކްޓަރީއެއް މިފަހަރު ފެންނާނެ އެވެ.

ޓީމަށް ގެންދިޔަ ކުޅުންތެރިންގެ އިތުރަށް ވަރުގަދަ ބިދޭސީ ކުޅުންތެރިންތަކެއް ގެންނާނެ ކަމަށް ނިއު އިންވެސް ވަނީ ބުނެފަ އެވެ. ނަމަވެސް ޓީމުތައް މިހާރު ހުރި ފެންވަރާ ބަލާއިރު އެއްވެސް ޓީމަކަށް ސީޒަންގެ ހުރިހާ މުބާރާތެއް ކާމިޔާބު ކުރުމަކީ ފަސޭހަ ކަމަކަށް ނުބެލެވެއެވެ. އެހެން ކަމުން މިފަހަރު ނިއުއަށް މިކަން ވެދާނެ ހެއްޔެވެ؟