މެކްސިކޯ

މެކްސިކޯގައި އެމެރިކާގެ އޮފިޝަލަކަށް ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި

މެކްސިކޯގައި ހުންނެވި އެމެރިކާގެ ކޮންސިއުލާ އޮފިޝަލަކަށް މީހަކު ބަޑިން ހަމަލާދީ ޒަހަމްކޮށްލައިފި އެވެ.

އެމެރިކާގެ ދަ ނިއުޔޯކް ޓައިމްސް ނޫހުން ރޭ ބުނީ މެކްސިކޯގެ ދެވަނަ އަށް އެންމެ ބޮޑު ޝަހަރު ކަމަށްވާ ގުއާޑަލަޖަރާގައިވާ އެމެރިކާގެ ކޮންސިއުލޭޓްގައި މަސައްކަތް ކުރައްވާ އެ އޮފިޝަލަށް ހުކުރު ދުވަހުގެ ރޭ މީހަކު ހަމަލާ ދިނީ ޝޮޕިން މޯލެއްގެ ބޭރުގައި ކަމަށެވެ.

ބަޑީގެ ހަމަލާ އަމާޒުވި އޮފިޝަލުގެ ނަން އެމެރިކާ ސަރުކާރުން އަދި ހާމައެއް ނުކުރެއެވެ. މެކްސިކޯ ސިޓީގައި ހުންނަ އެމެރިކާ އެމްބަސީން ބުނެފައި ވަނީ އޮފިޝަލުގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. ހަމަލާއާ ބެހޭ އިތުރު ތަފުސީލެއް އެމެރިކާއަކުން ވެސް މެކްސިކޯއަކުން ވެސް އަދި ހާމައެއް ނުކުރެއެވެ. އެގޮތުން އޭނާއަށް ހަމަލާ ދިނީ ކޮން ކަމަކާ ގުޅުވައިގެން ކަމެއް ވެސް އަދި ހާމައެއް ނުކުރެއެވެ.

އެމެރިކާގެ އޮފިޝަލަށް ހަމަލާދިން މަންޒަރު ފެންނަ ވީޑިއޯއެއް މިހާރުވަނީ އާއްމުކޮށްފަ އެވެ. އަދި އޭނާއަށް ހަމަލާދިން މީހަކު ހޯދުމަށް އެހީއަކަށް ފުދޭ މައުލޫމާތެއް ދޭ މީހަކަށް 20000 އެމެރިކާ ޑޮލަރު ދޭން ކަމަށް އެމެރިކާގެ ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ވަނީ ހުށަހަޅާފައެވެ. -- ނިއުޔޯކް ޓައިމްސް