ދުނިޔެ

ބޯޑަރު ބޮޑު ފާރު ރާނަން ޓްރަމްޕަށް ހުއްދަ ދީފި

އެމެރިކާ އަދި މެކްސިކޯ ގުޅޭ ބޯޑަރުގައި ބޮޑު ފާރެއް ރޭނުމުގެ ހުއްދަ އެމެރިކާގެ ސުޕްރީމް ކޯޓުން ޑޮނަލްޑް ޓްރަމްޕަށް ދީފި އެވެ.

މެކްސިކޯއާ އެމެރިކާ ގުޅޭ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ ރިޔާސީ ވައުދެކެވެ. ޓްރަމްޕު ވިދާޅުވީ ފާރު ރާނަން ނިންމީ، މެކްސިކޯއިން އެތެރެކުރާ މަސްތުވާތަކެއްޗާއި، ރެފިއުޖީން އެމެރިކާއަށް ވަނުން މަދު ކުރުމުގެ ގޮތުންނެވެ. އެމެރިކާގައި ދައުރުވާ މަސްތުވާތަކެތީގެ 85 ޕަސަންޓަކީ މެކްސިކޯ އާއި އެމެރިކާ ގުޅޭ ބޯޑަރުން އެތެރެކުރާ މަސްތުވާތަކެއްޗެވެ.

ސުޕްރީމް ކޯޓުގެ މި އަމުރާއެކު އެމެރިކާގެ ފިނޭސް މިނިސްޓްރީން ޕެންޓަގަނަށް 2،2 ބިލިއަން ޑޮލަރު ދޭނެ އެވެ. އެންމެ ފުރަތަމަ ފާރު ރާނަން ކަނޑައަޅައިފައިވާ ބަޖެޓަކީ އެއް ބިލިއަން ޑޮލަރެވެ. ނަމަވެސް އެމެރިކާގެ ކޮންގްރެސް އަދި ސުޕްރީމް ކޯޓުން ޕެންޓަގަނަށް ބަޖެޓު ނުދިނުމުން ޓްރަމްޕު ވަނީ އެމެރިކާގައި ކުއްލި ހާތަލު ވެސް އިއުލާންކުރައްވާފަ އެވެ. މީގެ އިތުރުން ދެ ފަހަރަކު ވަނީ ދައުލަތް ހުއްޓުމަކަށް އައިސްފަ އެވެ.

ފާރު ރޭނުމުގެ ހުއްދަ ދިނުމުން، ޓްރަމްޕު ވިދާޅުވީ، މިއީ ބޯޑަރު ފާރު ރޭނުމުގައި ލިބުނު ބޮޑު ކުރި އެރުމެއް ކަމަށާއި، އަދި ބޯޑަރު ބެލެހެއްޓުމުގައި ވެސް ލިބުނު ކުރި އެރުމެއް ކަމަށެވެ.

ފާރު ރޭނުމާއި ދެކޮޅަށް އެމެރިކާގެ ބައެއް މީހުން ދަނީ ފާޑު ކިޔަމުންނެވެ. އެގޮތުން ބޯޑަރު އެމަޖެންސީއަކީ ޓްރަމްޕު އަމިއްލަފުޅަށް އުފައްދައިގެން އުޅޭ އެމަޖެންސީއެއް ކަމަށް ވެސް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.