ދުނިޔެ

އެލް ޗަޕޯ އުމުރަށް ޖަލަށްލާން ހުކުމްކޮށްފި

މަސްތުވާތެކެތީގެ ވިޔަފާރި ދުނިޔޭގެ ފެންވަރުގައި ކުރަމުންދާ މެކްސިކޯގެ ޑްރަގް ޑީލަރެއް ކަމަށްވާ ހުއާކިން ގުޒްމަން ނުވަތަށް އަލް ޗަޕޯ އުމުރަށް ޖަލަށް ލާން އެމެރިކާގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

މިދޔަ ފެބްރުއަރީ މަހު އަލް ޗަޕޯގެ މައްޗަށް ވަނީ މަސްތުވާތަކެތި ޓްރެފިކް ކުރުމާއި މަނީ ލޯންޑާކުރި ކަމުގެ 10 ދައުވާއެއް ސާބިތުވެފަ އެވެ. އަލް ޗަޕޯގެ މައްޗަށް އިއްވި އުމުރު ދުވަހުގެ ހުކުމުގެ އިތުރުން ފަސް އަހަރުގެ ހުކުމެއް ވެސް ކޯޓުން ވަނީ އިއްވާފަ އެވެ. އިތުރު ފަސް އަހަރުގެ ހުކުމެއް އަލް ޗަޕޯގެ މައްޗަށް އިއްވީ ގަވާއިދާ ހިލާފަށް ހަތިޔާރު ގެންގުޅުމުގެ ދައުވާ ސާބިތުވެގެނެވެ. އެހެންކަމުން ޖުމްލަ 30 އަހަރުގެ ހުކުމެއް އަލް ޗަޕޯގެ މައްޗަށް ކޯޓުން ވަނީ އިއްވާފަ އެވެ.

ޝަރީއަތުގައި އަލް ޗަޕޯ އާއި ދެކޮޅަށް ހެކިބަސް ދިން މީހުންގެ ތެރޭގައި އޭނާއާ އެއްކޮށް ގިނަ އަހަރުތަކެއް ވަންދެން މަސައްކަތް ކުރި މީހުން ވެސް ހިމެނެ އެވެ. އަދި އޭނާ ވަނީ އެތައް ސަތޭކަ ޓަނުގެ މަސްތުވާތަކެތި އެމެރިކާއަށް އެތެރެކޮށް ގިނަ އަދަދެއްގެ މީހުން މަރައި އެތައް ބަޔަކަށް އަނިޔާކޮށްފައި ކަމަށް ހެކިބަސް ދިން މީހުން ބުނެފައި ވެއެވެ.

ނަމަވެސް އަލް ޗަޕޯ ކޯޓުގައި ބުނެފައިވަނީ ޝަރީއަތް ދިޔައީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށެވެ. ޝަރީއަތަށް މީޑިއާއި އެހެން ބޮޑެތި ވިޔަފާރިވެރިން އެއްވެގެން ނުފޫޒު ފޯރުވާފައިވާ ކަމަށް އަލް ޗަޕޯ ބުންޏެވެ.

މަސްތުވާތަކެތީގެ ވިޔަފާރި ކުރަމުންދާކަމުގެ ކުށުގައި އަލް ޗަޕޯ ވަނީ 2001 ވަނަ އަހަރު މެކްސިކޯއިން ހައްޔަރުކޮށްފަ އެވެ. ނަމަވެސް އެފަހަރު އޭނާ ވަނީ ޖަލުން ފިލައިފަ އެވެ. އޭގެ 13 އަހަރު ފަހުން އަލް ޗަޕޯ އަލުން ހައްޔަރު ކުރުމުން ވެސް ވަނީ ޖަލުން ފިލައިފަ އެވެ. އޭގެ ފަހުން 2016 ވަނަ އަހަރު އަލްޗަޕޯ ހައްޔަރު ކުރުމަށްފަހު ވަނީ އެމެރިކާއާ ހަވާލު ކޮށްފަ އެވެ.